ކޮވިޑް-19 އިގެ ބަލިޖެހިފައިވާ މީހުނަށް ފަރުވާ ދިނުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންދާ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން، އެ ބަލި ޖެހުނު މީހުންގެ އަދަދު 90،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ބައިނަލްއަގުވާމީ ނަރުހުންގެ ޖަމިއްޔާ އިން ބުނެފި އެވެ.
ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވާ މިންވަރަށް ރައްކާތެރިކަމުގެ އާލާތްތައް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެފައި ވާއިރު، އިންޓަނޭޝަނަލް ކައުންސިލް އޮފް ނާސަސް (އައިސީއެން) އިން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 ޖެހިފައިވާ ސިއްހީ ހިދުމަތްތެރިންގެ ރަސްމީ އަދަދު 90،000 ގައި ހުރި ނަމަވެސް، ހަގީގީ އަދަދު އޭގެ ދެ ގުނައަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެ ޖަމިއްޔާއިން އިތުރަށް ބުނި ގޮތުގައި، ފަރުވާ ދިނުމުގައި އުޅޭ ނަރުހުންގެ ތެރެއިން 260 އަށް ވުރެ މީހުން މިހާރު ވެސް އެ ބަލީގެ ޝިކާރައަކަށް ވެފައިވާނެ އެވެ.
އެހެން ކަމުން، ބަލި މީހުންގެ ފަރާތުން ސިއްހީ ހިދުމަތްތެރިނަށް ބަލި ފެތުރުން މަދުކޮށް، ރައްކާތެރި ވުމަށްޓަކައި އެކަމުގެ ރަސްމީ އަދަދުތައް ރަނގަޅަށް ބަލަހައްޓައި، ހާމަ ކުރުމަށް އެ ޖަމިއްޔާ އިން ވަނީ ސަރުކާރުތަކަށް ގޮވާލައިފަ އެވެ.
ކޮވިޑް-19 މިހާރު ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމަށް ފެތުރިފައި ވާއިރު، އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3.6 މިލިއަނަށް ވުރެ މައްޗަށް އަރައިފަ އެވެ. އަދި އޭގެ ތެރެއިން މިހާތަނަށް 257،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.