ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

ލޮކްޑައުންގައި 3016 މީހަކަށް މާލެ އައުމުގެ ހުއްދަ ދީފި

މާލެ ސިޓީ ލޮކްޑައުން ކުރުމާއި ގުޅިގެން މާލެ ނާދެވި ރަށްރަށުގައި ތިބި މީހުންގެ ތެރެއިން 3000 ވުރެ ގިނަ މީހުންނަށް މާލެ އައުމުގެ ހުއްދަ ދީފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

އަރާ ފޭބުން މަނާކޮށް މާލެ ސިޓީ ލޮކްޑައުން ކުރީ ފުރަތަމަ ފަހަރަށް މާލެއިން ކޮވިޑްގެ ބަލި މީހަކު ފެނުމާއި ގުޅިގެންނެވެ. އެއީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ.

ކުއްލި ގޮތަކަށް މާލެ ސިޓީ ލޮކްޑައުންކޮށް ފިޔަވަޅުތައް ވަރުގަދަ ކުރުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު މާލެ ނާދެވި ރަށްރަށުގައި ތާށިވިއެވެ. އެ ދުވަހުން ފެށިގެން މާލެ އެރޭނީ ފުލުހުންދޭ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް ވަނީ ހަމަޖައްސާފައެވެ. މާލެ ނާދެވި ރަށްތަކުގައި ތިބި މީހުން އެކަމަށް އެދެވޭނެ ދެ ގޮތެއް ފުލުހުން ވަނީ ހަމަޖައްސާފައެވެ. އެއީ އެކަމަށް އެދޭ ހާއްސަ ޕޯޓަލް މެދުވެރިކޮށް ނުވަތަ އީ-މެއިލް މެދުވެރިކޮށެވެ.

މިހާތަނަށް މާލެ އެރުމުގެ ހުއްދަ ދީފައިވާ މީހުންގެ ތަފާސް ހިސާބު ހާމަކޮށް ފުލުުހުން މިރޭ ބުނީ މިއަދުގެ ނިޔަލަށް 3016 މީހަކަށް މާލެ އެރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

މާލެ ސިޓީގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން އެކި ބޭނުންތަކަށް އަތޮޅުތެރޭގެ ރަށްތަކަށް ދިޔަ މީހުންގެ ތެރެއިން މާލެ ސިޓީ ލޮކްޑައުން ކޮށްފައިވާތީ މާލެ ނާދެވިފައިތިބި މީހުންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުންވެސް ވަނީ ފަށާފައެވެ.

މީގެ އިތުރުން މާލޭގައި ތިބި އަތޮޅުތެރޭގެ އެތައް ބަޔަކުވެސް ތިބީ ރަށައް ނުދެވި މާލޭގައި ތާށިވެފައެވެ. އެމީހުން ރަށްރަށައް ފޮނުވަން ހަމަޖެހިފައިވަނީ އެޗްޕީއޭއިން ކަނޑައަޅާ ތަނެއްގައި 14 ދުވަހު ކަރަންޓީންވުމަށްފަހު ބަލި ނެތްކަން ކަށަވަރު ކުރުމަށްފަހު ގައެވެ.

މިހާރުވެސް 800 ވުރެ ގިނަ މީހުން ގެންދަނީ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަމުންނެވެ.

މާލެ ސިޓީ ލޮކްޑައުންކުރި މުއްދަތު މިމަހުގެ 28 އަށް ހަމަވާއިރު ލޮކްޑައުން އުވާލާ ލުއިތަކެއް ދިނުމުގެ މަޝްވަރާތައް މިހާރު ވަނީ ފަށާފައެވެ. އެކަމުގެ އިޝާރާތެއް ހެލްތް މިނިސްޓަރު އަބްދުﷲ އަމީންވެސް ވަނީ ދެއްވާފައެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 1،100 މައްޗަށް އަރާފައިވާއިރު މިފަހުން ކޮންމެ ދުވަހަކު ޕޮޒިޓިވްވާ އަދަދު ދަނީ ބޮޑުތަނުން މަދުވަމުންނެވެ.