ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޖަޒުބާތަށްވުރެ ލީޑް ކުރާތަން ފެންނަން ޖެހޭ: ޖަމީލް

ގައުމީ ހަޔާތުގައި ދިމާވާނެ އެންމެ ބޮޑު ކާރިސާ ދިމާވެފައިވާ މި ދަނޑިވަޅުގައި ރައީސުލްޖުމްުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ލީޑް ކުރައްވާތަން ފެންނަން ޖެހޭ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ ހުރިހާ ގައުމުތަކަކަށް ވަނީ ބޮޑު ކާރިސާއެއް ކުރިމަތިވެފައެވެ. މި ހާލަތުން އަރައިގަތުމަށް ގައުމުތަކުން ބޮޑެތި ފިޔަވަޅުތައް އަޅަމުން ގެންދާއިރު ގައުމުތަކުގެ ލީޑަރުން ކޮންމެ ދުވަހަކުހެން ރައްޔިތުންނާއި އެކި ގޮތްގޮތުން ބައްދަލްކޮށް ހަދައެވެ.

ނަމަވެސް ރައީސް ސޯލިހް، މީޑީއާ މެދުވެރިކޮށް ރައްޔިތުންނާއި ބައްދަލްކުރައްވާ މިންވަރު މަދުކަމަށް ބުނެ ބައެއް ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިދިކޮޅާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކުރީގެ ނާއިބް ރައީސް ވިދާޅުވީ ގައުމީ ހަޔާތުގައި ދިމާވާނެ އެންމެ ބޮޑު ކާރިސާ ދިމާވެފައިވާ މި ދަނޑިވަޅުގައި ރައީސުލްޖުމްުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ޖަޒުބާތަށްވުރެ ލީޑްކުރައްވާތަން ފެންނަން ޖެހޭ ކަމަށެވެ.

މިފަދަ ހާލަތަކަށް ގައުމު ތައްޔާރުވެފައިވާ މިންވަރާމެދު ގިނަ ސުވާލުތަކެއް އުފެދޭ ކަމަށާ މިހާލަތުގައި ރައީސުލްޖުމްހޫރިއްޔާ ފަހަތުގައި ހުންނަވައިގެން ނުވާނެ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

"ޖަޒުބާތަށްވުރެ، ރައީސް ސޯލިހުގެ ފަރާތްޕުޅުން ލީޑު ކުރައްވާތަން ފެންނަންޖެހޭ. މިހާލަތުގައި ފަހަތުގައި ހުންނަވައިގެން ނުވާނެ." އެހެން ގައުމުތަކުގެ ލީޑަރުން ކުރައްވާ މަސައްކަތަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން މާވަށު ދާއިރާގެ މެންބަރު މުހައްްމަދު ސައީދުވެސް ވަނީ މިމޭރުމުން ވާހަކަ ދައްކަވާފައެވެ.

ސައީދު ވިދާޅުވީ ފެސިލިޓީތައް ގާއިމް ކުރުމަށް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާއިރު އެތަންތަނުގެ ބޭނުން ނުކުރެވޭތީ އެކަމާ ތަރުޖަމާން މަބުރޫކް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއީ މަބުރޫކް ކަންބޮޑުވުން ފާޅުކުރުމުން ނިމޭނެ މައްސަލައެއް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ސާމްޕަލްނަގާ ނަތީޖާ ނުލިބި އުޅެނިކޮށް ކޮވިޑްގައި ދިވެއްސަކު ނިޔާވެފައިވާތީ ކަންބޮޑުވާ ކަމަށެވެ. އަދި މިއީ ރައީސް ސޯލިހް ރައްޔިތުންނާ މުހާތަބުކުރަން ނޫސްވެރިންގެ ބައްްދަލްވުން ބާއްވަންވީ ވަގުތު ނޫންތޯވެސް ސައީދު ވަނީ ސުވާލު ކުރައްވާފައެވެ.

"..ފައިސާ ޕްރިންޓްކޮށް ބާޒާރަށް ނެރުނަސް ނަތީޖާ ހާސިލް ކުރެވޭނީ ޒިންމާ ނަގައިގެން." ރައީސް ސޯލިހަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވިއެވެ.