ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް-19: 80 އަހަރުުގެ މީހާގެ ހާލު ކުރިއަށްވުރެ ގޯސް

May 2, 2020

ކޮވިޑް-19 ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ 80 އަހަރުގެ ފިރިހެން މީހާގެ ހާލު އިތުރަށް ގޯސްވެފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ރާއްޖޭން މިހާތަނަށް 500 އެއްހާ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، ދަރުމަވަންތަ ހޮސްޕިޓަލްގައި މިވަގުތު ފަރުވާދެމުން ގެންދަނީ ފަސް ދިވެހިންނާއި ބިދޭސީއަކަށެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި އައިޖީއެމްއެޗުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ ދަރުމަވަންތައިގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ 80 އަހަރުގެ ފިރިހެން މީހާގެ އެކްސްރޭ އަށް ބަލާއިރު ކުރިއަށްވުރެ ހާލަތު ގޯސްވެފައިވާ ކަމަށެވެ. އަދި އެމީހާ އަށް ބެކްޓީރިއަލް ނިއުމޯނިއާއެއް ޖެހިފައިވާ ކަމަށާއި އެއީ ހޮސްޕިޓަލްގައި އެޑްމިޓްވުމަށް ފަހު، އާންމުކޮށް ދިމާވާ ކަމެއް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އަދި، ބެކްޓީރިއަލް ނިއުމޯނިއާ އަށް ބޭހެއް ދޭން ފެށުމާ އެކީގައި އެމީހާ އަށް ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އޭނާ އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަތާ މިއަދަށް 12 ދުވަސް ވެއްޖެ އެވެ.

"އަދި ކޮވިޑް ސާމްޕަލް ނެގެޓިވްއެއް ނުވޭ. އެކްސްރޭ އަށް މިއަދު ބަލާލާ އިރުގައި ކުރިއަށް ވުރެ ތަންކޮޅެއް ގޯސްވެފައި ހުރި. އެކަމަކު، އޮކްސިޖަން ބޭނުންވާ ވަރު އަދި އެހާ މައްޗަކަށް ނުދޭ. ގާތްގަނޑަކަށް ތިން ލީޓަރުން އޮކްސިޖަން އެބަ ހިފަހައްޓައިދޭ.."

ކޮވިޑް-19 ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އެހެން މީހުންގެ ހާލަތު ވެސް ޑޮކްޓަރު ވިދާޅުވި އެވެ. އެގޮތުން، އައިސީޔޫގައި އޮތް 88 އަހަރުގެ ފިރިހެން މީހާ އަށް ފަރުވާދެމުން އަންނަތާ ތިން ވަނަ ދުވަސްވީ އިރު އޭނާގެ ހާލަތު އެހާ ރަނގަޅު ނޫން ކަމަށާއި އެމީހާ އަށް އޮކްސިޖަން ދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އަދި އިތުރު ކަންތައްތަކެއް ހުރުމުން، އޭނާގެ ހާލު ގޯސްވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

ފަރުވާ ދެމުން އަންނަ، މީހުންގެ ތެރެއިން، އެކަކުގެ ހާލަތު ކުރިއަށްވުރެ ރަނގަޅުވެ، "ޑީއެޗް-17" އަށް ބަދަލުކޮށްފައިވާ ކަމަށާއި ބަލި މީހާ އަށް ހަމައެކަނި ދިމާވެފައި ވަނީ ލިވާގެ މައްސަލަ ކަމަށް އައިޖީއެމްއެޗްްގެ ޑޮކްޓަރު ވިދާޅުވި އެވެ. އޭނާގެ އެއް ސާމްޕަލް ނެގަޓިވް ވި އިރު، އަނެއް ސާމްޕަލްގެ ރިޕޯޓު އަދި ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ހޮސްޕިޓަލްގައި އޮތް 49 އަހަރުގެ ފިރިހެން މީހާ އަށް ވެސް ނޭވާލުމުގައި ދަތިިތަކެއް ހުރެ އޮކްސިޖަން ދެމުންދާ އިރު، ހުން އައުން ފިޔަވައި އިތުރު އުނދަގުލެއް އެމީހާގެ މިވަގުތު ނެތް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އަދި ކުރިއެރުން ލިބުމުގެ ފުރުސަަތު ބޮޑު ކަމަށް ވިދާޅުވި އެވެ.

ފަރުވާދެމުން އަންނަ މީހުންގެ ތެރެއިން 70 އަހަރުގެ ފިރިހެން މީހާގެ ހާލުވެސް އެހާ ގޯސް ނޫން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. ނަމަވެސް އެމީހާގެ ފަރާތުން ކުދިކުދި މައްސަލަތަކެއް ފެންނަ އެބަހުރި ކަމަށާއި އޭގެ ތެރޭގައި ހޮޑުލެވުމާއި ހުން އައުން ފަދަ ކަން ހިމެނެ އެވެ.

ދަރުމަވަންތައިގައި ފަަރުވާދެމުން އަންނަ ހަމަ އެކަނި އަންހެން މީހާގެ ހާލުވެސް ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އެގޮތުން ބައެއް ބޭސްތައް މިއަދު ހުއްޓާލާނެ ކަމަށާއި ބައެއް ކަންކަން ފުރިހަމަ ވަންދެން އައިސީޔޫގައި ބަލަމުން ގެންްދާނެ ކަމަށް ވިދާޅުވި އެވެ. އަދި އެއަށްފަހު ޑީއެޗް17 އަށް ބަދަލު ކުރާނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.