ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މަރުވި މީހާގެ ފިރިމީހާވެސް ޕޮޒިޓިވްވި، ހާލު ރަނގަޅު

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ފުރަތަމަ މަރުވި އަންހެން މީހާގެ ފިރިމީހާވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން މަރުވި ފުރަތަމަ މީހާއަކީ މާފަންނު ބަހީޖު ޕެލަސް އައިމިނަތު އާދަމް އެވެ. އޭނާ މަރުވީ އިއްޔެ އިރުއޮއްސި 7:10 އެހާކަންހާއިރު އެވެ.

އެ މީހާއަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު މީހެކެވެ. އެމީހާގެ ނަތީޖާ ލިބިފައިވަނީ މަރުވި ފަހުންނެވެ. އެމީހާއަކީ ޕޭޝަންޓް 126އާ ގުޅުން އޮތް މީހެކެވެ. ޕޭޝަންޓް 126 ޕޮޒިޓިވްވެފައިވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެ ގެ ހުރީ މޮނީޓަރިން ހާލަތުގަ އެވެ.

ދުވަސްވީ އަދި އެހެން ބަލިތައް ވެސް ހުރި އެ އަންހެން މީހާއަކީ ހައި ރިސްކް ކެޓެގެރީގެ މީހެކެވެ. ނަމަވެސް އޭނާގެ ސާމްޕަލް ނަގާފައިވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. ގުޅުންހުރި މީހާ ޕޮޒިޓިވްވި ކަމުގެ ރިޕޯޓް ލިބުނުތާ ހަތަރު ދުވަސް ފަހުންނެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މަރުވި އަންހެން މީހާގެ ފިރިމީހާވެސް މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާއަށް ފަރުވާ ދެމުން ގެންދަނީ ދަރުމަންތަ ހޮސްޕިޓަލްގެ 11 ވަަނަ ފަންގިފިލާގައި ކޮވިޑަށް ފަރުވާ ދިނުމަށް ހަދާފައިވާ ސެންޓަރުގައެވެ.

މަބުރޫކް ވިދާޅުވީ އެމީހާގެ ހާލަތު ގޯސްވުމުން މިއަދު އައިސީޔޫގައި ފަރުވާދިން ކަމަށާ ނަމަވެސް މިހާރު ހާލަތު "ސްޓޭބަލް" ކަމަށެވެ.

މިއަދު އެކަނިވެސް ކޮވިޑް-19 އަށް 119 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މަބުރޫކް ވިދާޅުވީ މިއަދަކީ މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ދުވަސް ކަމަށެވެ. ރޭ މެންދަމު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމަށްފަހު މިރޭގެ ނޫސްވެރިންގެ ބައްދަލްވުމާއި ހަމައަށް 119 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ. އެހެން ކަމުން ރާއްޖެއިން ޕޮޒިޓިވްވީ އަދަދު ވަނީ 396 އަށް އަރާފައެވެ.