ބޮލީވުޑް

މަދޫބާލާ: އެންމެ ރީތި އެންމެ ނަސީބު ދެރަ ބަތަލާ

ހިންދީ ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު މިހާރު ވެސް އެއްބަސްވާ އެއް ކަމަކީ މަދޫބާލާ ވަރުގެ ރީތި ބަތަލާއެއް މިހާތަނަށް ހިންދީ ފިލްމަކުން ފެނިފައި ނުވާ ކަމެވެ. ރީތިކަމާއި ބަނިޔާދަންކަމުގެ މިސާލު ޖަހާނަމަ މިހާރު ވެސް އެންމެ ފުރަތަމަ ނަމަކަށް ގިނަ ބަޔެއްގެ ދުލަށް އަންނަނީ މަދޫބާލާގެ ނަމެވެ. ނަމަވެސް ބޮލީވުޑްގެ "އަނާރްކަލީ" ގެ އުމުރުގެ ނަސީބުވެސް އެހާ ދެރަ އެވެ. މަދޫބާލާ މަރުވީ އުމުރުން އެންމެ 36 އަހަރުގަ އެވެ.

އޭނާގެ ކުރު ހަޔާތުގައި ގިނަ އުސްގަނޑުތަކަކާއި އަޑިގަނޑުތަކަކާ ކުރިމަތިވި އެވެ. އެކި އެކްޓަރުންނާއި މަދޫބާލާގެ ލޯބީގެ ވާހަކަތައް އެ ޒަމާނުގައި ވަރަށް ގިނައިން އަޑު އިވެމުން ދިޔަ ވެސް މެއެވެ. ނަމަވެސް އޭނާގެ ހަގީގީ ވާހަކަ އެނގެނީ މަދު ބަޔަކަށެވެ.

މިއަދު މަދޫބާލާގެ ހަޔާތުގެ ހަގީގީ ވާހަކަ ދުނިޔެއަށް ހާމަވެފައިވަނީ އޭނާގެ ކޮއްކޮ މަދުރް ބޫޝަން އެ ވާހަކަތައް ކިޔައިދިނުމުންނެވެ. ޓުވިޓާގައި އޭނާ ވަނީ މަދޫބާލާ އާ ދޭތެރޭ ހަގީގަތުގައި ކަންކަންވީ ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ.

މަދޫބާލާ ހަގީގީ ލޯބިވީ އެ ޒަމާނުގައި އެންމެ ވިދާލި އެއް އެކްޓަރު ދިލިޕް ކުމާރާ އެވެ. ނަމަވެސް އޭނާގެ ކޮއްކޮ ބުނެފައިވާ ގޮތުގައި އެ ދެ މީހުންގެ މެދުގައިވާ ލޯތްބަށް ހުރަސް އެޅުނީ ދެ މީހުންގެ ގޮތް ދޫ ނުކުރުމެވެ. ބޯހަރު ކަމެވެ. ދެ މީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވިޔަސް މަދޫބާލާއާ ކައިވެނި ކުރަން ދިލިޕްގެ ޝަރުތެއް އޮތެވެ.

އެއީ މަދޫބާލާގެ ބައްޕަ އާ އޮތް ގުޅުން މުޅިން ކަނޑާލުމެވެ. ނަމަވެސް މިއީ އެއްވެސް ހާލެއްގައި މަދޫބާލާއަށް ކުރަން ފަސޭހަ ކަމެއް ނޫނެވެ. ދިލިޕްގެ ލޯބީގެ ގުރުބާނީ އޭނާއަށް ދޭން ޖެހުނީ ބައްޕައާ ގުޅުން ކަނޑާލަން ބޭނުން ނުވީމަ އެވެ.

