ރެޑް ކްރެސެންޓްގެ ބައެއް ދަރުމަވެރިންވެސް ކަރަންޓީން ފެސިލީޓީތަކުގައި އެބަ ތިބި ކަމަަށް އެ ޖަމާއަތުން ބުނެފި އެވެ.
އެންއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ ކޮވިޑް-19 ގެ ނުރައްކާތެރި ހާލަތުގައި ފްރަންޓް ލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރޭގައި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ހިމެނޭ ކަމަށެވެ.
އެހެން ކަމުން ފްރަންޓްލައިންގައި މަސައްކަތް ކުރާ އެހެން މުއައްސަަސާތަކުގެ މީހުންނަށް އޮތް ރިސްކް ދަރުމަވެރިންނަށްވެސް އެބަ އޮތް ކަމަށެވެ. ހިމްޔާ ވިދާޅުވީ މިހާތަނަށް އެއްވެސް ދަރުމަވެރިއަކު ބައްޔަށް ޕޮޒިޓިވްވެފައިނުވާ ކަމަށެވެ.
ނަމަވެސް އެޗްޕީއޭއިން ބަލާ މިންގަނޑުގެ ތެރޭން ތިން ދަރުމަވެރިއަކު މިވަގުތު ހުރީ ކަރަންޓީން ފެސިލިޓީތަކުގައި ކަރަންޓީން ކޮށްފައި ކަމަށާ 14 ދަރުމަވެރިން ހޯމް އައިސޮލޭޝަންގައި ތިބި ކަމަށެވެ. އަދި ކަރަންޓީންގެ މުއްދަތަށްފަހު ދަރުމަވެރިން އެނބުރި މަަސައްކަތަށް ނިކުންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ކޮވިޑް-19 އަަށް ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 500 ފަހަނައަޅާ ގޮސްފައިވާއިރު އޭގެ ތެރޭގައި ސިފައިންނާއި ފުލުހުން އަދި އިސް ސަފުގައި ހަރަކާތްތެރިވާ ބައެއް އެހެން މުއައްސަސާތަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ.