ބޮލީވުޑް

"ޑަރް"ގައި ޝާހްރުކް މާ ވިދާލުމުން ސަނީ ވަރަށް ރުޅިގަދަވި

ޔާޝް ޗޯޕްޅާ 1993 ގައި ޑައިރެކްޓްކުރި "ޑަރް"ގައި ޝާހްރުކް ޚާން އާއި ސަނީ ޑެއޯލް ލީޑް ރޯލު ކުޅެފައި ވެއެވެ. ޖޫހީ ޗައުލާ ބަތަލާގެ ބައި ކުޅުނު މި ފިލްމުގައި ޝާހްރުކް ކުޅެފައި ވަނީ ނުބައި ބައެވެ. މި ފިލްމުން ސަނީ އަށް ލިބެންވާ ކްރެޑިޓް ނުލިބި ޝާހްރުކް ހުރިހާ މަގްބޫލު ކަމަކާއި މަޝްހޫރު ކަމެއް ހޯދިކަމަށް ސަނީ ގަބޫލުކުރެ އެވެ. އަދި 16 އަހަރުވަންދެން ޝާހްރުކާއި ސަނީ ވާހަކަ ނުދައްކަ ތިއްބެވެ.

"އާޕް ކީ އަދާލަތު" ކިޔާ ޓީވީ ޝޯއެއްގައި ސަނީ ބައިވެރިވެ "ޑަރް" ގެ ސެޓުގައި އޭނާ އާއި ޔާޝް ޗޯޕްޅާ އާ ދެމެދު ޚިޔާލު ތަފާތުވާން ދިމާވި މައްސަލަ ކިޔައިދީފައި ވެއެވެ. ސަނީ ބުނި ގޮތުގައި އެ ދުވަސްވަރު އޭނާ ހުރީ ރުޅިއައިސްގެން ހަލާކު ވާވަރު ވެފަ އެވެ.

ސަނީ ފިލްމުގައި ކުޅެފައިވަނީ ކޮމާންޑޯއެއްގެ ރޯލެވެ. ފިލްމު ނިމޭ މަންޒަރުގައި ޝާހްރުކްގެ ކެރެކްޓާ ސަނީގެ ގަޔަށް ވަޅި ހަރާލާތަން ދައްކަ އެވެ. މި މަންޒަރު ވެސް ވީ ސަނީ ވަރަށް ހިތްހަމަނުޖެހުނު މަންޒަރަކަށެވެ.

"އަހަރެން މި މަންޒަރާ ހިތްހަމަ ނުޖެހިގެން ޔާޝް ޗޯޕްޅާ އާ ވަރަށް އަރާރުން ވިން. އަހަރެން ބުނިން ފިލްމުގައި އަހަންނަކީ ކޮމާންޑޯ އޮފިސަރެކޭ. އަހަރެންގެ ކެރެކްޓާއަކީ ތަޖުރިބާކާރު އަދި އެހާމެ ފިޓް މީހެކޭ. އެހެންވީމަ ޝާހްރުކްގެ ކެރެކްޓާއަށް ކިހިނެއްހޭ އޭނާ އެހާ ފަސޭހައިން ބަލި ކުރެވޭނީ. އަހަރެންނަށް ނުފެންނަ ނަމަ އޭނައަށް އަހަރެންނަށް ހަމަލާދީ ބަލި ކޮށްލެވިދާނޭ. ނަމަވެސް އަހަރެން ބަލަން ހުއްޓާ އޭނާއަށް އަހަރެންގެ ގަޔަކަށް ވަޅިއެއް ނުހެރޭނޭ. އެހެންކަމަށް ވަންޏާ އަހަރެންގެ ކެރެކްޓާ އަކީ ކޮމާންޑޯ އަކަށް ނުވާނޭ،" ސަނީގެ އަރާރުމުގެ ތަފްސީލު އޭނާ ކިޔައިދިނެވެ.

ނަމަވެސް ސަނީގެ ޝަކުވާތަކަށް ޑައިރެކްޓަރު ދިނީ ބީރު ކަންފަތެކެވެ. އެކަމާ ރުޅިގަދަ ވެގެން ސަނީ ލައިގެން ހުރި ފަޓުލޫނު ވެސް އިރާލި ކަމަށް ވެއެވެ.