ދިލިޕްގެ މަތިން ހަނދާން ނައްތާލައި އާ ހަޔާތެއް ފަށަން މަދޫބާލާ ގަސްތުކުރި އެވެ. އެގޮތުން އެކްޓަރު-ލަވަކިޔުންތެރިޔާ ކިޝޯރު ކުމާރާ ލޯބީގެ ގޮތުން ގުޅި ކައިވެނި ކުރި އެވެ. ނަމަވެސް 1954 ވަނަ އަހަރު އޭނާ "ޗަލަކް" ކިޔާ ފިލްމެއްގެ ޝޫޓިންގްގައި އުޅެނިކޮށް ހޮޑަށް ލޭ ލެވެން ފެށުމުން ޑޮކްޓަރަށް ދެއްކުމުން ހިތުގައި ލޯވަޅެއް އިންކަން އެނގުނެވެ. އަދި ތިން މަސް ދުވަހު ރެސްޓް ކުރަން ޑޮކްޓަރުން އިރުޝާދު ދިނެވެ. ނަމަވެސް އޭނާގެ ފިލްމުތަކަށް ގެއްލުން ވާނެތީ އަރާމު ކުރުމެއް ނެތި ބަލި ހާލުގައި ވެސް އޭނާ ފިލްމުތައް ނިންމުމުގެ މަސައްކަތް ކުރި އެވެ.

މި ޒަމާނުގައި ހިތުގައި އިންނަ ލޯވަޅު ބެއްދުމަކީ ފަސޭހައިން ކުރެވޭ ކަމަކަށް ވިޔަސް އެ ޒަމާނުގައި މިކަމަށް ދެވޭނެ ފަރުވާއެއް ނޯވެ އެވެ. އެހެންވެ މަދޫބާލާ ދުނިޔޭގައި ހުންނާނެ ކަމަށް ޑޮކްޓަރުން ބުނީ އެންމެ ގިނަވެގެން ވެސް ދެ އަހަރު ދުވަހަށެވެ. މަދޫބާލާ ބަލިވުމުން އޭނާ ގެންގޮސް އާއިލާގެ މީހުންގެ ގެއަށް ލީ ކިޝޯރެވެ. އޭގެ ފަހުން ދައްތަގެ ހާލު ދެކިލަން ކިޝޯރު އެ ގެއަށް ދަނީ ވެސް ދެ މަހުން އެއް ފަހަރު ކަހަލަ ގޮތަކަށް ކަމަށް މަދޫބާލާގެ ކޮއްކޮ ބުނެފައި ވެއެވެ. ނަމަވެސް ކިޝޯރު މަދޫބާލާއަށް އަނިޔާކުރާ ކަމަކަށް ދެކެވުނު ވާހަކަތައް މަދޫބާލާގެ ކޮއްކޮ ދޮގު ކުރެ އެވެ.

މަދުރް ބުނި ގޮތުގައި މަދޫބާލާ ގެއިން ނުކުތަސް ނުކުންނަނީ ބުރުގާ އަޅާ މޫނު ފޮރުވައިގެންނެވެ. ސަބަބަކީ މީހުންނަށް އޭނާ ފެނިއްޖެނަމަ އައިސް ވަށާލާތީ އެވެ. އަދި ބައްޔަށް ފަރުވާއެއް ހޯދޭނީ ކޮން ދުވަހަކުން ބާއޭ ކިޔާ އަބަދު ޝަކުވާ ކުރަމުން ދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.

މަދޫބާލާ މަރުވީ މި ބަލީގައި އެނދުން ނުތެދުވެވި ވެސް ނުވަ ވަރަކަށް އަހަރު އޮތުމަށް ފަހުގަ އެވެ. އަދި މަރުވިއިރު ހިކިގެން ގޮސް މަސްތައް ވިރި ކަށިގަނޑުގައި ހަންތައް ހުރީ ތަތްލާފަ ކަމަށް އޭނާގެ ކޮއްކޮ ބުންޏެވެ.

ދިލިޕް ކުމާރު، ސާއިރާ ބާނޫ އާ ކައިވެނި ކުރިއިރު މަދޫބާލާ މަރެއް ނުވެ އެވެ. އެހެންވެ އެ ޚަބަރު އިވުމުން ވަރަށް ދެރަވެގެން އުޅުނު ކަމަށް ވެސް މަދުރް ބުނެފައި ވެއެވެ.