ދައުލަތުގެ މީޑިއާ، ޓީވީއެމުން ގެނެސްދޭ ކުޑަކުދިންގެ ޕްރޮގްރާމެއްގައި އެ ކުދިން ލައްވާ ކުރީގެ ދެ ރައީސެއްގެ އިސްތަށިފުޅުގައި އިލްޒާމް އަޅުުވައި އެ ދެ ބޭފުޅުންނަށް ފާޑު ކިޔައި ރައިވަރެއް ފޮނުވި މައްސަލައެއް ހޫނުވެއްޖެ އެވެ.
"ކުޑަ މަސައްކަތެއް" ނަމުގައި ޓީވީއެމް އިން ގެނެސްދޭ ޕްރޮގްރާމުގައި ކުޑަކުދިން ލައްވާ ތަފާތު ރައިވަރު ކިޔުވަ އެވެ. އެގޮތުން އިއްޔެގެ ޕްރޮގްރާމުގައި ކުއްޖަކު ލައްވާ ކިޔުވި ރައިވަރުގައި ބުނެފައި ވަނީ މަކަރާތް ހީލަތް ހެދުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަރިހުން ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ދަސް ކުރައްވައި ރައްޔިތުން މަޖިލީހުގެ މެންބަރުން މެދުވެރިކޮށް ކުރެއްވި ކަންކަމުން ސަލާމަތް ވެވެން ނެތް ވާހަކަ އެވެ.
އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރައްވާ ރައީސް މައުމޫންގެ ދަރިކަލުން އަދި ރައީސް ޔާމީންއަށް ބޭބޭފުޅު ވިދާޅުވާ ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ޓުވިޓާގައި އެއްސެވީ ގައުމު އެއްބައިވަންތަ ކުރަންވީ ވަގުތު މި ފެންނަނީ ކޯލިޝަން ރޫޅާލުމަށް އަލާމާތެއް ހެއްޔެވެ.
"ފުޅިއެއްގެ ތެރޭގައި ފެނާއި ތެލާ އަޅާފައި ކިތަންމެ ވަރަކަށް ތެޅުވިޔަސް ތެޅުވުން ހުއްޓާލުމުން ވަކިވާނެ،" ޣައްސާން ވިދާޅުވި އެވެ. "ދެން ފެންނާނީ ފެނަށް ވުރެ ލޭ އޮލަކަން،" އޭނާ އިތުރަށް ވިދާޅުވެފައި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝީޔާމް އާއި ޕީޕީއެމްގެ އިސް ބައެއް އެހެން މެންބަރުން ވެސް ވަނީ މި މައްސަލާގައި ޓީވީއެމްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އެ މައްސަލާގައި ޓީވީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެއީ ބްރޯޑްކާސްޓް ކުރުމުގެ ގަވައިދުގެ އިތުރުން އާންމު އިޖްތިމާއީ މިންގަނޑާ ވެސް ހިލާފު ކޮންޓެންޓެއް ކަމަށް ގަބޫލުކޮށް އެކަމަށް މާފަށް އެދިފަ އެވެ. އަދި ބުނީ އެކަން ހިނގާފައި ވަނީ ލޮކްޑައުންއާ ގުޅިގެން ޓީވީއެމްގެ މުއައްޒަފުން ހޯމް ޕްރޮޑަކްޝަން އިތުރުކޮށް، އޮޕަރޭޝަން ކެޕޭސިޓީ ދަށް ކުރެވިފައިވާ ވަގުތެއްގައި ކަމަށެވެ.
"މިކަަން ސަމާލު ކަމަށް އައި ވަގުތުން ފެށިގެން މިކަމުގައި އިހުމާލުވި ފަރާތެއް ދެނެގަނެ އެ ފަރާތަކާއި މެދު ގާނޫނާއި ގަވައިދުތަކުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތަކެއް އަޅާފައިވާ ކަމުގެ ޔަގީންކަން މި ފުރުސަތުގައި އަރުވަން،" ޓީވީއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.