ދިރާގާއި އުރީދޫގެ ފޯނު ބިލު ނުދެއްކުނަސް ހިދުމަތް ކަނޑާނުލުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެދިވަޑައިގެންފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ދިމާވެފައި އޮތް މި ދަތި ހާލަތުގައި ފޯނު ބިލް ނުދައްކާ ފަރާތްތަކުގެ ހިދުމަަތް ކަނޑާލަމުން އަންނަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހަކު ކުރި ޓުވީޓަކާ ގުޅިގެން ފައްޔާޒް ވިދާޅުވީ މި އަނދިރި އުނދަގޫ ދުވަސްވަރުގައި ދިރާގާއި އުރީދޫ އިން ދޭ ހިދުމަތްތައް ކަނޑާ ނުލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ދެ ކުންފުނިން މިހާރު ވެސް ދެމުން ގެންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް މިހެން ވިދާޅުވިއިރު އިންޓަނެޓް އަގު ހެޔޮ ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އަދި އެކަމުގެ މަޝްވަރާތައް ކުރިޔަށް ދާ ކަމަށް ސަރުކާރުން ބުނަމުންދާއިރު ލޮކްޑައުންއާ ގުޅިގެން އިންޓަނެޓް ހިލޭ ކުރުމަށް ވެސް ގިނަ ބަޔަކު ދިޔައީ ގޮވާލަމުންނެވެ.
ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މި ސަރަހައްދުން އެންމެ ބޮޑަށް ގެއްލުން ވާނީ ރާއްޖެއަށް ކަމަށް ވޯލްޑް ބެންކުން ވަނީ ލަފާކޮށްފަ އެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓި، ގިނަ ވިޔަފާރިތަކަށް ވަނީ ލޮޅުން އަރައިފަ އެވެ. އަދި އޭގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލި މުސާރަ ވަނީ ކުޑަކޮށްފަ އެވެ.