ބޭރު ކުޅިވަރު

ޓެރީ އާއި މޮރީނިއޯގެ ގުޅުން ރަނގަޅެއްނޫން: ޖެރާޑް

Sep 17, 2015

ޗެލްސީގެ ކެޕްޓަން ޖޯން ޓެރީ އާއި ކޯޗު ހޯސޭ މޮރީނިއޯގެ ގުޅުން ގޯސްވެފައިވާ ކަމަށް އިނގިރޭސި ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑް ބުނެފި އެވެ.

ލިވަޕޫލްގެ ކުރީގެ ކެޕްޓަން މިހެން ބުނީ ބީޓީ ސްޕޯޓްސްގައި ރޭ ޗެމްޕިއަންސް ލީގުގައި ޗެލްސީ އާއި ޓެލްއަވީވް ކުޅުނު މެޗަށް އިންސާފު ކޮށްދެމުންނެވެ.

އޭނާ ބުނީ ޓެރީ އަކީ ޓީމުގެ ކެޕްޓަން ކަމަށާއި އޭނާ ފަދަ ކުޅުންތެރިއަކު ޗެމްޕިއަންސް ލީގުގައި ބެންޗުގައި ބޭންދުމަކީ ކޮންމެވެސް ކަމެއް ފޮރުވުފައިވާ ކަމުގެ ނިޝާނެއް ކަމަށެވެ. އަދި މި ސީޒަނުގައި ޗެލްސީ ކާމިޔާބު ހޯދަން ބޭނުންނަމަ ޓެރީ އަކީ މުހިންމު ކުޅުންތެރިއެއް ކަމަށާއި ހާއްސަކޮށް ޗޭންޖިން ރޫމުގައި ޓީމު ހަމައަކަށް އަޅުވަން ޓެރީގެ ދައުރު ބޮޑުވާން ކަމަށެވެ.

ޖެރާޑަށް ތާއީދު ކުރަން އިނގިރޭސި ވިލާތާއި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ރިއޯ ފާޑިނަންޑް ވެސް ބުނީ ކޯޗާއި ޓެރީއާ ދެމެދު ގުޅުން ރަނގަޅުނަމަ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ޓެރީ ބެންޗުގައި ބައިންދަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ސަބަބަކީ ރަނގަޅު ފެށުމަކުން މުބާރާތް ފަށަން ކެޕްޓަނަށް ޖާގަ ދޭންޖެހޭތީ ކަމަށެވެ.

ފާޑިނަންޑާއި ޖެރާޑަކީ ޓެރީ އަށް ފަހު އިނގިރޭސި ކެޕްޓަންކަން ކުރި ދެ ކުޅުންތެރިންނެވެ. މި ދެ ކުޅުންތެރިން މިމޭރުމުން ވާހަކަ ދެއްކި ނަމަވެސް މޮރީނިއޯ ބުނީ އޭނާ ޓީމަށް ބަދަލު ގެނެސް މުހިންމު ކުޅުންތެރިން އަރާމު ކުރުވީ ތަފާތު ތަޖުރިބާއެއް ކުރަން ކަމަށާއި އަދި ތަފާތު ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

މޮރީނިއޯ އާއި ޓެރީއާ ދެ މީހުންނަކީ ކުރިން ވަރަށް ގާތް ދެމީހުންނެވެ. ނަމަވެސް އުމުރުން 34 އަހަރުގެ ޑިފެންޑަރުގެ ކުޅުމާމެދު ކޯޗު މިހާރު ހިތްހަމަނުޖެހޭ ކަމަށްވެ އެވެ. ނަމަވެސް މިކަމާމެދު ޓެރީ ވަކި އެއްޗެއް ނުބުނެ ހުރިއިރު މޮރީނިއޯ ބުނަނީ ކެޕްޓަނަކީ ޓެރީ ކަމަށާއި އެއްވެސް މައްސަލައެއްނެތް ކަމަށެވެ.