ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 277 އަށް އަރައިފި އެވެ.
އެންއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބުރޫކް ވިދާޅުވީ ބަޔަށް ޕޮޒިޓިވްވި އަދަދު މިހާރު 277 އަށް އަރާފައިވާ ކަމަށެވެ.
މާލެއިން ކޮވިޑް-19އަށް ޕޮޒިޓިވާ މީހުން އަދިވެސް ފެންނަމުން ދާތީ ލޮކްޑައުންގެ މުއްދަތު ވެސް މިއަދު ވަނީ އިތުރުކޮށްފަ އެވެ. އިތުރު ކޮށްފައި ވަނީ 14 ދުވަހަށެވެ. މާލޭގައި އެންމެ ފުރަތަމަ ލޮކްޑައުން އިއުލާންކުރީ މާލެއިން ފުރަތަމަ ކޭސް ފެނުނު ދުވަހު އެވެ. އެއީ މި މަހުގެ 15 ވަނަ ދުވަހެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. ދެން އެންމެ ގިނައީ ދިވެހިންނެވެ. ދިވެހިންގެ 120 މީހަކު ވަނީ މިހާރު ޕޮޒިޓިވްވެފައެވެ.
މީގެ އިތުރުން އިންޑިއާގެ 18 މީހަކު ވެސް ޕޮޒިޓިވްވެ ދަނީ ފަރުވާ ހޯދަމުންނެވެ. ދެން ހިމެނެނީ ސްރީލަންކާގެ ދެ މީހުންނާއި ޕާކިސްތާނުގެ ތިން މީހެކެވެ. ޕާކިސްތާނުގެ އަދަދު ތިނަކަށް އެރީ މިއަދު ޕޮޒިޓިވްވި މީހާއާ އެކުގަ އެވެ. އެއީ ޕާކިސްތާނަށް ނިސްބަތްވާ އަންހެނެކެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 17 މީހުނެވެ. އެ ބަލި ރާއްޖެއިން ޖެހުނު އިޓަލީގެ ދެ މީހަކު ވަނީ ފުރައިގެން ގޮސްފަ އެވެ.