ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިސްލާމިކް މިނިސްޓްރީ

ކަދުރު ބެހުމުގައި އަމަލުކުރި ގޮތް ހާމަކޮށްފި

ސައުދީ ސަރުކާރުން ދިވެހިންނަށް ހަދިޔާކުރި ކަދުރުގެ ތެރެއިން 12،000 ޕަކެޓް ކަދުރު ބަހާފައިވާ ކަމަށާ އަދި މިހާތަނަށް ނުބެހި 12،000 ޕެކެޓް ކަދުރު އެބަހުރި ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ވަނީ މިއަހަރުގެ ރޯދަ މަހަށް ދިވެހި ރައްޔިތުންނަށް ސައުދީ ސަރުކާރުން ހަދިޔާކުރި ކަދުރު ބެހުމާއި ގުޅޭގޮތުން ނޫސްބަޔާނެއް ނެރެފައެވެ. މިފަދަ ބަޔާނެއް މިނިސްޓްރީން ނެރެފައިވަނީ މިއަހަރު ސައުދީން ދިން ކަދުރާ ގުޅޭގޮތުން ގިނަ ބަޔަކު ތަފާތު ސުވާލުތައް ކުރިމަތި ކުރަމުން ދަނިކޮށެވެ.

އެ މިނިސްޓްރީން ބުނީ ސައުދީން މިއަހަރުވެސް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވާ ކަމަށެވެ. އެއީ 2450 ކޭސް ކަމަށާ ޕެކެޓުން ބަލާނަމަ 24،500 ޕަކެޓް ކަދުރު ކަމަށެވެ.

މިއަހަރު ކަދުރު ބަހަން ހަމަޖެއްސީ މާލެ ސިޓީއާއި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީއާއި އަތޮޅުތެރޭގެ ރަށްރަށުގައި މީހުން ދިރިއުޅޭ ގޭބީސީތަކުގެ ތެރެެއިން ކަދުރު ބަލާ އަންނަ މީހުންގެ ތަރުތީބުން ކަމަށާ އަދި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންގެ ތެރެއިން ކޮންމެ ގޭބީސީއަކަށް ކަދުރު ޕެކެޓެއްގެ މަގުން ކަމަށެވެ. ރާއްޖޭގައި ހުރީ 63،102 ގޭބީސީއެވެ. މިއަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ 2350 މީހުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީން މިފަހަރު ދިން ކަދުރަކީ ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ޕެކެޓެއް ދެވޭނެ މިންވަރަށްވުރެ މަދު އަދަދެއް ކަމަށާ އެހެން ކަމުން މިއަަހަރު ލިބުނު ކަދުރު ފަގީރުންގެ ގޭބީސީތަކަށް ބެހުމަށްފަހު، ކޮންމެ 100 ގޭބީސީއަކަށް 33 ޕެކެޓް ކަދުރު ދިނުމަށް ނިންމި ކަމަށެވެ.

މިނިސްޓްރީން ބުނީ އިއްޔެގެ ނިޔަލަށް 78 ރަށަކަށް 9567 ޕެކެޓް ކަދުރު ފޮނުވާފައިވާ ކަމަށާ 103 ރަށުން އަދި ކަދުރާ ހަވާލުވެފައިނުވާ ކަމަށެވެ. އެ ރަށްތަކަށް 8577 ކަދުރު ޕެކެޓް ބެހެއްޓިފައިވާ ކަމަށް ވަނީ ބުނެފައެވެ.

އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބެހުމަށް 1881 ކަދުރު ޕެކެޓް އެޗްޑީސީއަށް ހަވާލުކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިފަހަރުވެސް ކަދުރު ބަހާނީ ސިޓީ ކައުންސިލު މެދުވެރިކޮށް ކަމަށާ ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އެކަން ކުރިން ކުރަމުން އައި ގޮތަށް ނުކުރެވޭނެތީ އެހެން ގޮތްތަކެއް ހޯދުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އަދި އެފަދަ އިންތިޒާމެއް ހަމަޖެހެންދެން 2903 ކަދުރު ޕެކެޓް މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބަހައްޓާފައިވާ ކަަމަށް ވަނީ ބުނެފައެވެ. މިހާތަނަށް 426 ފަގީރުންނަށް ޔޫތު މިނިސްޓްރީ މެދުވެރިކޮށް ކަދުރު ވަނީ ބަހާފައެވެ.

އަދި ކަރަންޓީން ފެސިލިޓީތަކުގައި ތިބި ހާލުގައި ޖެހިފައިވާ ބިދޭސީންނަށްވެސް ކަދުރު ދިނުމަށް ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ސައުދީ ސަރުކާރުން ދިވެހިންނަށް ހަދިޔާކުރި ކަދުރުގެ ތެރެއިން 12124 ޕަކެޓް ކަދުރު ބަހާފައިވާ ކަމަށާ އަދި މިހާތަނަށް ނުބެހި 12،376 ޕެކެޓް ކަދުރު އެބަހުރި ކަމަށާ ސައުދީން ހަދިޔާކުރި ކަދުރު ދައުލަތުގެ އިސްވެރިންނަށް އަދި މިނިސްޓްރީގެ މުވައްޒިފުންނަށްވެސް ދީފައިނުވާ ކަމަށް ވަނީ ބުނެފައެވެ.