ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޮޒިޓިވްވި 95 މީހުން ތިބީ އެއް ތަނެއްގައި

މިއަދު ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން 95 މީހުންނަކީ އެ ތަނެއްގައި އުޅެމުންދިޔަ ބައެއް ކަމަށް އެންއީއޯސީއިން ބުނެފި އެވެ.

މިއަދު އެކަނިވެސް ކޮވިޑަށް 119 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

އޭގެ ތެރެއިން 95 މީހުންނަކީ ބިދޭސީންނެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްއަަށް ނިސްބަތްވާ 61 މީހަކާއި އިންޑިއާގެ 32 މީހެއްގެ އިތުރުން ނޭޕާލްގެ ދެ މީހެކެވެ.

އެންއީއޯސީގެ މިރޭގެ ނޫސްވެރިންގެ ބައްދަލްވުމުގައި ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މި 95 މީހުންނަކީ އެއް ތަނެއްގައި ދިރިއުޅެމުންދާ މީހުން ކަމަށެވެ. އަދި ބިދޭސީން ދިރިއުޅެމުންދިޔަ އެ ތަނަކީ ފުލުހުން މޮނިޓާ ކުރަމުންދިޔަ ތަނެއް ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ބިދޭސީން ދިރިއުޅޭ ތަންތަނުގައި ބަލި ފެތުރިގެން ހިނގައިދާނެ ކަމަށްޓަކައި އެތަންތަން މޮނިޓާކޮށް ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މަބުރޫކް ވިދާޅުވީ މިވަގުތު އެފަދަ 23 ތަނެއް ފުލުހުން މޮނިޓާ ކުރަމުން ގެންދާ ކަމަށާ އެ ތަންތަނުގައި 1085 މީހުން އުޅެމުން ގެންދާ ކަމަށެވެ. އަދި އެ ތަންތަނުގައި އުޅޭ ހުރިހާ މީހުންގެ ސާމްޕަލްތައް ނަގާ ޓެސްޓް ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

އެ ތަންތަނުގައި އުޅޭ މީހުންގެ ހާލަތު އަދި އެމީހުންނަށް ބޭނުންވާ ތަކެތި ރެޑްކްރެސެންޓުން ބަލަހައްޓަމުން ގެންދާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 396 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.