ބޮލީވުޑްގެ ފަންނާނުންގެ ތެރެއިން ކޮވިޑް-19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވީ "ބޭބީ ޑޯލް" ލަވައިން މަޝްހޫރުކަން ހޯދި ލަވަކިޔުންތެރިޔާ ކަނިކާ ކަޕޫރެވެ. ކަނިކާ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މިދިޔަ މާޗް މަހު ލަންޑަނަށް ކުރި ދަތުރެއް ނިންމާފައި އެނބުރި އިންޑިޔާއަށް އައިތަނާ އެވެ.
މި ބަލީގައި ކަނިކާގެ ހާލު ގޯސްވެ ހޮސްޕިޓަލުގައި ވެސް އެޑްމިޓް ކުރަން ޖެހުނެވެ. އަދި އޭނާގެ ނަތީޖާ ނެގެޓިވްވީ ފަސް ފަހަރަށް ޓެސްޓް ކޮށްގެންނެވެ. މިހާރު ކަނިކާ ގަސްތު ކުރަނީ ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް އޭނާގެ ލޭ ހަދިޔާ ކުރަން ކަމަށް އޭނާ އިއްޔެ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވެއެވެ. އެއީ ލޭގައި އެކުލެވޭ ޕްލަސްމާގެ ބައި ވަކިން ނަގައިގެން މިހާރު ކޮވިޑް-19 މީހުންނަށް ދޭ ފަރުވާއަކަށް އޭނާ ހަދިޔާ ކުރާ ލެއެވެ.
ކަނިކާއަށް ބަލި ޖެހުމާއެކު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އޭނާއާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ފަތުރަން ފެށި އެވެ. އެގޮތުން އޭނާ އެއާޕޯޓް ސްކްރީނިން ނުހަދާ ފާޚާނާގައި ފިލާ ހުރެފައި ނުކުމެގެން އައި ކަމަށް އެއްބަޔަކު ބުންޏެވެ. އަދި އޭގެ ފަހުން ލަކްނޫގައި އޮތް ޕާޓީއަކަށް ދިޔަ ކަމަށް ބުނެ ވެސް ފާޑުކިޔާފައި ވެއެވެ.
ހޮސްޕިޓަލުން ދޫކޮށްލުމާއެކު ކަނިކާ ވަނީ އޭނާއަށް ފާޑުކިޔާ ތަފާތު ވާހަކަތައް ދައްކާ މީހުންނަށް އަމާޒުކޮށް ވަރުގަދަ ބަޔާނެއް ނެރެފަ އެވެ. އޭނާ ބުނީ އެއާޕޯޓް ސްކްރީނިން އަށް ފިލި ކަމަށާއި ޕާޓީ ބޭއްވި ކަމަށް ބުނެ ދައްކާ ވާހަކަ ތަކުގައި އެއްވެސް ހަގީގަތެއް ނެތެވެ.
އަދި ޔޫކޭ އާއި އިންޑިޔާ އިން ވެސް އޭނާއާ ކޮންޓެކްޓްވީ އެއްވެސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ނުވާކަމަށް ވެސް ކަނިކާގެ ބަޔާނުގައި ބުނެފައި ވެއެވެ.
ލަންޑަނުން އެނބުރި އައި ދުވަހު އެއާޕޯޓުން ސްކްރީން ކުރި ކަމަށާއި އޭރު ބަލީގެ އެއްވެސް އަލާމާތެއް އޭނާގެ ކިބައިން ނުފެންނަ ކަމަށް ކަނިކާ ބުންޏެވެ. އޭގެ އަނެއް ދުވަހު އޭނާގެ އުފަން ރަށް ލަކްނޫއަށް ދިޔައީ ޑޮމެސްޓިކް ފްލައިޓްގައި ކަމަށާއި އެ ފްލައިޓްތަކުގައި ދަތުރުކުރާ މީހުން އޭރު ސްކްރީން ނުކުރާ ކަމަށް ކަނިކާ ބުނެފައި ވެއެވެ. އެހެންވެ ބަލި ޖެހިފައިވާ ކަން ނޭނގި ގިނަ ބަޔަކު ދިޔަ ޕާޓީއަކަށް އޭނާވެސް ދިޔަ ކަމަށް ކަނިކާ އެއް
"އަހަރެންނަށް ބަލީގެ އަލާމާތްތައް ފެންނަން ފެށީ މާޗް 17، 18 ހިސާބުގަ. އެހެންވެ އަހަރެން އަމިއްލައަށް އެދިގެން ޓެސްޓްކުރީ ވެސް،" ކަނިކާގެ ބަޔާނުގައި ވެއެވެ.
މިކަމުގައި ކަނިކާ ފަރުވާ ކުޑަކޮށް ބަލިޖެހިފައި ހުރެ ޕާޓީތަކަށް ގޮސް ހެދިކަމަށް ބުނެ އޭނާއާ ދެކޮޅަށް ފުލުހުންނަށް ވެސް މައްސަލަތައް ހުށަހަޅާފައި ވެއެވެ.