ކަންގަނާ

ފުރަތަމަ އެވޯޑް ބަލާ ނުދެވުނީ ފައިސާ ނެތުމުން: ކަންގަނާ

ކަންގަނާ ރަނާވަތު ބޮލީވުޑަށް ނުކުތީ މީގެ 14 އަހަރު ކުރިން އަނުރާގު ބާސޫ ޑައިރެކްޓްކުރި "ގޭންގްސްޓާ" އިންނެވެ. ފުރަތަމަ ފިލްމުން ވެސް ކަންގަނާ ހުނަރުވެރިކަން ބެލުންތެރިންގެ ހިތް އަތުލި އެވެ.

ފުރަތަމަ ފިލްމުން އޭނާއަށް ލިބުނު ބޮޑު ތަރުހީބުގެ ސަބަބުން ކަންގަނާ އަށް ފަހަތަށް އެނބުރި ބަލާލާކަށް ނުޖެހުނެވެ. އޭގެ ފަހުން އޭނާގެ ފައިތިލަ އިންޑަސްޓްރީގައި ސާބިތުކުރީ ވަރަށް ވަރުގަދަޔަށެވެ. އަދި ބެލުންތެރިންގެ ތެރެއިން ވެސް ގިނަ ބައެއްގެ ލޯބި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ވަނީ ހޯދާފަ އެވެ.

ކަންގަނާއަށް މިހާތަނަށް އާދެވިފައިވަނީ އެހެން އެއްވެސް މީހެއްގެ އެހީތެރިކަމާ ނުލައި އޭނާގެ އަމިއްލައަށް ކުރި ބުރަ މަސައްކަތުންނެވެ.

ކަންގަނާ ފިލްމު ކުޅެން ފެށިއިރު އޭނާއަށް 17 އަހަރެވެ. ފިލްމު ރިލީޒްކުރިއިރު 18 އަހަރު ފުރިއްޖެ އެވެ. ނަމަވެސް ފުރަތަމަ ފިލްމަށް ބޮޑު ކާމިޔާބެއް ލިބުނުއިރު ވެސް ކަންގަނާގެ މާލީ ހާލަތު ވަރަށް ދަށެވެ.

ދާދިފަހުން ކަންގަނާ ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި 2006 ގައި އޭނާއަށް ލިބުނު ބެސްޓް އެކްޓްރެސްގެ އެވޯޑު ބަލާ ވެސް އޭނާއަށް ދެވޭގޮތް ނުވީ ފައިސާ ނެތީމަ އެވެ. އެވޯޑު ހަފުލާ އޮތީ ސިންގަޕޫރުގައި ކަމަށް ވުމުން އެ ގައުމަށް ދަތުރު ކުރެވޭނެ މާލީ ތަނަވަސްކަން ނެތިގެން އޭނާގެ ފަރާތުން އެވޯޑާ ހަވާލުވީ އޭނާގެ އެކުވެރިއެކެވެ.

"އަހަންނަކަށް ނޭނގެ އަހަރެން ނޮމިނޭޓްވެފައި އޮތް ކަމެއްވެސް. 'ގޭންގްސްޓާ' ޓީމުން އެ އެވޯޑު ހަފުލާއަށް ދާން އުޅުނުއިރު އަހަރެން ކައިރީ ވެސް އެހި ކޮބާހޭ ޕްލޭނަކީ. އަހަންނަކަށް އޭރު ނޭނގޭ ސިންގަޕޫރަށް ދާނެ ގޮތެއް ވެސް އަދި ހުންނާނެ ތަނެއް ވެސް. އަދި އަހަރެންގެ ފިލްމުގެ ކުރޫން ކައިރީގައި ސިންގަޕޫރުގެ ޓިކެޓުގެ އަގު އަހާލަން ވެސް އަހަރެންނަށް ލަދުން ނުކެރުނު. އެހެންވެ އަހަރެންނަށް އެވޯޑު ހަފުލާއަށް ދެވޭ ގޮތް ނުވީ. ފަހުން އަހަންނަށް ގުޅާފައި 'ގޭންގްސްޓާ' އާއި 'ކުއީން' ގެ ޑައިރެކްޓަރު އޮފް ފޮޓޮގްރަފީ ބޮބީ ސިންގް ބުނި އަހަރެންގެ ފަރާތުން އެވޯޑާ ހަވާލުވެއްޖައިމޭ. އެވޯޑު ލިބުނުކަން އެނގުނު ވަގުތަކީ އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި އެއް ވަގުތުކޮޅު،" ކަންގަނާ ބުންޏެވެ.

މިހާރު ކަންގަނާ އަކީ އެކްޓަރެއްގެ އިތުރުން ފިލްމުގެ ވާހަކަތައް ލިޔާ ލިޔުންތެރިއެކެވެ. އަދި ފިލްމު ޑައިރެކްޓަރެއް ވެސް މެއެވެ.

އޭނާ ފުރަތަމަ ޑައިރެކްޓްކުރި "މަނީކަރްނިކާ"އަކީ ބަތަލާއިންނަށް އިސްކަން ދީގެން އުފައްދާފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ރަނގަޅު ވިޔަފާރިއެއްވީ ފިލްމެވެ. އަދި ކްރިޓިކްސްގެ ތައުރީފު ލިބުމުގެ އިތުރުން މުޅި ދުނިޔެއިން ވެސް ރަނގަޅު ވިޔަފާރިއެއް ކުރެވި ބޮކްސް އޮފީހުގެ ގިނަ ރެކޯޑްތަކެއް ވެސް މުގުރާލާފައި ވެއެވެ.

އިންޑިޔާގެ ރައްޔިތުންނަށް އެ ގައުމުގެ ސަރުކާރުން ދޭ ވަރަށް ފަޚުރުވެރި އެވޯޑެއް ކަމަށްވާ "ޕަދްމާ ޝްރީ އެވޯޑު"ވެސް ދާދިފަހުން ކަންގަނާ އަށް ވަނީ ލިބިފަ އެވެ.