ވޮޝިންގްޓަން (މެއި 2) - ކޮވިޑް-19 އިގެ ފަރުވާގައި "ރެމްޑެސިވިއާ" ބޭނުން ކުރުމުގެ ހުއްދަ އެމެރިކާގެ ރެގިއުލޭޓަރުން ދީފި އެވެ.
އެ ބޭހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ކޮވިޑް-19 ޖެހިފައިވާ މީހުން ބަލިން ރަނގަޅުވުމުގައި ވަރަށް ބޮޑަށް އެހީތެރިވެދޭ ކަމަށެވެ. އެގޮތުން، އެ ބަލި ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދޭ މީހުން ރަނގަޅުވާން ހޭދަވާ މުއްދަތު 31 ޕަސަންޓުން ކުރު ކޮށްދޭ ކަމަށް ވަނީ ހާމަވެފަ އެވެ.
އެމެރިކާގައި އެޑްމިޓް ކޮށްގެން ފަރުވާދެމުންދާ ކޮވިޑް-19 އިގެ ޕޭޝަންޓުންނަށް އެ ބޭސް ފޯރުކޮށްދެވޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިއުލާނު ކޮށްފަ އެވެ.
އެ ބޭހުން ކުރާ އަސަރު ދެނެގަތުމަށް ހެދި ދިރާސާގައި، އެ ބޭސް ބޭނުންކުރި ޕޭޝަންޓުން 11 ދުވަހުގެ ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލެވިފައި ވާއިރު، އެ ބޭސް ނުދޭ ޕޭޝަންޓުންގެ އެވަރެޖު ހުރީ 15 ދުވަހުގަ އެވެ. އަދި ބޭހާއެކު މަރުވާ މީހުންގެ އަދަދުވެސް މަދުކުރެވޭނެ ކަމަށް ބައެއް ސިއްހީ މާހިރުން ވަނީ ވިދާޅުވެފަ އެވެ.
ޓްރަމްޕްގެ ސިއްހީ އެޑްވައިޒަރު ޑރ. އެންތަނީ ފައުޗީ ވިދާޅުވީ ކޮވިޑް-19 އިގެ ސަބަބުން ހާލު ސީރިއަސްވާ މީހުނަށް ފަރުވާ ދިނުމުގައި ބޭނުން ކުރެވޭނެ ކަމަށެވެ. ބަލީގެ އަލާމާތްތައް މާ ބޮޑަށް ނުފެންނަ މީހުނަށް އަދި އެ ބޭސް ދެވިފައި ނުވާތީ އެ ބޭހުން އެފަދަ މީހުނަށް ކުރާ އަސަރު އެ ދިރާސާގައި ބަޔާން ކޮށްފައެއް ނުވެ އެވެ.
ރެމްޑެސިވިއާ އުފައްދާ އެމެރިކާގެ ޖިލިއާޑު ކުންފުނިން ބުނީ އެ ބޭހުގެ 1.5 މިލިއަން ފުޅި ހަދިޔާ ކުރަން ނިންމާފައިވާ ކަމަށާއި، ޑިމާންޑު އިތުރުވާނެ ކަމަށް ބަލައިގެން މިހާރުވެސް އެ ބޭސް އުފައްދާ މިންވަރު އިތުރު ކޮށްފައިވާ ކަމަށެވެ. މި ބޭހަކީ އިބޯލާ އަށް ފަރުވާ ދިނުމުގައި އާއްމުކޮށް ބޭނުން ކުރަމުން އައި ބޭހެކެވެ.