ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ޕޮލިސް ސާވިސް

"ކަރަންޓީނު ފެސިލިޓީއަކީ ޖަލެއް ނޫން"

ކަރަންޓީނު ފެސިލިޓީއަކީ ޖަލެއް ނޫން ކަމަށާ އެހެން މީހުން ނުރައްކަލުގެ ތެރެއަށް ހުށަހަޅާ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅު ފުލުހުން އަޅާނެ ކަމަށް އެސިސްޓެންޓް ފުލުސް ކޮމިޝަނަރު އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެ އެވެ.

ފައިރޫޝް މިހެން ވިދާޅުވީ ހެރެތެރެ ރިސޯޓްގައި ކަރަންޓީނު ކޮށްފައި ތިބި މީހުންގެ ތެރެއިން ފަސް ފިރިހެނަކު ފިލާފައި ވަނިކޮށެވެ. އެމީހުންގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ހޯދައި ހައްޔަރު ކޮށްފަ އެވެ.

އޭނާ ވިދާޅުވީ ކަރަންޓީނު ފެސިލިޓީ އަކީ ޖަލެއް ނޫން ކަމަށާ އެއީ ދަނޑިމާރު އަޅައިގެން މީހުން ބަލަހައްޓާ ތަންތަނެއް ވެސް ނޫން ކަމަށެވެ.

"މި ތަންތަނަށް [ކަރަންޓީން ފެސިލިޓީ] ގެންދެވޭ ފަރާތްތަަކާއި، އަމިއްލައަށް އެ ތަންތަނުގައި ތިބެން އެއްބަސް ވެގެން ދާ ފަރާތްތަކުގެ ޒިންމާއެއްވެސް ވޭ. ފަރުދީ ޒިންމާ އަދާ ކުރައްވާ،" ފައިރޫޝް ވިދާޅުވިއެވެ.

ފައިރޫޝް ވިދާޅުވީ އެހެން މީހުން ނުރައްކަލުގެ ތެރެއަށް ހުށަހަޅާ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅު ފުލުހުން އަޅާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް ގިނަ ބަޔަކު ކަރަންޓީނު ކޮށްފައިވާއިރު މިއީ ކަރަންޓީން ފެސިލިޓީއަކުން ބަޔަކު ފިލި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ބައެއް ރިސޯޓްތައް ބަން ދުކޮށްފައި ވަނިކޮށް ރިސޯޓްތަކުން މީހުން ވަގަށް ފޭބުމުގެ ސަބަބުން ހައްޔަރު ކޮށްފައި އެބަ ހުއްޓެވެ. އަދި ވަގަށް ރަށްރަށަށް އަރަނިކޮށް ވެސް މީހުން ހައްޔަރު ކޮށްފައިވެ އެވެ.

ކަރަންޓީނަށް ދިޔުމަށް ދެކޮޅު ހަދައިގެން ވެސް މީހަކު މީގެކުރިން ހައްޔަރު ކޮށްފައިވެ އެވެ. އަދި ބައެއް މީހުން ސާމްޕަލް ދޭން ދެކޮޅު ހެދުމުން ކޯޓުން އަމުރު ނެރެން ވެސް ޖެހިފައިވެ އެވެ.