ހަބަރު

ކައިވެނިކޮށް ދިނުމަށް ވަކި އޮފީހެއް ހަދަނީ

ފެމެލީ ކޯޓުން ކައިވެނިކޮށް ދިނުމުގެ ބަދަލުގައި އެކަމަށް ވަކި އޮފީހެއް ހެދުމަށް ސަރުކާރުން ނިންމައިފި އެވެ. ސަރުކާރުން މިގޮތަށް ނިންމާފައިވާކަން ހާމަކުރީ މިހާރު ކުރިއަށްދާ ޖުޑީޝަލް ސިމްޕޯޒިޔަމް އޮން ފެމިލީ ޖަސްޓިސްގަ އެވެ.

ސަރުކާރުގެ ފަރާތުން އެ ހުށަހެޅުން ހުށަހަޅާފައިވަނީ އެޓާނީ ޖެނަރަލް (އޭޖީ)ގެ އޮފީހުންނެވެެ. އޭޖީ އޮފީހުން ބުނީ އާއިލީ އަދުލުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކައިވެނިކޮށްދިނުމާއި ކައިވެނި ރަޖިސްޓަރީކުރުމަށް "ކައިވެނީގެ ރަޖިސްޓްރާގެ އޮފީސް"ގެ ނަމުގައި އިދާރާއެއް އުފައްދަން ނިންމީ ކަމަށެވެ.

ސަރުކާރުގެ ވުޒާރާއެއްގެ އިދާރީ އޮނިގަނޑުގެ ތެރޭގައި ހިމެނުމަށް ހުށަހަޅާ "ކައިވެނީގެ ރަޖިސްޓްރާގެ އޮފީސް" މެދުވެރިކޮށް، ޝަރުއީ މައުޛޫނުކަން ކުރުމުގެ ހުއްދަ ދޫކުރުމާއި މައުޛޫނުންގެ ރަޖިސްޓަރީއެއް ބެލެހެއްޓުން ހިމެނުމަށް ނިންމާފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އޭޖީ އޮފީހުން ބުނީ ކައިވެނީގެ ރަޖިސްޓްރާގެ މަސައްކަތްތަކުގައި ކައުންސިލްތަކުގެ ބައިވެރިވުން ހިމެނުމުން، މެޖިސްޓްރޭޓުން ނެތް ރަށްރަށުގައި ވެސް ކައިވެނި ކުރުމުގެ ހިދުމަތް ފަސޭހައިން ލިބިގެންދާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ކައިވެންޏަށް ވަކި އޮފީހެއް ހެދުމުގެ އިތުރުން އަނިބިމީހާއަށާއި، ދަރިންނަށާއި، އިއްދައިގައި އިންނަ އަންހެނާއަށް ޝަރުއީ ހަމަތަކުގެ މަތިން ދޭންޖެހޭ ހަރަދުގެ މިންވަރު ބޮޑުކުރުމަށް ވެސް ސަރުކާރުން ނިންމާފައިވާކަން މިއަދު ވަނީ ހާމަކޮށްފަ އެވެ.

އޭގެއިތުރުން ސަރުކާރުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އަނެއް ކަމަކީ ވަރި، ޙަޟާނަތު، ހަރަދާ ގުޅޭ މައްސަލަތައް އެއް ދައުވާ ފޯމާއެކު ހުށަހަޅައި، އެއް މައްސަލައިގެ ތެރެއިން އެ ކަންކަމަށް ގޮތެއް ކަނޑައެޅޭނެ ނިޒާމެއް ކޯޓުތަކުގައި ހަމަޖެއްސުމެވެ. އެއް ބާވަތުގެ މައްސަލަތައް ވަކި މައްސަލަތަކެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުން ހަރަދު ހަމަޖައްސައިދިނުމުގެ މައްސަލަ ދިގުލައި، އެކަމުގެ ސަބަބުން ބައެއް ކުޑަކުދިންގެ ހައްގައް އުނިކަން އަންނަފަދަ ހާލަތްތައް މެދުވެރިވާ ކަމަށް އެ އޮފީހުން ބުންޏެވެ.