ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކައިވެންޏަށް 73 އަހަރު: ކޮވިޑްޖެހި ދެމަފިރިން މަރު

ކައިވެނިކޮށްގެން އުޅޭތާ 73 އަހަރުވީ ދެމަފިރިންނަށް ކޮރޯނާވައިރަސް ޖެހިގެން މަރުވެއްޖެ އެވެ. މަރުވުމުގެ ކުރިން އެކަކު އަނެކަކު ކައިރީ "އައި ލަވް ޔޫ" އޭ ބުނެލާ އަތުގައި ހިފާލައިގެން ތިބެލުމުގެ ފުރުސަތު ލިބުނެވެ. ވަކިވުމުގެ ސަލާން އެކަކު އަނެކަކާ ކޮށްލަން ފުރުސަތު ލިބުނީ މި ދެމަފިރިންނަށް ފަރުވާ ދެމުންދިޔަ ސިއްހީ އެހީތެރިން އެ ދެ މީހުން ބާއްވާފައި އޮތް އެނދު ގެނެސް އެއް އެނދާ އަނެއް އެނދު ޖައްސާލައިދީ އެމީހުންނަށް އެކުގައި ތިބުމުގެ ފުރުސަތު ހޯދާދިނީމަ އެވެ.

މޭރީ ކެޕްލާ، 93، އާއި ފިރިމީހާ ވިލްފޯޑް، 94، މަރުވީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ވިސްކޮންސިންގެ މިލްވައުކީގެ ހޮސްޕިޓަލެއްގައި މިދިޔަ ހޮނިހިރު ދުވަހު އެވެ.

ފުރަތަމަ މަރުވީ ވިލްފޯޑެވެ. އޭނާގެ އަންހެނުން މަރުވީ އޭނާ މަރުވިތާ ހަ ގަޑިއިރު ފަހުންނެވެ. ދެ މީހުންގެ ބައްޔަކީ އެއް ބަޔަކަށް ވާތީ ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅު ވެސް އެކުގައި ހޭދަކޮށްލުމުގެ ފުރުސަތު ދެމަފިރިންނަށް ލިބުނެވެ. މިއީ އާއިލާއަށް ލިބުނު ހިތްހަމަޖެހުމެއް ކަމަށް ދެމަފިރިންގެ މާމަ / ކާފަ ދަރިފުޅު ނަޓާލީ ލަމޭކާ ބުންޏެވެ.

އެމެރިކާގެ ނޫހަކަށް ނަޓާލީ ކިޔައިދިން ގޮތުގައި މަރުވަންދެން ވެސް ދެ މީހުން ތިބީ އަތާ އަތް ގުޅާލައިގެންނެވެ. މިއީ ހިތްދަތި އެހެނަސް ހިތަށް ހަމަޖެހުން ވެސް ގެނެސްދިން ކަމެއް ކަމަށް ނަޓާލީ ސިފަ ކުރި އެވެ.

ވިލްފޯޑް އާއި މޭރީ އަކީ "ސޯލްމޭޓުން" ގެ ގޮތުގައި އެމީހުންގެ އާއިލާ އާއި ދަންނަ އެންމެން ވެސް ދެކެ އެވެ. ސަބަބަކީ ދެމަފިރިންގެ 73 އަހަރުވީ ކައިވެނީގައި އުޅުނު ލޯބި ދިރިއުޅުމުގެ ސަބަބުންނެވެ.

ވިލްފޯޑްގެ ދެމަފިރިންގެ އެންމެ ފަހު ދުވަސްކޮޅު އެމީހުންނާއެކު ވަގުތުތައް ހޭދަކުރީ ނަޓާލީ އާއި އޭނާގެ ބޭބެ ސްޕެންސާ އެވެ. މާމައަށާއި ކާފަގެ ހަށިގަނޑަށް ކޮރޯނާވައިރަސް އެރި ގޮތެއް ނެނގޭ ކަމަށް ނަޓާލީ ބުންޏެވެ.

ދެމަފިރިންގެ ޖަނާޒާގެ ކަންތައް އާއިލާއިން މިހާރު އިންތިޒާމް ކުރަމުންދާއިރު ގައިދުރުކުރުން އިސްކުރަން ޖެހިފައިވާތީ ގިނަ ބަޔަކަށް ޖަނާޒާގައި ބައިވެރި ވެވޭގޮތް ވަނީ ނުވެފަ އެވެ.

އެމެރިކާގައި ކޮވިޑް-19ގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވަމުންދާއިރު މަރުވާ މީހުންގެ އާއިލާތަކަށް އެމީހުން ބޭނުންވާ ގޮތަށް ޖަނާޒާގައި ބައިވެރިވެވޭނެ ގޮތް ނުވެ ގިނަ ބަޔަކު މިކަން ކުރަން ޖެހެނީ ވީޑިއޯ ކޯލް މެދުވެރިކޮށެވެ.