ޖޭއެސްސީ

ޝަރުއީ ދާއިރާ އިސްލާހުކުރަން ކުރަންޖެހޭ ކަންކަން އާންމުކޮށްފި

ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލި ކަރުދާހެއް އެޓާނީ ޖެނެރަލް އޮފީހުން އާންމުކޮށްފި އެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާޙުކުރުމުގެ މަސައްކަތުގެ ތެރެއިން ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތުގައި މިހާތަނަށް ކުރެވުނު މަޝްވަރާއާއި، ކަމާގުޅޭ ގޮތުން ކުރެވުނު ދިރާސާގެ އަލީގައި "ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުން"ގެ ނަމުގައި އެކުލަވާލާފައިވާ ކަރުދާހެއް އޭޖީ އޮފީހުގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.

ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް އެ ދާއިރާގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ އިޖުތިމާއީ އަދުލުވެރިކަމުގެ ދާއިރާއިން ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވައުދެވެ.

އެގޮތުން ޝަރުއީ ދާއިރާގެ އިސްލާހީ މަސައްކަތްތައް 2019ވަނަ އަހަރު ފަށާފައިވާއިރު އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ދެ މަރުޙަލާއަކަށް ބަހާލައިގެން ނެވެ.

އޭޖީ އޮފީހުން ބުނި ގޮތުގައި ފުރަތަމަ މަރުހަލާގައި ކުރިއަށްގެންދިޔައީ އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް ރާއްޖޭގެ ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި އަދި ފަނޑިޔާރުންގެ ސުލޫކީ ހަމަތަކާގުޅޭ އުސޫލުތަކާއި ފިޔަވަޅުއެޅުމުގެ އިޖުރާއަތު އިތުރަށް ހަރުދަނާކުރުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ޤާނޫނަށާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަކީ ޝަރުޢީ ދާއިރާ ހަރުދަނާކުރުމަށް ކުރެވޭ އިސްލާހީ މަސައްކަތުގެ ފަހު މަރުހަލާގައި ކުރިއަށްގެންދެވޭ މަސައްކަތެކެވެ.

އޭޖީ އޮފީހުން ބުނި ގޮތުގައި އެ ކަރުދާހަކީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކާއި ކަމާގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތަކާގުޅޭ ބިލުތައް އެކުލަވާލުމުގެ ކުރިން ކަމާބެހޭ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާއާއި އާންމުންގެ ހިޔާލާއި، ކަމުގެ މާހިރުންގެ ލަފަޔާއި އަދި ބައިނަލްއަޤްވާމީ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ ކަރުދާހެކެވެ.