ވިޔަފާރި

އެސްޑީއެފް ފަންޑުގައި ހުރީ 666.8 މިލިއަން ރުފިޔާ

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) ގެ ބޭންކް ބެލެންސުގައި ބާކީ މިހާރު ހުރީ 666.8 މިލިއަން ރުފިޔާ ކަމަށް، ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ 23 ވަނަ ދުވަހު ނެރެފައިވާ ހަފުލާގެ މާލީ ހިސާބުތަކުގެ ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފްގެ ބޭންކް ބެލެންސުގައި ހުރީ 666.8 މިލިއަން ރުފިޔާ އެވެ. އަދި އެސްޑީއެފްގެ އިންވެސްޓަބަލް ބެލެންސުގައި ހުރީ 1.7 ބިލިއަން ރުފިޔާ އެވެ.

އެސްޑީއެފް ފަންޑަށް މި މުއްދަތުގައި ޓްރާންސްފާކޮށްފައިވަނީ 193.0 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި މި ފަންޑަށް 441.1 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ.

އެސްޑީއެފް ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތި ވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެ ދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން އުފައްދާފައިވާ ހާއްސަ ފަންޑެކެވެ. އެސްޑީއެފް އުފެއްދީ 2017 ވަނަ އަހަރު އެވެ. މި ފައިސާ ޖަމާ ކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ ވީއައިއޭ އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އެވެ.