މާލެ ސިޓީއިން 13 ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މިއާއެކު މިއަދު ޕޮޒިޓިވްވީ މިހުންގެ އަދަދު 19 އަށް އެރީ އެވެ. މީގެކުރިން ޕޮޒިޓިވްވެފައިވަނީ ފަސް ދިވެހިންނާއި އެއް ޕާކިސްތާނު މީހެކެވެ.
އަލަށް ޕޮޒިޓިވްވި 13 ދިވެހިންނަކީ ވެސް ފިރިހެނުންނެވެ. އެ އެންމެންގެ ހާލު ވެސް ސްޓޭބަލް އެވެ. މީގެ ތެރޭގައި 45 އަހަރުގެ މީހަކާއި 19 އަހަރާއި 22 އަހަރުގެ ޒުވާނަކު ވެސް ހިމެނެ އެވެ.
މާލެއިން ކޮވިޑް-19އަށް ޕޮޒިޓިވް މީހުން އަދިވެސް ފެންނަމުންދާތީ ލޮކްޑައުންގެ މުއްދަތު ވެސް މިއަދު ވަނީ އިތުރުކޮށްފަ އެވެ. އިތުރުކޮށްފައިވަނީ 14 ދުވަހަށެވެ. މާލޭގައި އެންމެ ފުރަތަމަ ލޮކްޑައުން އިއުލާންކުރީ މާލެ ތެރެއިން ފުރަތަމަ ކޭސް ފެނުނު ދުވަހު އެވެ. އެއީ މި މަހުގެ 15 ވަނަ ދުވަހެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެ ގައުމުގެ 114 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ. ދެން އެންމެ ގިނައީ ދިވެހިންނެވެ.
މީގެ އިތުރުން އިންޑިއާގެ 18 މީހަކުވެސް ޕޮޒިޓިވްވެ ދަނީ ފަރުވާ ހޯދަމުންނެވެ. ދެން ހިމެނެނީ ސްރީލަންކާގެ ދެ މީހުންނާއި ޕާކިސްތާނުގެ ތިން މީހެކެވެ. ޕާކިސްތާނުގެ އަދަދު ތިނަކަށް އެރީ މިއަދު ޕޮޒިޓިވްވި މީހާއާ އެކުގައެވެ. އެއީ ޕާކިސްތާނަށް ނިސްބަތްވާ އަންހެނެކެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 17 މީހުނެވެ. އެ ބަލި ރާއްޖެއިން ޖެހުނު އިޓަލީގެ ދެ މީހަކު ވަނީ ފުރައިގެން ގޮސްފަ އެވެ.