ކޮވިޑް-19 އިގެ ވަބާގެ ސަބަބުން ގައުމުތައް ލޮކްޑައުންގައި އޮތުމާއި ސިއްހީ ޚިދުމަތްތަކަށް ބުރޫއަރާފައި ވުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެންމެ ދަށް ފަންތީގެ އަދި މެދުފަންތީގެ އާއިލާތަކުގެ އަންހެނުންނަށް ދޭތެރެ ދުރު ކުރުމަށް ބޭނުންވާ އެކި ކަހަލަ ވަސީލަތްތައް ލިބުން ވަނީ ހުއްޓިފަ އެވެ.
ދޭތެރެ ދުރުކުރާ ޒަމާނީ ވަސީލަތްތައް ނުލިބޭ 47 މިލިއަން އަންހެނުން ދުނިޔޭގައި އެބަތިބި ކަމަށް ޔޫއެންގެ ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އާއި ޕާޓްނަރުން ވަނީ ބުނެފަ އެވެ. އަދި ދަރިން ބޭނުން ނުވިޔަސް މީގެ ތެރެއިން މަދުވެގެން 17 މިލިއަން އަންހެނުން ކުރިޔަށް އޮތް ދުވަސްތަކުގައި ބަލިވެ އިންނާނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފަ އެވެ.
މި އެޖެންސީތަކުން އަންދާޒާކުރާ ގޮތުގައި އާއިލާ ރޭވުމާއި ދޭތެރެ ދުރު ކުރުމަށް ނުކުޅެދުމުގެ ސަބަބުން ބޭނުން ނުވިޔަސް ބަލިވެ އިންނަ އަންހެނުން އިތުރުވުމުގެ އިތުރުން ގެވެށި އަނިޔާގެ މައްސަލަތައް ވެސް އަންހެނުންނާ ދިމާވާ މިންވަރު އެތައް މިލިއަނަކަށް ވަނީ އިތުރުވެފަ އެވެ. މިހެން ދިމާވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު މުސީބާތުގެ މި ވަގުތުގައި ގޭގައި ގިނަ ވަގުތު ދެމަފިރިން ހުރިހާ ވަގުތެއް ހޭދަ ކުރަން ޖެހިފައި ވާތީ އެވެ.
ޔޫއެންއެފްޕީއޭގެ އެގްޒެކެޓިވް ޑައިރެކްޓަރު ނަޓާލިއާ ކަނެމް ވިދާޅުވީ ކޮވިޑް-19 އިގެ ސަބަބުން އިތުރު މުސީބާތެއް ކުރިމަތިވެފައި ވާކަން މި ފަހުން އެއްކޮށްފައިވާ މައުލޫމާތުން ހާމަވެފައިވާ ކަމަށެވެ.
ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން އަންހެނުންނަށް ދޭތެރެ ދުރު ކުރެވޭނެ ވަސީލަތްތައް ނުލިބި އެމީހުންގެ އަމިއްލަ ހަށިގަނޑާއި ދަރިންގެ ސިއްހަތު ރައްކާތެރި ކުރުމަށް ނުކުޅެދިފައިވާ ކަމަށް މި ރިޕޯޓުގައި ފާޙަގަކޮށްފައި ވެއެވެ. އަދި ކޮވިޑް-19ގެ ވަބާގެ ސަބަބުން ލިބޭ ގެއްލުން އަދި ކިރިޔާ އެނގެން ފެށީ ކަމަށާއި މިކަމުގެ ސަބަބުން އިންސާނިއްޔަތަށް އަދާކުރަން ޖެހޭ އަގު ހައިރާންވާހާ ބޮޑުވާނެ ކަމަށް ވެސް ތަޖުރިބާކާރުން އަންދާޒާ ކުރެ އެވެ.
މި ބަލީގެ ސަބަބުން މާލީ ގޮތުންނާއި ޖިސްމާނީ ގޮތުން މީހުންނަށް ލިބޭ ގެއްލުންތަކުގެ އެންމެ ބޮޑު ބައެއް ތަހައްމަލު ކުރަން ޖެހޭނީ އަންހެނުންނާއި އަންހެންކުދިންނަށް ކަމަށް ވެސް ޔޫއެންއެފްޕީއޭގެ މި ހޯދުމުގައި ބުނެފައި ވެއެވެ.
ދުނިޔޭގެ އެންމެ ފަގީރު އަދި މެދު ފަންތީގެ 114 ގައުމެއްގައި ދިރިއުޅޭ 450 މިލިއަނަށް ވުރެ ގިނަ އަންހެނުން ދޭތެރެ ދުރު ކުރާ ވަސީލަތްތައް އާއްމު ގޮތެއްގައި ބޭނުން ކުރަމުންދާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.
ނަމަވެސް ލޮކްޑައުންގެ ސަބަބުންނާއި އެކަމާ ގުޅިގެން ދިމާވާ ކަންތަކުގެ ސަބަބުން މީގެ ތެރެއިން 47 މިލިއަން އަންހެނުންނަށް ދޭތެރެ ދުރުކުރާ ވަސީލަތްތައް ލިބުމަށް ހުރަސްތައް ވަނީ ކުރިމަތިވެފަ އެވެ. އަދި 31 މިލިއަން އަންހެނަކަށް ގެވެށިއަނިޔާގެ ތަފާތު މައްސަލަތަކާ ކުރިމަތިވެފައި ވެއެވެ.