ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

3000 ބިދޭސީން ބަދަލުކޮށް، 1500 މީހުން ފުރުވާލަނީ

ރާއްޖޭގައި ގަވައިދާ ހިލަފަށް އުޅޭ 3000 ބިދޭސީން މާލެއިން ބޭރަށް ބަދަލުކޮށް، 1500 ބިދޭސީން ފުރުވާލުމުގެ މަސައްކަތް ކުރަމުންް އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅޭ ގޮތުން ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް-19 އެންމެ ބޮޑަށް އެންމެ ބޮޑަށް ފެތުރިފައިވަނީ އެއް ތަނެއްގައި ތޮއްޖެހިގެން ދިރިއުޅެމުން އައި ބިދޭސީންގެ މެދުގައި ކަމަށާއި އެއީ އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު ދަތި ކަމަށެވެ.

އެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ގުޅިފަޅާއި، ހުޅުމާލެއާއި ވިލިވަރުގައި، ބިދޭސީން ބައިތިއްބާނެ ތަންތަން ހަދައި ފުރަތަމަ ބުރުގައި 3000 މީހުން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބީދޭސީން އެމީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި ބަނގްލަދޭޝް ސަރުކާރާ ވާހަކަ ދައްކައިގެން އެ ގައުމުގެ 1500 މީހަކު ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ގިނަ އަދަދެއްގެ ބިދޭސީންތަކެއް، ވަންނާނެ ގެދޮރެއް، އާމްދަނީ ހޯދާނެ ވަޒީފާއެއް، އަދި ރަސްމީ ލިޔެކިޔުމެއް ނެތި، ރާއްޖޭގައި އުޅެމުންދާއިރު، ހަމަ ގައިމުވެސް އެމީހުން ރާއްޖެއަށް ގެނައި ބަޔަކު ތިބޭނެ. މިއީ އެއް ދުވަހަކުން ދެ ދުވަހަކުން ކުރިމަތިވި ކަމެއް ނޫން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް 541 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެ ތެރެއިން 356 ބިދޭސީންނެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކޮވިޑް-19 ފެތުރުމުގެ ކުރިން ސަރުކާރުން ވަނީ އެ ބިދޭސީން އަލުން ރަޖިސްޓާ ކުރުމުގެ މަސައްކަތެއް ފަށައިފަ އެވެ. އެގޮތުން 20،000 އެއްހާ ބިދޭސީން ރަޖިސްޓާ ކުރި ކަމަށް އިކޮނޮމިކް މިނިސްޓްރީން އެ ދުވަސްވަރު ހާމަ ކުރި އެވެ.