ލައިފްސްޓައިލް

ހައްޖަށްދާން އެއްކުރި ފައިސާ ފަގީރުންނަށް ބަހާލައިފި

ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން ގައުމުތަކުގެ ރައްޔިތުންނަށް ބޭރަށް ނުކުމެވޭނެ ގޮތެއް ނެތި ވަރަށް ގިނަބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. އެ ދުވަހެއްގެ މަސައްކަތުން އެ ދުވަހަކު ކައިބޮއި އުޅުނު އެތައް ބަޔަކަށް ބަނޑުފުރާނަ މުއްތި ކުރެވޭނެ ގޮތެއް ވެސް ނެތި ބަނޑުހައިހޫނުކަމުގައި ހޭދަކުރަން ވަނީ ޖެހިފަ އެވެ.

މިފަދަ ހާލަތުގައި އިންސާނީވަންތަކަން ކުރިޔަށް ނެރެ ނިކަމެތިންނަށް އެހީވާ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މަދުން ނަމަވެސް ފެނެ އެވެ.

އިންޑިޔާގެ ކަރްނާޓަކާގެ މެންގަލޫރޫގެ ދަނޑުވެރިއެއް ކަމަށްވާ އަބްދުއްރަހްމާން އަކީ މިފަދަ މީހެކެވެ. މާތްވެގެންވާ ހައްޖުގެ އަޅުކަމަށް ދިއުމަކީ އަބްދުއްރަހްމާން އެތައް ޒަމާނަކުއްސުރެ ދެކެމުން އައި ހުވަފެނެކެވެ. އަދި މި ހުވަފެން ހަގީގަތަކަށް ހެދުމުގެ ބޭނުމުގައި އޭނާ ފައިސާ އެއްކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ.

އުމުރުން 55 އަހަރުގެ އަބްދުއްރަހްމާން ރާވައިގެން ހުރީ އަންނަ އަހަރު ހައްޖަށް ދާން ފައިސާ ދައްކާށެވެ. ނަމަވެސް ކޮވިޑް-19 އިގެ ވަބާގައި ޖެހި ހާލުގައި ޖެހިފައިވާ މީހުންނަށް އެ ފައިސާއިން ކާއެއްޗެހި ގަނެފައި ބެހުމަށް އަބްދުއްރަހްމާން ނިންމީ މިވަގުތަށް ހައްޖަށް ދިއުމަށް ވުރެ މުހިއްމީ މިކަން ކަމަށް އޭނާއަށް ގަބޫލު ކުރެވޭތީ އެވެ.

އަބްދުއްރަހްމާންގެ ފިރިހެން ދަރިއަކު ބުނި ގޮތުގައި އެހެނިހެން މުސްލިމުން ފަދައިން ހައްޖަށް ދިއުމަކީ އޭނާގެ މައިންބަފައިންގެ ވެސް ވަރަށް ބޮޑު ހުވަފެނެކެވެ. އެހެންވެ ދަނޑުގައި މަސައްކަތް ކޮށްގެން ބައްޕަ ފައިސާ ހޯދާއިރު މަންމަ ގޭގައި ބިޑި އަނބުރާ އެ ވިއްކައިގެން ފައިސާ އެއްކުރަމުން ދިޔަ އެވެ.

ނަމަވެސް ބަނޑުހައިހޫނުކަމުގައި އެތައް ބަޔަކު ހަނާ ވަމުންދާ ތަން ފެނިފައި ބައްޕައަށް ކެތް ނުވި ކަމަށާއި އެހެންވެ ހައްޖަށް ދާން އެއްކުރި ފައިސާއިން ނިކަމެތިންނަށް ކާބޯތަކެތި ގަނެދީ ބެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަބްދުއްރަހްމާންގެ ދަރިފުޅު އިލްޔާސް އަބްދުއްރަހްމާން ބުންޏެވެ.

ޓައިމްސް އޮފް އިންޑީއާގައިވާ މި ރިޕޯޓުގައިވާ ގޮތުން އަބްދުއްރަހްމާން ވަނީ އޭނާ ދިރިއުޅޭ ގޫޑިންބަލީ އަވަށުގެ ވަރަށް ފަގީރު 25 އާއިލާއަކަށް ހަނޑުލާއި އެނޫން ވެސް އެމީހުންގެ ކެއިން ބުއިމަށް ބޭނުންވާނެ ތަކެތި ގަނެ ހަދިޔާ ކޮށްފަ އެވެ.
އަބްދުއްރަހްމާން ބުނީ ލޮކްޑައުންގެ ސަބަބުން ކުރާނެ އެއްވެސް މަސައްކަތެއް ނުލިބި އެތައް އާއިލާއެއް ބަނޑުހައިހޫނުކަމުގައި އުޅޭތަން ފެނިފައި އޭނާއަށް ހިތަށް ކެތް ނުވީ އެވެ. އެހެންވެ ހައްޖަށް ދާން އެއްކޮށްފައިހުރި ފައިސާއިން އެމީހުންނަށް ކާ އެއްޗެތި ގަނެދިނީ އެވެ.