އަމީތާބު

ކޭބީސީ ޕްރޮމޯ އަމީތާބު ޝޫޓްކުރީ ގޭގައި އަމިއްލައަށް

އަމީތާބު ބައްޗަން އަކީ ހުނަރުވެރި އެކްޓަރެއްގެ އިތުރުން ވަރަށް ގާބިލް މީހެއްކަން ވެސް ސާބިތުކޮށްދީފި އެވެ. އޭނާގެ މަޝްހޫރު ޓީވީ ޝޯ "ކޯން ބަނޭގާ ކްރޯޅްޕަތީ" (ކޭބީސީ) ގެ އާ ސީޒަންގެ ފުރަތަމަ ޕްރޯމޯ އަމީތާބު ވަނީ އޭނާގެ ގޭގައި ހުރެގެން އަމިއްލައަށް ޝޫޓްކޮށްފަ އެވެ. މި ޝޯ ދައްކާތާ 20 އަހަރު ފުރުން މި އަހަރު ފާހަގަ ކުރާއިރު ޝޯގެ ޕްރޮމޯ އަމީތާބު ޝޫޓް ކުރީ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ އެހީތެރި ކަމާއެކު ގައެވެ.

އެންމެ ފުރަތަމަ ޕްރޮމޯ އިންނާނެ ގޮތް ރާވާ ހެދީ ޑައިރެކްޓަރެވެ. އަދި ވީޑިއޯގެ ފުރަތަމަ މަންޒަރުން ފެށީގެން އޭނާ ތައްޔާރުކޮށް އަމީތާބާ ޝެއާ ކުރި އެވެ. ނިތޭޝް ބުނީ ގޭގައި ޕްރޮމޯ ތައްޔާރު ކުރުން ބޮޑު ގޮންޖެހުމަކަށް ވިޔަސް އޭނާ އެކަން ނިންމާ އަމީތާބާ ޝެއާ ކުރީ އޭނާގެ ޚިޔާލެއް ހޯދާށެވެ.

އޭނާ ތައްޔާރުކޮށްފައިވާ ގޮތަށް އަމީތާބު އަމިއްލައަށް ގޭގައި އެ ޕްރޮމޯ ޝޫޓްކުރީ ކަމަށް އަމީތާބުގެ "ބޫތުނާތު 2" ގެ ޑައިރެކްޓަރު ނިތޭޝް ބުންޏެވެ.

މި ޝޯ ޓެލެކާސްޓްކުރާ ސޮނީ ޓީވީން މި ޕްރޮމޯ އަންނަ މޭ 9-22 އަށް ދައްކަން ވަނީ ހަމަޖެހިފަ އެވެ. މި ދެ ހަފުތާ ތެރޭ ކޮންމެ ދުވަހަކު ވަކި ސުވާލެއް އަމީތާބު ބެލުންތެރިންނަށް ހުށަހަޅަން ވަނީ ހަމަޖެހިފަ އެވެ.

މި އިޝްތިހާރު ސޮނީގެ ޑިޖިޓަލް ޕްލެޓްފޯމް ސޮނީ ލިވް އިން ވެސް ދައްކާނެ އެވެ. މި ޝޯގެ އޮންލައިން އޮޑިޝަންތައް ބާއްވަން ހަމަޖެހިފައިވަނީ ސޮނީ ލިވް އިންނެވެ. އޮޑިޝަންގައި ޖީކޭ ޓެސްޓާއި އޮންލައިން ސަބްމިޝަން ވެސް އޮންނާނެ އެވެ.

ކޭބީސީގެ ޕްރޮމޯޝަން ވެސް މިފަހަރު ގުޅުވާލާފައިވަނީ ކޮރޯނާވައިރަހާ އެވެ. އެހެންކަމުން ޝޯގެ މިފަހަރުގެ ޓެގްލައިނަކީ "ކޮންމެ އެއްޗެއް ވެސް ހުއްޓުމަކަށް ގެނެވިދާނެ އެވެ. ހުވަފެނަކަށް ހުއްޓުމެއް ނާންނާނެ އެވެ."