ހަބަރު

އޮންލައިންކޮށް ރާއްޖޭގައި ފުރަތަމަ ކައިވެނިކޮށްފި

May 6, 2020
2

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރާއްޖޭގައި ކައިވެންޏެއް ފުރަތަމަ ފަހަރަށް މިއަދު ކޮށްފި އެވެ. އެނގިފައިވާ ގޮތުގައި މިއަދު ކޮށްފައިވަނީ ރުޖޫއަ ކައިވެންޏެކެވެ.

އާންމު ސިއްހަތު ކުއްލި ނުރައްކަލުގެ ހާލަތުގައި ވީޑިއޯ ކޮންފަރެންސްކޮށް ކައިވެނި ކުރެވޭނެ ކަމަށް ކަނޑައަޅައި އެކަމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު ނެރުނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ކުއްލި ނުރައްކަލުގެ ހާލަތާއެކު، ސަރުކާރު ބަންދުވުމާ ގުޅިގެން މާލޭގައި ކައިވެނި ކުރުން އޮތީ ހުއްޓިފަ އެވެ.

މިއަދު ހަވީރު ކުރި މި ކައިވެނީގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށް ދިޔަ ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ. އެގޮތުން އިންޓަނެޓް ނެޓްވޯކްގެ އެއްވެސް މައްސަލައެއް ނެތި، އޮންލައިން ފުރަތަމަ ކައިވެނި ކުރެވުނެވެ.

އޮންލައިންކޮށް ކައިވެނި ކުރުމާ ބެހޭ އުސޫލުގައިވާ ގޮތުން ކައިވެނި ކުރުމުގެ ކުރިން ކޯޓުން ދޭ ކައިވެނީގެ އިގުރާރުގައި ކައިވެނި ކުރާ ދެ މީހުންނާއި ވަލީވެރިޔާ އަދި ދެ ހެކިވެރިން ސޮއި ކުރަން ޖެހެ އެވެ. އާންމުކޮށް ކައިވެނި ކުރާއިރު އެކަން ކުރަނީ ކައިވެނީގެ މަޖިލީހުގަ އެވެ.

ކައިވެނިތައް މަޑުޖެހިފައި އޮތުމަށް ފަހު ދެން ފެމެލީ ކޯޓަށް ކައިވެނިކޮށް ދޭ ހުށަހަޅާ ކޮންމެ ފަރާތެއްގެ ވެސް ކައިވެނި އޮންލައިކޮށް ދޭނެ އެވެ. ފެމެލީ ކޯޓުން އޮންލައިންކޮށް ކައިވެނިކޮށް ދޭން އުސޫލު ނެރެފައި ވަނީ ހަމައެކަނި މާލޭގަ އެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ވެސް ދިގުލައިގެންދާނެ ކަމަށް ބެލެވޭއިރު ގިނަ އޮންލައިން ކައިވެނިތަކެއް ކުރުން އެކަަށީގެންވެ އެވެ.