ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮރޯނާވައިރަހުގެ ދެ ވަނަ ރާޅެއްގެ އިންޒާރު

ކޮރޯނާވައިރަހުގެ ފުރަތަމަ ރާޅު ބިންދާލައި ގިނަ ގައުމުތަކަކަށް މި ރާޅުން ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އެމެރިކާގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިލިއަނަކަށް ވުރެ އިތުރުވެފައިވާއިރު ޔޫރަޕްގެ އެހެން ގައުމުތަކުގައި ވެސް އެތައް ލައްކަ ބަޔަކު ދަނީ މި ބަލީގެ ވޭން ތަހައްމަލު ކުރަމުންނެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުން އެތައް ލައްކަ ބަޔަކު ވަނީ މި ބަލި ޖެހިގެން މަރުވެފަ އެވެ.

ސިއްހީ މާހިރުން ވިދާޅުވަނީ ފުރަތަމަ ރާޅު މިހާރު ބަނޑުދަމާލާފައިވާ ކަމަށާއި މަޑުމަޑުން ގައުމުތައް ހަމަޔަކަށް އެޅެމުންދާނެ ކަމަށެވެ. ނަމަވެސް އިނގިރޭސި ވިލާތުގެ ޗީފް މެޑިކަލް އޮފިސަރު ޕްރޮފެސަރު ކްރިސް ވިޓީ ވިދާޅު ވަނީ މި ހިސާބުން އަދި ހިތްހަމަޖެހިލައިގެން ތިބެވެން ނެތް ކަމަށާއި ދެ ވަނަ ރާޅެއް ނެގުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި އެ ފަދަ ރާޅެއް ފުރަތަމަ ރާޅަށް ވުރެ ވަރުގަދަ ވުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށެވެ. ޚާއްސަކޮށް ޔޫރަޕްގެ ފިނި މޫސުމުގައި އެ ރާޅު ނަގައިފިނަމަ މި ފަހަރަށް ވުރެ ބާރުގަދަ ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ އިންޒާރު ކުރެއްވި އެވެ.

ޕްރޮފެސަރު މިހެން ވިދާޅުވީ އިނގިރޭސި ބޮޑުވަޒީރު އެ ގައުމުގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. ބޮޑުވަޒީރު ވިދާޅުވީ އިނގިރޭސި ވިލާތުގައި ކޮވިޑް-19 މިހާރު އަރާނެ ވަރު އަރާ މައިތިރިވާ އަތަށް ޖަހާފައިވާ ކަމަށެވެ.

އޮންލައިން ގްރެޝަމް ކޮލެޖު ލެކްޗަރާ ވިދާޅުވީ ވައިރަސް ރިޕްރޮޑަކްޝަން ރޭޓް "އާރް" ނަންބަރު އެކަކަށް ވުރެ ތިރީގައި ބެހެއްޓުން ވަރަށް މުހިއްމު ކަމަށެވެ. މާނައަކީ މި ބަލި ޖެހިފައިވާ ކޮންމެ މީހެއްގެ ފަރާތުން އެވްރެޖްކޮށް އެހެން މީހުންނަށް ބަލި ޖެހޭ މިންވަރު ދަށްވުމަށް އުންމީދު ކުރެވުމެވެ.

ބުރާސްފަތި ދުވަހު ބޭއްވި ކޮންފަރެންސެއްގައި ޕްރޮފެސަރު ވިދާޅުވީ އިނގިރޭސި ވިލާތުގެ އެކި ހިސާބުތަކުގައި މިހާރު އާރް ނަންބަރު އުޅެނީ 0.6 އާއި 0.9 އާ ދެމެދުގައި ކަމަށެވެ. އަދި މި ނަންބަރު 1 އަށް ވުރެ މައްޗަށް ނުދޭތޯ ކުރެވުނުހާ މަސައްކަތެއް ކުރުން މުހިއްމުކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބަކީ 1 އަށް ވުރެ މަތިވާން ފަށައިފިނަމަ ދެ ވަނަ ރާޅެއްގެ ބިރު ބޮޑުވާނެތީ އެވެ. އަދި ދެ ވަނަ ރާޅެއް އުފެދިއްޖެނަމަ ފުރަތަމަ ރާޅަށް ވުރެ ވަރުގަދަ ވެ ގިނަ ބަޔަކަށް ބަލިޖެހި ގިނަ ބަޔަކު މަރުވުމުގެ ފުރުސަތު ބޮޑުކަމަށް އޭނާ ފާޙަގަ ކުރެއްވި އެވެ.

