ހަބަރު

ޖޭއެސްސީގެ ކޮމެޓީއިން ސުއޫދުގެ ވާހަކަތަކުގެ ހެކިތައް ހޯދަނީ

ފަނޑިޔާރުން އައްޔަންކުރުމަށާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވާފައިވާ ކަމަށް، ކުރެވޭ ތުހުމަތުތަކުގެ ހަގީގަތް ހޯދުމަށް، ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއިން ކޮމިޓީއަށް އެކަމާ ގުޅޭ ހެއްކާއި މައުލޫމާތު ހިއްސާކުރުމަށް އެދެން ނިންމައިފި އެވެ. އެ ކޮމެޓީގެ ރައީސަކަށް، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު އަދި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ވަނީ އައްޔަންކޮށްފަ އެވެ.

ޖޭއެސްސީއިން މިއަދު މައުލޫމާތު ދިން ގޮތުގައި އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ފާހަގަކުރެއްވި ކަންތައްތަކުގެ ހަގީގަތް ހޯދައި، ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އެކަންކަމުގެ މައުލޫމާތާއި އަދި ގުޅުންހުރި ހެކިތަކުގެ މައުލޫމާތު ހޯދުމަށް ކޮމިޓީން ނިންމިއެވެ.

މީގެއިތުރުން ސުއޫދުގެ ފަރާތުން ފޯރުކޮށްދެވެންހުރި މައުލޫމާތާއި ހެކި ހިއްސާކޮށްދެއްވުމަށް ދެންނެވުމަށާއި އަދި ދައުލަތުގެ ތަހުގީގީ އިދާރާތަކުންނާއި އެހެނިހެން ފަރާތްތަކުން މައުލޫމާތު ހޯދުމަށްވެސް މިއަދުގެ ބައްދަލުވުމުގައި ނިންމި ކަމަށް ޖޭއެސްސީއިން ބުންޏެވެ.

ފަނޑިޔާރުންނާ މެދު ކުރެވިފައިވާ ތުހުމަތުތަކަކީ ރައްޔިތުންގެ ނުހަނު ކަންބޮޑުވުންތައް އެކަމުގައި ޝާމިލްވާ ކަމަކަށްވާތީއާއި އަދި އެކަމުގެ ހަގީގަތް ހޯދުމަކީ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ކަށަވަރުކޮށް، ޖުޑިޝަރީއާމެދު އޮންނަ އިތުބާރު ދެމެހެއްޓުމަށް މުހިންމު ކަމެއްކަމަށްވާތީ، ކޮމިޓީގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ނިންމައި އަދި ކޮމިޓީގެ މަސައްކަތް ކުރިއަށްދާގޮތް އާންމުކޮށް ހިއްސާކުރަމުން ގެންދިއުމަށް ވެސް ވަނީ ނިންމާފަ އެވެ.

ސުއޫދު ވިދާޅުވެފައިވާ ގޮތުގައި ކޯޓުތައް ހުރީ ވަރަށް ބޮޑަށް ގޭންގުތަކުގެ ނުފޫޒު ފޯރާފައި ކަމަށާއި މަރުގެ ބޮޑެތި މައްސަލަތަކުގައި ވެސް ގޭންގުތަކުން ބުނާ ގޮތަށް ބައެއް ފަނޑިޔާރުން ހަދަ އެވެ.

ފަނޑިިޔާރުން ސެކިއުރިޓީ ފޯރުކޮށްދިނުމުގައި ބައެއް ގޭންގުތައް ހަރަކާތްތެރިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި ފަނޑިޔާރުން އައްޔަން ކުރުމުގެ ކޯޓާތަކެއް ވެސް ބައެއް ގޭންގުތަކަށް ލިބިފައި އޮންނަ ކަމަށް ސުއޫދު ވިދާޅުވި އެވެ. އެ ގޭންގުތައް ބޭނުންވާ ބަޔަކު ވަކި ކޯޓުތަކަށް އައްޔަން ކުރާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އޭގެ އިތުރުން ގޭންގުތަކާ ގުޅުން ހުރި މައްސަލަތައް ކުރިޔަށް ދާއިރު ބައެއް ސިއްރު ހެކިތައް ދޭ ފަރާތްތަކުގެ މައުލޫމާތު ގޭންގުތަކަށް ދޭ ކަމަށް ސުއޫދު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ސްޕްރީމް ކޯޓުން ވެސް ވަނީ އެ މައްސަލަ ބެލުމަށް ނިންމާފަ އެވެ. ނަމަވެސް އެ ތުހުމަތުތަކާ ގުޅޭ ތަފްސީލުތައް ހިއްސާ ކުރުމަށް ސުއޫދު ދެކޮޅު ހަދާފައިވާ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ބުނެފަ އެވެ.

ޖުޑީޝަލް އެކެޑަމީގެ ޗާންސެލާ އަހުމަދު މާޖިދު ވިދާޅުވީ އެ މައުލޫމާތު ހިއްސާ ކުރަން ސުއޫދު ދެކޮޅު ހެއްދެވުމުން ސުއޫދުގެ އިހުލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމަށާއި، އެ މައުލޫމާތު ޖުޑީޝަރީއިން ބޭނުންވަނީ އެކަންކަމުގެ ހަގީގަތް ބަލައި ފިޔަވަޅު އަޅަން ކަމަށެވެ. މާޖިދު ވިދާޅުވީ ސުއޫދު ދެއްކެވި ވާހަކަ ތަކަކީ ހަގީގަަތެއް އެކުލެވޭ ވާހަކަތަކެއް ނަމަ ސްޕްރީމް ކޯޓާއި އެ މައުލޫމާތު ހިއްސާކުރަން ޖެހިލުންވާންޖެހޭ ސަބަބެއް ނެތް ކަމަށެވެ.