ވަރުން ދަވަން

ވަރުން އަށް 21 އަހަރުގެ ޒުވާން ރޯލެއް

ވަރުން ދަވަން އަށް ދާދިފަހުން ވަނީ 33 އަހަރު ފުރިފަ އެވެ. ނަމަވެސް އޭނާ މިހާރު ފަށަން އުޅޭ ފިލްމުގައި އޭނާ ކުޅެނީ 21 އަހަރުގެ ޒުވާނެއްގެ ރޯލެވެ. "އިއްކީސް" ނަމަކަށް ކިޔާ މި ފިލްމަކީ އިންޑިޔާއަށްޓަކައި އަމިއްލަ ފުރާނައިން ގުރުބާންވި ހިތްވަރުގަދަ ހަނގުރާމަވެރި ސިފައިންގެ މީހެއް ކަމަށްވާ އަރުން ކެޓަރްޕާލްގެ ބައޮޕިކް އެވެ.

މީގެ މާނައަކީ ވަރުންގެ ސިފަ ވަރަށް ޅަ މީހެއްގެ ސިފަޔަށް ބަދަލު ކުރަން ޖެހުމެވެ. އެހެންމެ މިދުވަސްވަރު ވަރުން ގެންދަނީ އޭނާގެ ސިފަޔަށް އެކި ކަހަލަ ބަދަލުތައް ގެނެސް އެންމެ އެކަށީގެންވާ ސިފަޔަކީ ކޮބައިތޯ އެކްސްޕެރިމެންޓް ހަދަމުންނެވެ.

"ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތައާރަފުވި ވަރުން އެ ފިލްމުގައި ވެސް ކުޅެފައިވަނީ ޓީންއޭޖް ކުއްޖެއްގެ ރޯލެވެ. ނަމަވެސް އޭރު ވެސް އޭނާ އެ ރޯލުގައި ދައްކާ ފިރިހެންކުއްޖާއަށް ވުރެ އަށް އަހަރު ދޮއްޓެވެ.

މިފަހަރު ވެސް ސިފައަށް ބަދަލު ގެނައުމުގެ އިތުރުން ވަރުން އަށް ބަރުދަން ވެސް ވަރަށް ބޮޑުތަން ލުއިކުރަން ޖެހޭނެ އެވެ.

ވަރުންގެ އެންމެ ފަހުގެ ދެ ފިލްމު ކަމަށްވާ "ކަލަންކް" އާއި "ސްޓްރީޓް ޑާންސާ 3ޑީ" އަށް ވަނީ ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބަކާ ކުރިމަތިވެފަ އެވެ. އެހެން ކަމުން އޭނާ ދެން ކުޅޭ ފިލްމުތަކަށް ރަނގަޅު ކާމިޔާބެއް ލިބުން އޭނާގެ ފިލްމީ ކެރިއަރަށް ވަރަށް މުހިއްމެވެ.

އިންޑިޔާ ލޮކްޑައުންއަށް ގޮސް ފިލްމު އިންޑަސްޓްރީ ހުއްޓުމަކަށް އައިއިރު ވަރުން ކުޅެމުން ދިޔައީ އޭނާގެ ބައްޕަ އަދި މަޝްހޫރު ފިލްމު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ "ކޫލީ ނަންބަރު 1" އެވެ. މި ފިލްމުގެ ބަތަލާއަކީ ސާރާ އަލީ ޚާން އެވެ.