"ކޮންމެ ގައުމަކަށް ވެސް ބަލިޖެހޭ މީހުންގެ އަދަދު ތިރިކޮށްފައި ބެހެއްޓުން ވަނީ ދަތި އުނދަގޫ ކަމަކަށް ވެފައި. ތެދުތެދަށް ބުނާނަމަ ބުނެވޭނީ މިކަމަށް އެހާ ފަސޭހަ ހައްލެއް ވެސް އަދި ހޯދިފައެއް ނެތޭ. ކޮވިޑް-19 އަކީ އެހާ ފަސޭހައިން ދުނިޔެއަށް ފޮހެލެވޭނެ ބައްޔެއް ނޫން ކަމަށާއި ޓެކްނިކަލް ގޮތުން ބަލާއިރު ބަލި މުޅިން ނައްތާލުމަކީ އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއް ކަމަކަށް ނުބެލެވޭ،" ޕްރޮފެސަރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ކޮވިޑް-19 އަކީ މޫސުމީ އެއްޗަކަށް ވުމުގެ ފުރުސަތު ވެސް ބޮޑު ކަމަށެވެ. ސަބަބަކީ އަރިދަފުސް ރޯގާ އާއި ނޭވާލުމުގެ ނިޒާމުގެ ބަލިތަކަކީ އެއްބައި މޫސުމަށް ގިނަވެ އަނެއްބައި މޫސުމަށް މަދުވާ ބަލިތަކަށް ވާތީ އެވެ. ޚާއްސަކޮށް ފިނި މޫސުމުގައި މިފަދަ ބަލިތައް އެހެން މޫސުންތަކަށް ވުރެ އިތުރު ވެއެވެ.
އޭނާ ފާހަގަ ކުރެއްވި ގޮތުގައި ކޮވިޑް-19 މައްސަލަ ހައްލުވުމަށްފަހު ވެސް ސޯޝަލް ޑިސްޓެންސިން އަށް ފަރުވާތެރިކަން ބަހައްޓައިފިނަމަ އަރިދަފުސް ރޯގާ އާއި ނޭވާލުމުގެ ނިޒާމުގެ ބަލިތައް މަދުވާނެ އެވެ.

ޕްރޮފެސަރު ވިޓީ ވިދާޅުވީ ކޮރޯނާވައިރަހާ ގުޅޭ ވަރަށް ގިނަ ކަންތައްތަކެއް އަދިވެސް އޮޅުން ނުފިލާ ހުރި ކަމަށެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތުގެ އާބާދީގެ ތެރެއިން ބަލިޖެހި އަލާމާތްތައް ނުފެނި ތިބި މީހުންގެ މިންވަރާއި، ބަލީގެ އިމިއުނިޓީ ދެމި ހުންނާނީ ކިހާ ދުވަހަކަށްކަމާއި، އިމިއުނިޓީ ހުރި މިންވަރު ލޭގެ ޓެސްޓަކުން ދެނެގަނެވޭނެ މިންވަރާއި، ވައިރަސް ފެތުރުމުގައި ކުޑަކުދިންގެ ދައުރު އޮތް މިންވަރު އަދި ބަލި ޖެހޭތާ ހަފުތާއެއް ފަހުން ކުއްލިއަކަށް މީހުން މާ ބޮޑަށް ބަލިވާ ސަބަބާއި ބަލި ޖެހޭ މީހުންގެ ތެރެއިން ނިސްބަތުން ގިނަ ފިރިހެނުން މަރުވާ ސަބަބު ހިމެނެ އެވެ.