ބޮލީވުޑް

ޖީތެންދުރަ ވެސް ޑިޖިޓަލް ފިލްމަކަށް

ކުރީގެ މަޝްހޫރު އެކްޓަރު ޖީތެންދުރާ ވެސް ޑިޖިޓަލް ފިލްމެއްގައި ބައިވެރިވާން ނިންމައިފި އެވެ. ޖީތެންދުރަ ބައިވެރިވަނީ އަލްޓްބާލާޖީ އާއި ޒީ5ގެ "ބާރިޝް"ގެ ދެ ވަނަ ސީޒަންގަ އެވެ. މި ސީރީޒްގައި ޖީތެންދުރަ ކުޅެނީ ޖީތޫޖީ ގާންދީ ނަމަކަށް އަލިމަހުގެ ވިޔަފާރިކުރާ މުއްސަންޖެއްގެ ބައެވެ.

މިހާރު 78 އަހަރުވެފައިވާ ޖީތެންދުރަ ބުނީ އަލުން އެނބުރި ސްކްރީނަށް އައުމުގެ އިހްސާސަކީ ވަރަށް އުފާވެރި ޖަޒުބާތެއް ކަމަށެވެ. ޚާއްސަކޮށް އޭނާ ކެމެރާއަށް ކުރިމަތިލަނީ ދަރިފުޅު އެކްތާ ކަޕޫރުގެ އަލްޓްބާލާޖީގެ ޝޯއަކުން ކަމަށް ވާތީ މި ކުރެވުނީ އަމިއްލަ ގޭގެ މަސައްކަތެއް ކަމުގައި ދެކޭ ކަމަށް ވެސް ޖީތެންދުރަ ބުންޏެވެ.

"ފިލްމުގެ ތަރިންނާއި ކުރޫން އަހަންނާ ދޭތެރޭ ކަންތައް ކުރަނީ ވަރަށް އިހްތިރާމާއި ލޯތްބާއެކު. އެއީ ވެސް އަހަރެން ވަރަށް ހިތްހަމަޖެހުނު ކަމެއް."

އަދި ޖީތޫޖީގެ ކެރެކްޓާއަކީ އަހަރެންނާ ވަރަށް ގުޅޭ ރޯލަކަށް ވާތީ ވަރަށް ފަސޭހައިން އެ ރޯލަށް އިންސާފު ކުރެވޭނެ ކަމަށްވެސް ޖީތެންދުރަ ގަބޫލު ކުރެ އެވެ.

"ބާރިޝް"ގެ ތަރިންނަކީ ޕްރިޔާ ބެނާޖީ އާއި ވިކްރަމް ސިންގް ޗައުހާން، އަބީޝެކް ވަރުމާ، އަނޫޖް ޑުހާން، ޝުބާންގީ ލަޓްކަރް، ބީނާފް ޕަޓޭލް އަދި ސާހިލް ޝްރޮފް އެވެ.