ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އެސްޓީއޯ އީ ސްޓޯރުން 5،000 މީހުން ހިދުމަތް ހޯދައިފި

ގޭގައި ތިބެ، ބޭނުންވާ ތަކެތި އޮންލައިންކޮށް އޯޑަރު ކުރެވޭ ގޮތަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ގާއިމްކުރި އީ-ސްޓޯރް އޮންލައިން ޕްލެޓް ފޯމް މެދުވެރިކޮށް މިހާތަނަށް 5،000 އަށްވުރެ ގިނަ ބަޔަކު ވިޔަފާރި ކޮށްފި އެވެ.

ކޮވވިޑް-19 އާއި ގުޅިގެން ގޭގައި ތިބެގެން ވިޔަފާރިކުރަން އެސްޓީއޯ އިން ހުޅުވި އެ ޕްލެޓްފޯމްގެ ހިދުމަތް ފަށާފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އެސްޓީއޯ އިން ބުނީ މިއަދާ ހަމަޔަށް 5،000 އަށްވުރެ ގިނަ މީހުން އެ ޕްލެޓްފޯމް މެދުވެރިކޮށް ވިޔަފާރިކޮށްފައިވާ ކަމަށެވެ.

އީ-ސްޓޯރް މެދުވެރިކޮށް ދުވާލަކު ނަގަނީ 400 އޯޑަރެވެ. އޯޑަރު ނަގަނީ ރޭގަނޑުގެ ވަގުތު އެވެ. އޯޑަރު ދޭތާ 24 ގަޑިއިރުގެ ތެރޭގައި މުދާ ލިބޭނެ އެވެ. މިގޮތަށް ލިމިޓްކޮށްފައި ވަނީ، ކަސްޓަމަރުންނަށް މުދާ ފޮނުވައި ދިނުމުގައި ދިމާވެދާނެ ދަތި ތަކަކަށް ބަލައިގެން ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯ އިން ވަނީ، މުދާ ގަންނައިރު ހަފުތާއަކަށްވާ ސާމާނު ގަތުމަށް އެ ކުންފުނީގެ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފަ އެވެ. އީ-ސްޓޯރް މެދުވެރިކޮށް ވިޔަފާރި ކުރާއިރު، ރަޖިސްޓާ ވާކަށް ނުޖެހެ އެވެ. އީ-ސްޓޯރް.އެމްވީ އަށް ގޮސް ވިޔަފާރި ކުރެވެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ވަނީ މާލެ ސިޓީ ލޮކްޑައުންކޮށްފަ އެވެ. އަދި ހޯމް ޑެލިވަރީގެ ހިދުމަތް ފެށުމާއެކު އީ-ސްޓޯރަށް ވެސް ލޯޑު ބޮޑު ވެގެން ދިޔަ އެވެ.