އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގުދެމިގެންދާ ގޮތަށް ހުށަހަޅާފައިވާ ވަގުތީ ގާނޫނު ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ބިލު ދިރާސާ ކުރަން ފޮނުވަން މިއަދު ފާސްކޮށްފި އެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އެ ބިލު ތަޅުމަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވަން ފާސްކުރީ 53 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ހަ މެންބަރަކު ވޯޓު ދެއްވި އެވެ. ވަކި ކޮޅަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.
މަޖިލީހުގެ ތަޅުމަށް ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައި މި ވަނީ، އެ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށް ބައެއް މެންބަރުން ވިދާޅުވެފައި ވަނިކޮށެވެ. އެ މެންބަރުން ވިދާޅުވާ ގޮތުގައި ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އިންތިހާބީ މަގާމެއްގެ ދައުރެއް ގާނޫނަކުން ދިގެއް ނުކުރެވޭނެ އެވެ.
ނަމަވެސް ބިލު ހުށަހެޅުއްވި މެންބަރު ހަސަން ލަތީފު ވިދާޅުވާ ގޮތުގައި ގާނޫނު އަސާސީގައި އުފެދިފައި ނެތް ހާލަތެއްގައި އަމަލު ކުރާނެ އުސޫލުތަކެއް ހިމަނައިގެން ވަގުތީ ގާނޫނުތައް ފާސް ކުރުމަކީ މަޖިލީސްތަކުން ކުރާ ކަމެކެވެ. އަދި އެއީ ރާއްޖޭގެ ގާނޫނު އަސާސީން ދީފައިވާ ޖާގައެއް ވެސް ކަމަށް ހަސަން ލަތީފު ވިދާޅުވެ އެވެ.
މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވަނީ އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހަށެވެ. ކޮވިޑް-19 ގެ ސަބަބުން އެ ތާރީހަށް ވެސް ކައުންސިލް އިންތިހާބު ބޭއްވޭނެ ކަމަކަށް ނުބެލެވެ އެވެ. އެހެންކަމުން އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލެއް ވެސް މަޖިލީހަށް ހުށަހެޅި އެވެ.
ނަމަވެސް މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ވެސް އެމްޑީޕީގެ ބައެއް މެންބަރުން ދެކޮޅު ހެއްދެވި އެވެ. ކައުންސިލަރުންގެ ދައުރު ދިގު ކުރަން ވެސް ބައެއް މެންބަރުން ދެކޮޅު ހެއްދެވި އެވެ. ގާނޫނު އަސާސީ އިސްލާހުނުކޮށް ކައުންސިލަރުންގެ ދައުރު ދިގު ކުރެވޭނަމަ އެ ގޮތަށް ބައެއް މެންބަރުން ތާއީދު ކުރައްވަ އެވެ. ހަސަން ލަތީފުގެ ބިލު ހުށަހެޅުއްވީ އެ ހިޔާލުތަކަށް ފަހުގަ އެވެ.
ހަސަން ލަތީފު ވިދާޅުވީ ކަދައުރު ދިގު ކުރުމުގެ ބަދަލުގައި މިހާރު ތިބި ކައުންސިލަރުންނަކީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން އެ މަސްއޫލިއްޔަތުތައް ހަވާލު ކުރާ ބަޔެއްގެ ގޮތުގައި ވެސް ކަނޑައެޅިދާނެ ކަމަށެވެ. ދައުރު ހަމަވުމަށް ފަހު މަގާމުގައި ހުންނަވަން ބޭނުންނުވާ ކައުންސިލަރުންނަށް އެ ފުރުސަތު ލިބޭ ގޮތަށް ވެސް ބިލަށް ބަދަލު ގެނައުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ. ކޮމިޓީ މަރުހަލާގައި އެ ކަން ކަމަށް ވިސްނަން އޭނާ އެދިވަޑައިގެންނެވި އެވެ.