ބޮލީވުޑް

ފިލްމު ކުޅުމާ ދުރަށް ދިޔަ ސަބަބު ލާރާ ކިޔައިދީފި

ބަތަލާ އަދި ކުރީގެ ރީތީގެ ރާނީ ލާރާ ދައްތާ އޭނާގެ ފިލްމީ ކެރިއަރު މަޑުޖައްސާލާފައި ގޭގައި ގިނަ ވަގުތު ހޭދަކުރަން ނިންމި ސަބަބު ކިޔައިދީފި އެވެ. ލާރާ ބުނީ ކެރިއަރު ކުޑަކޮށް މަޑުޖައްސާލީ ދަރިފުޅު، ސައިރާއަށް ފުރިހަމަ ސަމާލުކަންދީ ގިނަ ވަގުތު ދަރިފުޅާއެކު ހޭދަކުރުމަށް ބޭނުން ވެގެންނެވެ.

ލާރާ ބުނި ގޮތުގައި އޭނާ އާއި ފިރިމީހާ، އިންޑިއާގެ ޓެނިސް ޗެމްޕިއަން މަހޭޝް ބޫޕަތީ، އެއްބަސްވެފައި ވަނީ ސައިރާ އާއެކު އޭނާގެ މައިންބަފައިން ކުރެ އެކަކު އަބަދުވެސް ހުންނަން ޖެހޭނެ ކަމަށެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ލާރާ ބުނީ ސައިރާ ލިބުމާއެކު އެހެން ހުރިހާ ކަމެއް ދޫކޮށްލާ ދަރިފުޅާއެކު ހުރިހާ ވަގުތެއް ހޭދަކުރަން ބޭނުންވި އެވެ. އަދި ދަރިފުޅަށް ނޫން އެހެން އެއްވެސް ކަމަކަށް އިސްކަން ނުދޭން ވެސް ނިންމި އެވެ.

ސައިރާ ދޫކޮށްލާފައި ފިލްމު ކުޅެން ދިއުމަކީ އެއްގޮތަކަށް ވެސް ކުރަން ބޭނުން ނުވި ކަމެއް ކަމަށް ލާރާ ބުންޏެވެ.
ދަރިފުޅު ލިބުނު ފަހުން ލާރާ މަދުމަދުން ފިލްމުތަކުގައި ކުދިކުދި ރޯލުތައް ކުޅެފައި ވެއެވެ. އެ ފަދަ ބައިތައް ކުޅެން އޭނާ ދާނަމަ ފިރިމީހާ ދަރިފުޅާއެކު ގޭގައި މަޑުކުރެ އެވެ.

ފިލްމީ މަސައްކަތާ ލާރާ ދުރުވެ އެހެން ސަބަބެއް ވެސް އޮތެވެ. އެއީ އޭނާއަށް ހިތްހަމަޖެހޭ ކަހަލަ ރޯލުތައް ކުޅެން ނުލިބުމެވެ. ބަތަލާއެއްގެ ހައިސިއްޔަތުން ރަނގަޅަށް ޕާފޯމް ކޮށްލެވޭ ކަހަލަ އަންހެނުންނަށް ޚާއްސަ ރޯލުތައް ނުލިބުމަކީ ލާރާ ފިލްމުތަކުން އެހާ ގިނައިން ނުފެންނަން ދިމާވި މުހިއްމު ސަބަބެކެވެ.

ބަތަލާއެއްގެ އިތުރުން ލާރާ އަކީ ފިލްމު ޕްރޮޑީއުސްކުރުމާއި ވިޔަފާރީގެ ދާއިރާގައި ވެސް ހަރަކާތްތެރިވާ މީހެކެވެ. އޭނާގެ އަމިއްލަ ސްކިންކެއާ ޕްރޮޑަކްޓްތަކެއް އުފައްދާ ވިއްކުމުގެ މަސައްކަތް ލާރާ ކުރެ އެވެ. އެހެންވެ ފިލްމު ނުކުޅުނަސް ލާރާ އުޅެނީ ވަރަށް ބިޒީ ދިރިއުޅުމެކެވެ.

މިހާރު އަނެއްކާވެސް ލާރާ ވަނީ އެކްޓިން ދާއިރާއަށް އެނބުރި އައިސްފަ އެވެ. އެއީ ޑީޒްނީ+ހޮޓްސްޓާގެ ޝޯ "ހަންޑްރެޑް" އިންނެވެ. މި ސީރީޒްގައި އޭނާ ކުޅެނީ ފުލުހެއްގެ ރޯލެވެ. މި ސީރީޒްގެ ބަތަލަކީ ރިންކޫ ރާޖްގުރޫ އެވެ. ނަމަވެސް ސީރީޒްގެ ފުރަތަމަ އެޕިސޯޑް ކްރިޓިކްސް އަށް ކަމުނުގޮސް ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ.