ކޮވިޑް-19 އިން އަރައިގަތުމަށް އެންމެން އެކަތިގަނޑަކަށްވުމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.
ޝާހިދު މިކަމަށް ގޮވާލެއްވީ ނަން-އެލައިންޑް މޫވްމަންޓް (ނާމް)ގެ ކޮވިޑް-19 ރެސްޕޮންސް ކޮންޓެކްޓް ގްރޫޕްގެ ބައްދަލުވުމުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެ ވަޑައިގަންނަވާ ވާހަކަ ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ހާރިޖީ ވަޒީރު ދިވެހިރާއްޖެ ތަމްސީލްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުންނެވެ.
"ޔުނައިޓެޑް އެގެއިންސްޓް ކޮވިޑް-19" މިޝިއާރުގެ ދަށުން ބޭއްވި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް އެވެ.
ކޮވިޑް-19ގެ ސަބަބުން މެމްބަރު ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ، މިކަމުން އަރައިގަތުމަށް އެޅޭނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނު މި ބައްދަލުވުމުގައި މެމްބަރު ގައުމުތަކާ، އޮބްޒާވާ ސްޓޭޓްތަކުގެ ރައީސުންނާއި، ބޮޑުވަޒީރުންނާއި، ހާރިޖީ ވަޒީރުންގެ އިތުރުން އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގައި، ކޮވިޑް-19ގެ ސަބަބުން ދިމާވާ ސިއްހީ އަދި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމުގައި މަލްޓިލޭޓަރިޒަމްގެ އުސޫލުތައް ކުރިއެރުވުމަށް މަޝްވަރާކުރެވުނެވެ. އަދި މިކަމުން އަރައިގަތުމަށް ހުރިހާ ގައުމުތަކުން އެކަތި ގަނޑަކަށް ވުމަށްވެސް ވަނީ ގޮވާލައްވާފަ އެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ ކޮވިޑް-19އިން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު މެމްބަރު ގައުމުތަކާ ހިއްސާ ކުރައްވައި، ވައިރަސްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވަމުންދާ ގެއްލުންތަކުގެ މައުލޫމާތު ދެއްވާފަ އެވެ. އަދި ރާއްޖެފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަކީ މައިގަނޑު އެއް ސިނާއަތަކަށް އިގްތިސާދު ބަރޯސާވެފައިވާ ގައުމުތަކެއްކަން ފާހަގަކުރައްވައި، ބޭރުން އަންނަ ލޮޅުންތަކުގެ އަސަރު އިގްތިސާދަށް ވަރަށް ބޮޑަށް ކުރާނެކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް ހުއްޓުމެއް އައުމާ ގުޅިގެން ރާއްޖެއަށް ލިބޭ އާމްދަނީ ވަރަށް ބޮޑުތަނުން މިއަހަރު ދަށަށް ދާނެކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.
ނާމްގެ މެމްބަރުންގެ ގޮތުގައި ތިބި ކުދި ގައުމުތަކަށް ދިމާވާ މި ގޮންޖެހުންތައް ބައިނަލްއަގްވާމީ ސަމާލުކަމަށް ގެނައުމަށް އެޖަމާއަތުގެ މެމްބަރު ގައުމުތަކަށް ޝާހިދު ވަނީ ގޮވާލައްވާފަ އެވެ. އަދި ވަކިން ހާއްސަކޮށް މިދަނޑިވަޅުގައި ގައުމުތަކުގެ ބޭރުގެ ދަރަނިތައް އަދާކުރުމުން މަޑުޖައްސާލުމުގެ މުހިއްމުކަން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.
މެމްބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ކުދި ގައުމުތަކަށް ބޭނުންވާ އެހީ ހޯދުމަށާއި، ބޮޑެތި ގައުމުތަކުގެ ފަރާތުން ބޭނުންވާ ދުރުރާސްތާ އެހީ ހޯދުމުގައި ނާމްއިން އިސްދައުރެއް އަދާކުރާނެކަމަށް ކުދި ގައުމުތަކުން ގަބޫލުކުރާކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.
މިދަނޑިވަޅުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ ތަރައްގީގެ ބައިވެރިންގެ ފަރާތުން، ހާއްސަކޮށް ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުން، ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރުމަށް ނާމްގެ ޓާސްކްފޯސްއެއް އެކުލަވާލުމަށް މިސަމިޓްގައި ނިންމި ނިންމުމަށް މިނިސްޓަރު ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. މެމްބަރު ގައުމުތަކަށް މިވަގުތު ބޭނުންވާ އަސާސީ ތަކެއްޗާއި ބޭހުގެ ބާވަތްތައް މި ޓާސްކްފޯސްއާއި ހިއްސާކުރުމުން، ޓާސްކްފޯހުން އެހީދޭ ގައުމުތަކާ، ބައިނަލްއަގްވާމީ ޖަމްއިއްޔާތައް އަދި ހެޔޮއެދޭ އަމިއްލަ ފަރާތްތައް މެދުވެރިކޮށް މި އެހީތައް ހޯދުމަށް މަސައްކަތްކުރާނެ އެވެ.
މީގެ އިތުރުން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ލީޑްކުރުމުގައި އދގެ ސިއްހަތާ ބެހޭ ޖަމްއިއްޔާ ޑަބްލިޔު.އެޗް.އޯ އިން ކުރަމުންދާ މަސައްކަތަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.
120 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ ނަންއެލައިންޑް މޫވްމަންޓަކީ އދ ފިޔަވައި ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ޖަމްއިއްޔާއެވެ. ރާއްޖެއަކީ 1976 އޮގަސްޓް 15 އިން ފެށިގެން ނާމްގެ ހަރަކާތްތެރި މެމްބަރެކެވެ.