"މަށަށް ނޭނގެ ރުޅިއައިސްގެން ގޮސް ކީއްކަމެއް ވެސް ކުރެވުނީ އަހަރެން އަމިއްލަ އަތުން އަހަރެން ލައިގެން ހުރި ފަޓްލޫނު އިރާލެވުނު އިރުވެސް ނޭނގުނު،" ސަނީ ބުންޏެވެ.

މި ހާދިސާއަށް ފަހު ޝާހްރުކް އާއި ސަނީގެ މެދުގައި ރުޅިވެރިކަން އުފެދި ފިލްމު ރިލީޒްކުރިތާ 16 އަހަރު ފުރުނުއިރު ވެސް އެކަކު އަނެކަކާ ވާހަކައެއް ނުދައްކަ އެވެ.

ސަނީ ބުނީ އެހާ ދުވަހު ވާހަކަ ނުދައްކާ ހުރީ ގަސްތުގައި ނޫން ކަމަށެވެ. އޭނާއަކީ އެހާ ބޮޑަށް އެހެން މީހުންނާ ގުޅުން ބާއްވާ މީހަކަށް ނުވާތީ އޭގެ ފަހުން ޝާހްރުކް އާ އެއްގޮތަކަށް ވެސް ބައްދަލުވެފައި ނެތީ އެވެ.

"ވާހަކަ ނުދެއްކީކީ ނޫން. އެއްގޮތަކަށް ވެސް ބައްދަލު ނުވަނީ. އެހެންވީމާ އެއީ ވާހަކަ ނުދައްކީއެކޭ ނުބުނެވޭނެ،" ސަނީ ބުންޏެވެ.

ނަމަވެސް ފިލްމު ބެލި މީހުން ޝާހްރުކްގެ ކެރެކްޓާއެކޭ އެއްގޮތަކަށް އޭނާގެ ކެރެކްޓާ ދެކެ ވެސް ވަރަށް ލޯބިވީކަން ސަނީ އަށް ފަހުން ވިސްނުނެވެ.

ސަނީ ބުނީ ފިލްމާ ދޭތެރޭ އޭނާ އެންމެ ބޮޑަށް ޖެއްސި މައްސަލައަކީ ފިލްމު ކުޅެން ސޮއި ކުރިއިރު ޝާހްރުކްގެ ކެރެކްޓާ އެހާ ވަރުގަދަކޮށް ބާއްވާނެ ކަމަށް އޭނާއަށް ހީކުރެވިފައި ނެތުމެވެ.

"އަހަރެން ކޮންމެ ފިލްމެއްގައި ވެސް މަސައްކަތް ކުރަނީ ހުޅުވާލެވިފައިވާ ހިތަކާއެކު އެހެން މީހުންނަށް ވަރަށް އިތުބާރު ކޮށްގެން. ނަމަވެސް އެހެން ގިނަ އެކްޓަރުން މަސައްކަތް ކުރަނީ އެގޮތަކަށް ނޫން. ފަހަރެއްގައި ވެދާނެ އެއީ އެމީހުން ސްޓާޑަމް ހޯދަން ބޭނުންވާ ގޮތް ކަމަށް،" ސަނީގެ ވަރަށް ކުރީގެ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

ޝާހްރުކް އާއި ސަނީގެ މެދުގައި އޮތް ރުޅިވެރިކަމަށް ނިމުން އައީ ސަނީގެ ދަރިފުޅު ކަރަން ޑެއޯލް ބޮލީވުޑަށް ތައާރަފްކުރާ ފިލްމު ސަނީ އިއުލާން ކުރި ހިސާބުންނެވެ.

ސަނީގެ މި ޓުވީޓަށް ޝާހްރުކް ވަނީ ޖަވާބުދީ، ކަރަން އަށް މަރުހަބާ އާ ހެޔޮ އެދުންތައް ފޮނުވާފައި ވެއެވެ.

"ބައްޕައަށް ކާމިޔާބަށް އެދެން. ދަރިފުޅު ވެސް ހީވަނީ ބައްޕަ ކަހަލަ ވަރުގަދަ އެހާމެ ނިޔަނެތި މީހެއްހެން. ހުރިހާ ކަމެއް ރަނގަޅަށް މެދުވެރި ކުރެއްވުން އެދި ދުއާ ކުރަން،" ޝާހްރުކްގެ ޓުވީޓްގައި ވެއެވެ.