ބޭރު ކުޅިވަރު

ވިލްޝެއާ އަނެއްކާ ވެސް ކުޅުމާ ދުރަށް

Sep 16, 2015

ގާތްގާތުގައި އަނިޔާގެ މައްސަލަތަކާ ކުރިމަތިވުމުގެ ތާރީހެއް އޮތް އާސެނަލްގެ މިޑްފީލްޑަރު ޖެކް ވިލްޝެއާ އަނެއްކާ ވެސް ތިން މަސްދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

އާސެނަލްއިން ބުނީ ހުސްވި މަހު ވިލްޝެއާގެ ވާތު ފަޔަށް ލިބުނު އަނިޔާ އުއްމީދުކުރިހާ އަވަހަށް ރަނގަޅުވަމުން ނާންނާތީވެ އިތުރު އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށެވެ. މިހެންވެ އޭނާ އަށް ދެން ކުޅުމުގެ ތެރެއަށް އާދެވޭނީ ތިން މަސް ދުވަސް ފަހުން ކަމަށް ލަފާކުރެވޭ ކަމަށެވެ.

އުމުރުން 23 އަހަރުގެ ވިލްޝެއާވަނީ ހުސްވި ސީޒަނުގައި ވެސް ވާތުފައިގެ ދެ އޮޕަރޭޝަނެއްކޮށްފަ އެވެ. ނަމަވެސް ކޯޗު އާސެން ވެންގާ ބުނީ ވިލްޝެއާއަކީ ޒުވާން ކުޅުންތެރިއެއް ކަމަށާއި މި އަނިޔާއިން އޭނާ ސަލާމަތްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ވިލްޝެއާ އަށް ވަނީ 2011 ވަނަ އަހަރު ކަކުލުގެ އޮޕަރޭޝަނެއް ވެސް ކުރަންޖެހިފަ އެވެ. އެފަހަރު ވެސް އޭނާ އަށް އެއްއަހަރާއި ތިން މަސްވެންދެން ކުޅުމާ ދުރުގައި ހުންނަންޖެހުނެވެ.