ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑަށް އެކަށީގެންވާ ފަރުވާއެއް ބޭނުން ކުރަން ހުއްދަ ހޯދަނީ

ކޮރޯނާވައިރަހަށް ވަރަށް އެކަށީގެންވާ ފަރުވާއެއް ހޯދިއްޖެ ކަމަށް ވައިޓް ހައުސްގެ އިމިއުނޮލޮޖިސްޓް ޑރ. އެންތަނީ ފައުސީ އިއުލާން ކުރައްވައިފި އެވެ. އަދި މިއަދުގެ ވަގުތެއްގައި މި ބޭސް ބޭނުން ކުރުމުގެ ހުއްދަ ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބުދަ ދުވަހު ވައިޓް ހައުސްގައި ވާހަކަ ދައްކަމުން ޑރ. ފައުސީ ވިދާޅުވީ އެންޓި-ވައިރަލް ބޭހެއް ކަމަށްވާ ރެމްޑެސިވިއާ އިން ކޮރޯނާ ވައިރަހަށް ވަރަށް ރަނގަޅަށް ފަރުވާދެވި ބޭހުގެ ޕޮޒިޓީވް އަސަރުތައް ފެނިފައިވާ ކަމަށާއި ބަލި ޖެހިފައިވާ މީހުން އަވަހަކަށް ބަލިން ސަލާމަތް ކުރުމަށް މި ބޭހުގެ ފަރުވާ ބޭނުން ކުރެވޭނެ ކަމަށް ވެސް ޑރ. ފައުސީ ވިދާޅުވި އެވެ.

"މި މުހިއްމުވާ ވަރަށް ގިނަ ސަބަބުތައް އެބަހުރި. މީގެން ވަރަށް ރަނގަޅަށް ފަރުވާ ކުރެވޭ. އާއްމުކޮށް ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާކޮށް ރަނގަޅުވާން 15 ދުވަސް ނަގާއިރު ރެމްޑެސިވިއާ ދޭ މީހުން 11 ދުވަހުން ރަނގަޅުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ބޭހުން ވައިރަސް ބްލޮކް ކޮށްލާކަން ވަނީ ސާބިތުވެފަ އެވެ. އެހެންވެ ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު މަދުކުރެވިދާނެ ކަމުގެ އުންމިދު ބޮޑެވެ. ރެމްޑެސިވިއާ ދިން މީހުންގެ ތެރެއިން އަށް ޕަސެންޓް މީހުން މަރުވިއިރު ޕްލެސީބޯ ނުވަތަ މީގެ ފޭކް ބޭސް ދިން މީހުންގެ ތެރެއިން 11 ޕަސެންޓް މީހުން މަރުވެފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ. މިއީ 31 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ޖެހިފައިވާ މީހުންނަށްދޭ އިމަޖެންސީ ފަރުވާގެ ގޮތުގައި ރެމްޑެސިވިއާ އިން ފަރުވާ ދިނުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން މިއަދުގެ ވަގުތެއްގައި އިއުލާން ކުރާނެ ކަމަށް ވެއެވެ.

އެޗްއައިވީ އަށް 1980 ގެ އަހަރުތަކުގައި ފަރުވާއެއް ހޯދުމަށް ކުރި މަސައްކަތުގައި ވެސް ޑރ. ފައުސީ އިސް ދައުރެއް އަދާ ކުރި އެވެ. އޭނާ ވިދާޅުވީ ރެމްޑެސިވިއާ އާއި އިތުރު ބޭސްތައް އެއްކޮށްގެން ފަރުވާ ދިނުމުން އަދި މާ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށެވެ.

އެއީ އެޗްއައިވީ އަށް މިހާރު ފަރުވާ ދޭގޮތަށް އެތައް ބޭހެއް އެއްކޮށްގެން ދޭ ފަރުވާ އެވެ.

ޑރ. ފައުސީގެ މި އިއުލާން ކުރެއްވީ ކޮވިޑް-19 އަށް މިހާތަނަށް ހޯދުނު އެންމެ ރަނގަޅު ފަރުވާ އެވެ. އޭނާ މި ވާހަކަތައް އިއުލާން ކުރެއްވިއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް އެތާ އިންނެވި އެވެ.

ރެމްޑެސިވިއާ އާއި މެލެރިއާ އާ ދެކޮޅަށްދޭ ބޭސް ޙައިޑްރޮކްސީކްލޮރޮކުއިން ދިނުމުގައި ވަރަށް ބޮޑަށް ފަރުވާތެރިވުމަށް ތަކުރާރުކޮށް ޑރ. ފައުސީ އެދިވަޑައިގަތެވެ.

ބުދަ ދުވަހު އޭނާ މި އިއުލާން ކުރެއްވި ބޭހަކީ ކޮވިޑް-19 ބަލި ފެތުރެން ފެށިފަހުން މިހާތަނަށް އޭނާ އެންމެ ހިތްހަމަޖެހުނު އަދި އެންމެ އިތުބާރު ކުރެވޭ ބޭހެވެ. ވިދާޅުވީ މި ބޭހުގެ ކްލިނިކަލް ޓްރައަލް ޖަރުމަން، ގްރީސް، ޑެންމާކް އަދި އިނގިރޭސި ވިލާތުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން މިހާތަނަށް 1090 މީހަކަށް މި ބޭސް ނުވަތަ މީގެ ފޭކް ބޭސް ދީފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ޑރ. ފައުސީ ވިދާޅުވީ ރެމްޑެސިވިއާ އަކީ ކޮރޯނާވައިރަހުން ސަލާމަތްވާން ދޭ ބޭހެއް ނޫނެވެ. އެ ބަލި ޖެހޭ މީހުން އަވަހަށް ފަސޭހަވުމުގައި އެހީތެރިވެދޭ ބޭހެކެވެ.

ރެމްޑެސިވިއާ އަކީ އެބޯލާއަށް ފަރުވާ ކުރެވިދާނެކަމުގެ އުންމީދުގައި އަޖުމަބެލުމަށް އުފެއްދި އެންޓި-ވައިރަލް ފަރުވާ އެކެވެ. ނަމަވެސް އެބޯލާ ވައިރަހަށް މި ބޭހުން ރަނގަޅަކަށް ފަރުވާއެއް ނުކުރެވެ އެވެ. ނަމަވެސް މިހާރު ބެލެވިފައިވަނީ ކޮރޯނާވައިރަހަށް ފަރުވާ ކުރެވިދާނެ ކަމަށެވެ.