ރިޝީ ކަޕޫރަކީ ރޮމެންޓިކް ހީރޯ އެކެވެ. ވަރަށް ގިނަ ލޯބީގެ ފިލްމުތައް ކުޅެފައިވާ ބަތެލެކެވެ. އަދި ސޯޝަލް މީޑިއާ ވުޖޫދަށް އައި ފަހުން އޭނާއަކީ ޓުވިޓާގައި ވެސް ވަރަށް ހަރަކާތްތެރި އެކްޓަރެކެވެ.
ފިލްމު ކުޅުމުގެ އިތުރުން ޑައިރެކްޓް ކުރުމުގެ މަސައްކަތް ވެސް ރިޝީ ކުރި އެވެ. އައިޝްވަރިޔާ ރާއީ އާއި އަކްޝޭ ކަންނާގެ "އާ އަބް ލޯޓް ޗަލޭ" އަކީ ރިޝީ 1999 ވަނަ އަހަރު ޑައިރެކްޓްކުރި ފިލްމެކެވެ. ކަން ދިމާކުރި ގޮތުން މި ފިލްމު ވެގެން ދިޔައީ ރިޝީގެ ހަޔާތުގައި އޭނާ ޑައިރެކްޓްކުރި ހަމައެކަނި ފިލްމަށެވެ. އަދި ރިޝީގެ ކަޕޫރު އާއިލާގެ ފިލްމީ ބެނާ އާރްކޭ ފިލްމްސް އިން ޕްރޮޑިއުސްކުރި އެންމެ ފަހު ފިލްމަކީ ވެސް މި ފިލްމެވެ.
އެ ފިލްމު ޕްރޮޑިއުސްކުރި އިރުވެސް އާރްކޭ ފިލްމްސް އޮތީ ބަނގުރޫޓުވުމުގެ މަގުމަތީގަ އެވެ. އަދި އެ ޕްރޮޑަކްޝަން ހައުސް އަލުން ނަގާ ކޮޅަށް ޖެހުމުގެ އުންމީދުގައި އުފެއްދި ފިލްމު ވެސް ފްލޮޕްވުމުން އިތުރަށް އެ ކުންފުނި ކުރިޔަށް ގެންދެވޭ ގޮތް ނުވީ އެވެ.
މި ފިލްމުގައި ދައްކާފައިވަނީ އިންޑިއާގެ ޒުވާން ބޭރު ގައުމުތަކަށް ޚާއްސަކޮށް އެމެރިކާއަށް ގޮސް ދިރިއުޅުން އާރާސްތުކުރަން މޮޔަވެފައި ތިބޭ މިންވަރާއި އެ ގައުމުތަކުން އެމީހުންނަށް ކުރިމަތިވާ ތަފާތު މައްސަލަ ތަކެވެ.
ރިޝީ ޑައިރެކްޓްކުރި ހަމައެކަނި ފިލްމު ބޮޑުތަނުން ފޭލްވުމުން އޭނާ ދެން އިތުރަށް އެ މަސައްކަތެއް ނުކުރެ އެވެ. އޭނާ 2017 ގައި ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވަނީ އެކްޓަރެއްގެ ގޮތުން އޭނާ ކުރަމުންދާ މަސައްކަތާ މެދު މާ ހިތްހަމަޖެހޭ ކަމަށާއި ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތް އިތުރަށް ނުކުރާނެ ކަމަށެވެ.
ކެންސަރު ފަރުވާއަށް ނިއުޔޯކްގައި ހުރިއިރު ރިޝީ ވަނީ "އާ އަބް ލޯޓް ޗަލޭ"ގެ ޝޫޓިންގްގެ ދުވަސްވަރުގެ ހަނދާންތައް އާކޮށް އެ ފިލްމުގެ ބައެއް މަންޒަރުތައް ޓުވީޓްކޮށްފަ އެވެ. އެ ފިލްމު ޝޫޓުކޮށްފައި ވަނީ ނިއުޔޯކްގައި ކަމަށް ވާތީ އެ ރަށުގައި ހުރުމުން އެ ފިލްމުގެ ހަނދާންތައް ރިޝީގެ އާލާ ވީކަމަށް ބެލެވެ އެވެ.
ރިޝީ މި ދުނިޔެއަށް އަލްވަދާއު ކީއިރު އޭނާގެ 40 އަށް ވުރެ ގިނަ އަހަރުވީ ފިލްމީ ކެރިއަރުގައި އެތައް ސަތޭކަ ފިލްމުތަކެއް ކުޅެފައި ވެއެވެ.