ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސަރުކާރުން ދޯނި ބަނދެ ލޯނަށް ދޫކުރަން ފާސްކޮށްފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ޓަކައި ސަރުކާރުން މަސްދޯނި ފަހަރު ބަނދެ ލޯނު އުސޫލުން މަސްވެރިންނަށް ދޫކުރަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ހުށަހަޅާފައިވާ ހުށަހެޅުމާ އެކު އެ ކޮމިޓީގެ ރިޕޯޓު މިއަދު ފާސްކޮށްފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކާއި އާންމު ފަރުދުންގެ މާލީ ހާލަތު ދަށްވާތީ ސަރުކާރުން ފަށާ ޕްރޮގްރާމްތަކަށް މަޖިލީހުން ލަފާ ދިނުމުގެ މައްސަލާގައި އެންވަޔަރަމެންޓް ކޮމިޓީން ތަޅުމަށް ފޮނުވި ރިޕޯޓް މިއަދު ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ. އެ ރިޕޯޓް ފާސް ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ރިޕޯޓުގައި ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ޓަކައި ކުރެވިދާނެ ކަންކަން ހުށަހެޅުންތަކުގެ ގޮތުގައި ވަނީ ހިމަނައިފަ އެވެ.

އެންވަޔަރަމެންޓްގެ ކޮމިޓީގެ ބައެއް ހުށަހެޅުންތައް

  • ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އިއާދަ ކުރަނިވި ހަކަތައަށް ބަދަލުކުރެވެން ހުރި މަޝްރޫއުތައް ބަދަލު ކުރުން
  • ތެލަށް އެކަނި ބަރޯސާވުން ކުޑަކުރުމަށް އުޅަނދުފަހަރުގެ ފަރުމާއަށް ބަދަލު ގެންނަން ގަވާއިދުތަކަށް ބަދަލުތަކެއް ގެނައުން
  • ދަތުރުފަތުރަށާއި މަސްވެރިކަމަށް ބޭނުންވާ ވަރަށް ތެޔޮ ރައްކާ ކުރަން ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުން
  • ކަރަންޓް ބިލުތައް ކުޑަކުރަން ފެނަކައާއި ސްޓެލްކޯގެ ހިންގުމުގެ ނިޒާމު މޮނިޓާ ކުރުން
  • ސަރުކާރުން މަސްދޯނިތައް ބަނދެ ލޯނު އޫސޫލުން އެ ދޯނިފަހަރުތައް ދޫކުރުން
  • މަސްފިނިކޮށް ބެލެހެއްޓުމަށް ސްޓޯރޭޖް ކެޕޭސިޓީ ރަށްތަކުގައި އިތުރުކުރުން
  • ނުނިމި ހުރި މަސްވެރި އުޅަނދުތައް ނިންމަން އެ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ދިނުން
  • ގަސްކާނާއާއި އޯގޭނިކް ބޭސް ރާއްޖެއަށް ބޭނުންވާ މިންވަރަށް އުފެއްދުމުގެ ޕްރޮގްރާމެއް ފެށުން
  • ދިރިއުޅުމަށް ގޯތި ދޫކުރުމުގައި އެކަށޭނެ މިންވަރަކަށް "ހޯމް ގާޑްން" ހެއްދުމަށް ގަވާއިދުގައި ހިމެނުން

މީގެ އިތުރުން ލާމަރުކަޒީ ކޮމިޓީގެ ރިޕޯޓު ވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ބިންތަކުގައި ކައުންސިލްތައް މެދުވެރިކޮށް އެ މަސައްކަތް ކުރަމުން ދޭތޯ ބެލުމަށާއި ބިން ނެތް ރަށްރަށަށް ދަނޑުވެރިކަން ކުރަން ފަޅުރަށް ދޭ ގޮތަށް ހުށަހަޅާފައިވާ އެ ރިޕޯޓު ފާސްކުރީ 54 މެންބަރުންގެ ވޯޓުންނެވެ.

އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ އިތުރުން ޖުޑިޝަރީ ކޮމިޓީ އާއި ޕެޓިޝަން ކޮމިޓީގެ ރިޕޯޓު ވެސް މިއަދުގެ ޖަލްސާގައި ފާސްކުރި އެވެ. ޖުޑިޝަރީ ކޮމިޓީގައި މައިގަނޑު ގޮތެއްގައި އޮތީ ކޯޓުތަކަށް މައްސަލަ ހުށަހެޅުމާއި ހުށަހެޅިފައިވާ މައްސަލަތައް ކުރިއަށް ގެންދޭނެ ގޮތަކަށް ކަންކަން ހަމަޖެއްސުމާ ގުޅޭ ގޮތުންނެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދުހެންވޭރު ދާާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި އެ މައްސަލަ ވަނީ މަޖިލީހުގެ 12 ކޮމިޓީއަކުން ދިރާސާކޮށްފަ އެވެ. އޭގެ ތެރެއިން 10 ކޮމިޓީއެއްގެ ރިޕޯޓު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައިވާއިރު މިއަދު ތަޅުމުން ފާސްކުރީ ހަތަރު ކޮމިޓީއެއްގެ ރިޕޯޓެވެ.

މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވި ގޮތުގައި މަޖިލީހުގެ ކޮމިޓީތަކުން ފޮނުވާފައިވާ ރިޕޯޓުތަކުގައި ސަރުކާރަށް ފޮނުވާ ލަފާގައި ހިމަނާނެ 300 އަށް ވުރެ ގިނަ ހުށަހެޅުން ހިމަނާފައިވެ އެވެ.