ބޭރު ކުޅިވަރު

ޗެލްސީ މޮޅުވެ، އާސެނަލް އަށް ހިތްދަތި ފެށުމެއް

Sep 17, 2015

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މެކަބީ ޓެލްއަވީވް އަތުން ޗެލްސީ 4-0 އިން މޮޅުވި އިރު، އާސެނަލް  ޑީނަމޯ ޒެގްރެބް އަތުން 2-1 އިން ބަލިވެއްޖެ އެވެ.

އިނގިރޭސި ލީގުގައި މިއިން ޒަމާނަކު ނުނެރޭހާ ދަށް ނަތީޖާތަކެއް މި ސީޒަނުގައި ނެރެމުން އައި ނަމަވެސް ޗެލްސީ ރޭ ވަނީ ފެންވަރު ދައްކާލާފަ އެވެ. އެޑެން ހަޒާޑަށް ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ނަމަވެސް ވިލިއަން އާއި އޮސްކާ އަދި ޑިއެގޯ ކޯސްޓާ އާއި ސެސްފެބްރިގާސް ވަނީ ގޯލު ޖަހާފަ އެވެ. މިއީ ކޯޗު ހޯސޭ މޮރީނިއޯ އަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އޭނާ މި މެޗު ފެށީ އާއްމުކޮށް ފުރަތަމަ 11 ގައި ކުޅޭ މުހިންމު ގިނަ ކުޅުންތެރިން ނުލަ އެވެ. އޭގެ ތެރޭގައި ކޯސްޓާ އާއި ފެބްރިގާސް އަދި ކެޕްޓަން ޖޯން ޓެރީ އާއި ޑިފެންޑަރު ބްރަނިސްލާވް އިވަނޮވިޗް އަދި ނެމަންޖާ މަޓިކް ވެސް ހިމެނެ އެވެ.

ޗެލްސީ ހިމެނޭ ގްރޫޕް ޖީގައި ކުޅުނު އަނެއް މެޗުގައި ޕޯޓޯ އާ ޑީނަމޯ ކިއެވް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މެޗަށް ފަހު ފެބްރިގާސް ބުނީ ބޮޑު ކުލަބެއްނަމަ އަބަދުވެސް ނަތީޖާ ނެރެން ބޭނުންވާނެ ކަމަށާއި ޗެލްސީ އަކީ ނަތީޖާ ނެރެވޭ ފެންވަރުގެ ޓީމެއްކަން ކުޅުންތެރިން ސާބިތުކޮށްދޭން ބޭނުންވާ ކަމަށެވެ. އަދި މެޗުގައި ފެނިގެންދިޔައީ އެ މަންޒަރު ކަމަށާއި އިނގިރޭސި ލީގުގައި ވެސް ޗެލްސީ ފަހަތަށް ނުދާނެ ކަމަށެވެ.

ޗެލްސީ މޮޅުވުމުން އެ ޓީމު ވެފައިވަނީ އިނގިރޭސި ޓީމުތަކުގެ ތެރެއިން ޗެމްޕިއަންސް ލީގު މޮޅަކުން ފެށި ހަމައެކަނި ޓީމަށެވެ. މެންޗެސްޓާގެ ދެ ޓީމު ކަމަށްވާ ސިޓީ އާއި ޔުނައިޓެޑް ރޭ ބަލިވިއިރު މިރޭ އާސެނަލް ވެސް ބަލިވީ އެވެ.

ޓީމުގެ އިސް ފޯވަޑް އޮލީވިއާ ޖީރޫޑަށް ފުރަތަމަ ހާފުގައި ރަތްކާޑު ދެއްކި މެޗުގައި އާސެނަލްގެ ހަމައެކަނި ލަނޑު ޖެހީ ވެސް ޑީނަމޯ ދެ ލަނޑު ޖެހި ފަހުން ތިއޯ ވޮލްކޮޓެވެ.