އދ. މަހިބަދޫ ބަނދަރުގައި އަޅާފައިވާ އުޅަނދުތަކެއްގައި އަލިފާން ރޯކޮށްލާފައި ވަނީ ޑިންގީއެއްގައި އެރަށާ ކައިރިކުރި ބަޔަކު ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
މިރޭ ފުލުހުން ނޫސްވެރިންނާ ބައްދަލުކޮށް ފުލުހުން ކުރިއަށް ގެންދާ ބައެއް ތަހުގީގުތަކުގެ މައުލޫމާތު ވަނީ ހިއްސާ ކޮށްފަ އެވެ.
މަހިބަދޫ ބަނދަރުގައި އަޅާފައިވާ އުޅަނދުތަކެއްގައި އަލިފާން ރޯވީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ފަތިހު 5:45 އެވެ. ގާތްގަނޑަށް 2000 އަށް ވުރެ ގިނަ މީހުން އުޅޭ މަހިބަދޫގައި ހިނގި އެ އަލިފާނުގެ ހާދިސާގައި ރޯވެގެން ދިޔަ އުޅަނދުތަކުގެ ތެރޭގައި ސީ އެމްބިއުލާންސްއަކާއި ފުލުހުންގެ ލޯންޗަކާއި އަތޮޅު ކައުންސިލްގެ ލޯންޗެއް ވެސް ހިމެނެ އެވެ. އަދި ތެޔޮ ކުންފުނި އެޗްއެމްއެޗްގެ ދެ ލޯންޗަކާއި އިތުރު ދެ ޑިންގީއެއް ވެސް އަނދައިގެން ދިޔައެވެ.
އަތޮޅުތަކުތެރޭގައި މި ފަހުން ހިނގާދިޔަ އަލިފާނުގެ އެންމެ ބޮޑު ހާދިސާއާ ގުޅޭ ތަފުސީލް ހާމަ ކުރަމުން އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒް މިރޭ ވިދާޅުވީ ލޯންޗްތަކުގައި ރޯކޮށްލީ ޑިންގީއެއްގައި އެ ރަށާ ކައިރިކުރި ބަޔަކު ކަމަށެވެ. އަދި އެމީހުން ލޯންޗްތަކުގައި ރޯކޮށްލީ އަލިފާން ހިފާ އެއްޗެއް ފުޅިއަކަށް އެޅުމަށްފަހު ފުޅީގައި ރޯކޮށްލައި އުޅަނދުތަކަށް އެއްލައިގެން ކަމަށެވެ.
އެފަދަ އެެއްފުޅި މޫދަށް ވެއްޓިފައި އޮއްވާ ފެނިފައިވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދާދި ފަހުން ލ. އަތޮޅުގައި ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލުމާއި އަދި މިފަހުން ހިނގާދިޔަ ބައެއް އަލިފާނުގެ ހާދިސާތަކުގައި އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މިހާތަނަށް މި މައްސަލާގައި މީހަކު ހައްޔަރު ކޮށްފައި ނުވި ނަމަވެސް ފަސް މީހަކު އުޅޭ ގެ ބަލާ ފާސް ކޮށްފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ބައެއް ހެކިތައް ވެސް ފެނިފައިވާ ކަމަށް ވިދާޅުވި އެވެ.
މަހިބަދޫ ބަނދަރުގައި އަޅާފައިވާ އުޅަނދުތަކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ ބަޔަކު ގަސްތުގައި އެ އުޅަނދުތަކުގައި ރޯކޮށްލުމުން ކަމަށް މީގެ ކުރިން ވެސް ފުލުހުން ވަނީ ބުނެފަ އެވެ.