ސައުދީ އަރަބިއްޔާ އިން މި އަހަރު ރާއްޖެއަށް ހަދިޔާ ކުރި ކަދުރު ބަހާފައި ފަގީރުންގެ ތެރެއިން ފޯނު ނެގި މީހުނަށް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ސައުދީން ކޮންމެ އަހަރަކު ރޯދަ މަހާ ދިމާކޮށް ރާއްޖެއަށް ހަދިޔާ ކުރާ ކަދުރު މީގެ ކުރިން ހުރިހާ އެންމެނަށް އިސްލާމިކް މިނިސްޓްރީން ބަހަ އެވެ. ނަމަވެސް މި ފަހަރު ކަދުރު ނުލިބުމުގެ ސަބަބުން ސަރުކާރަށް ވަނީ ބޮޑެތި ފާޑު ކިޔުންތައް އަމާޒުވެފަ އެވެ.
އެންއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަހުލޫފް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ އެދުމަށް މާލެ ސަރަހައްދުގައި ފަގީރުންގެ ގޮތުގައި ލިސްޓު ކޮށްފައިވާ 436 ގޭބިސީއަކަށް ކަދުރު ބެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކަދުރު ހަވާލު ކުރި ލިސްޓުގެ ތެރެއިން މިހާތަނަށް ފޯނުން ގުޅުނު ފަރާތްތަކަށް ކަމަށެވެ.
"އަޅުގަނޑުމެންނާ [ކަދުރު ބެހުމަށް] ހަވާލު ކުރި 436 ގޭބިސީގެ ތެރެއިން މިހާތަނަށް އަޅުގަނޑުމެންނަށް ފޯނުން ފަރާތްތައް ނޫން ނަމަ އެހެން އެއްވެސް ސަބަބަކާ ހެދި އަޅުގަނޑުމެންނަށް ނުގުޅި ހުރި ބައެއް ވެއްޖިއްޔާ ހުރެދާނެ، އެހެން ހުރިހާ ގެތަކަށް އަޅުގަނޑުމެން ވާނީ ކަދުރު ފޯރުކޮށްދީފައި. އަދި މިކަމާ ބެހޭ ތަފްސީލް މައުލޫމާތު އަޅުގަނޑުމެން ވާނީ އިސްލާމިކް މިނިސްޓްރީއާ ހިއްސާކޮށްފައި،" ކަދުރު މައްސަލާގައި ކިޔާ ފާޑުތަކަށް އެންމެ ގިނައިން ރައްދު ދެއްވާ މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.
ކަދުރުގެ މައްސަލާގައި ފާޑު ކިޔުން އަމާޒުވުމާ ގުޅިގެން މަހުލޫފް ވިދާޅުވީ ކަދުރުގެ ކަންތަކަކީ "އަޅުގަނޑާ އަދި ޔޫތު މިނިސްޓްރީއާ ބެހޭ ކަމެއް ނޫން،" ކަމަށެވެ. އެއީ އިސްލާމިކް މިނިސްޓްރީގެ މަސައްކަތެއް ކަމަށާއި ކުރިން އައިޑީ ކާޑު ހިފައިގެން ވަކި ތަނަކަށް ދިޔުމުން ކަދުރު ދޫކުރާ އުސޫލަށް އަމަލު ނުކުރެވުނީ ލޮކްޑައުންގައި އޮތުމުން ކަމަށެވެ.
ކަދުރު ބެހުމުގެ މަސައްކަތް ޔޫތު މިނިސްޓްރީގެ އިތުރުން ކައުންސިލްތަކާ ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހަވާލުކޮށްފަ އެވެ.