ބޮލީވުޑް

ބޮލީވުޑް ފިލްމު ޝޫޓްކުރަން އާ ގައިޑްލައިނެއް

ފިލްމު ސެޓުތަކުގައި ސޯޝަލް ޑިސްޓެންސިން އަށް ސަމާލުކަން ދިނުމަށް މުޅިން އާ ގައިޑްލައިނެއް އެކުލަވާ ލުމުގެ މަސައްކަތް އިންޑިޔާގެ އާޓިސްޓުންނާ ބެހޭ ޖަމިއްޔާ އިން ކުރަން ފަށައިފި އެވެ. މި އާ ގައިޑްލައިން ވުޖޫދަށް އައުމުން ފިލްމުގެ ސެޓުތަކުގައި ވެސް ގައިދުރުކޮށް އުޅުން މަޖްބޫރު ވާނެ އެވެ.

ގިނަ ބަޔަކު އެއް ތަނެއްގައި މަސައްކަތް ނުކޮށް ފިލްމެއްގެ ޝޫޓިން ކުރިޔަށް ގެންދެވޭނެ ގޮތެއް ވެސް ނޯންނާނެތީ އާ ގައިޑްލައިންގައި އެކަކު އަނެކަކާ ވީހާވެސް ދުރުގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތްތަކެއް ކަނޑައަޅާފައި ހުންނާނެ ކަމަށް ވެއެވެ.

ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން އިންޑިޔާ ލޮކްޑައުންއަކަށް ގޮސްފައި އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ ފިލްމު ޕްރޮޑިއުސްކުރުމުގެ މަސައްކަތް ވެސް ވަނީ މުޅިން ހުއްޓިފަ އެވެ. އަދި ލޮކްޑައުން ނިމުމަކަށް އައިސް އާންމު ހާލަތަކަށް ބަދަލުވީ ދުވަހަކުން ފިލްމީ މަސައްކަތްތައް ފަށާއިރު ވެސް ކުރިޔާ ޚިލާފަށް ވަރަށް ގިނަ ޕްރޮޓޮކޯލްތައް ބަހައްޓަން ޕްރޮޑިއުސާސް ގިލްޑުން ދަނީ މަސައްކަތް ކުރަމުންނެވެ.

އާ ގައިޑްލައިނެއް ތައްޔާރުކޮށް އެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރަން ފިލްމު އުފައްދާ ހުރިހާ ފަރާތްތަކަކަށް ވެސް މަޖްބޫރުކުރަނީ އަނެއްކާވެސް އިތުރަށް ކޮރޯނާވައިރަހުގެ ނުރައްކާ ބޮޑުވިޔަ ނުދިނުމަށާއި އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށެވެ.

ފެޑެރޭޝަން އޮފް ވެސްޓާން އިންޑިއާ ސިނެ އެމްޕްލޯއީޒް (އެފްޑަބްލިޔުއައިސީއީ) ގެ ސެކްރެޓަރީ ޖެނެރަލް އަޝޯކް ޑޫބޭ ވިދާޅުވި ގޮތުގައި ފިލްމުގެ ޝޫޓިންގްތައް ފެށޭނެ ދުވަހެއް ވެސް އަދި ޚިޔާލުކޮށްލަން ވެސް ނޭނގެ އެވެ. ސަބަބަކީ މުމްބައި އަކީ ރެޑް ޒޯނަކަށް ވާތީ އެ ރަށުން ކޮރޯނާވައިރަހުގެ ބިރު ފިލާނެ ދުވަހެއް ނޭނގޭތީ އެވެ.

އެހެންވެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެ ފެޑެރޭޝަންގެ މެމްބަރުންނާ ބައްދަލުކޮށް ގައިޑްލައިން އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަޝޯކް ވިދާޅުވި އެވެ

އެގޮތުން ފެޑެރޭޝަނުން ތައްޔާރުކުރާ ގައިޑްލައިންގައި ހިމެނޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ފިލްމުގެ ސެޓުތަކަށް އަންނަ މީހުން ކޮރޯނާވައިރަހަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއަކާ އެކު ނޫނީ ބައިވެރި ނުކުރުން ހިމެނެ އެވެ. އެއީ އެކްޓަރުން، ޓެކްނީޝަނުން، އަދި ސްޓަންޓްމޭނުން ކަމަށް ވިޔަސް އެއްވެސް ފިލްމެއްގެ ޝޫޓިންގެއްގައި އެމީހަކަށް ބައިވެރިވެވޭނީ ކޮރޯނާވައިރަހަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވެފައިވާނަމަ އެވެ.

މިގޮތަށް ޓެސްޓްކުރާނީ ހަމައެކަނި ހުން ބަލައިގެނެއް ނޫނެވެ. ކޮންމެ މީހަކުވެސް ޑޮކްޓަރަށް ދައްކައި ކޮރޯނާވައިރަސް ހުރިހާ ސްވޯބު ޓެސްޓް ހަދަން މަޖްބޫރުވާނެ އެވެ.

އަދި ސެޓުގައި ހުރިހާ އެންމެން ވެސް ތިބެން ޖެހެނީ މާސްކް އަޅައިގެންނެވެ. ހަމައެކަނި އެ މަންޒަރެއް ނަގަން ތައްޔާރުވުމުން މާސްކް ނަގައި މަންޒަރު ޝޫޓްކޮށް ނިމުމުން އަނެއްކާވެސް މާސްކް އަޅަން ޖެހޭނެ އެވެ.

އެކްސްޓްރާސްގެ ގޮތުގައި މަސައްކަތް ކުރާ މީހުން ވެސް ފިލްމުގެ ތަރިންނާ މާ ކައިރީގައި ތިބެގެން ޝޫޓްކުރަން ޖެހޭނަމަ އެމީހުން ވެސް ކޮރޯނާވައިރަސް ހުރިތޯ ޓެސްޓްކުރަން ޖެހެ އެވެ.

އާޓިސްޓުން އާންމު ގޮތެއްގައި ޝޫޓިންގް އަށް ދަނީ އެމީހުންގެ ސަޕޯޓް ސްޓާފުންގެ ގޮތުގައި މަސައްކަތްކުރާ ގިނަ ބަޔަކު ވެސް ގޮވައިގެންނެވެ. ނަމަވެސް މިހާރު އަލަށް ހަދާ ގައިޑްލައިންގެ ދަށުން އެމީހުން ގެއިން ޝޫޓިންގަށް އަންނަން ޖެހޭނީ ކުރަން ޖެހޭ ހުރިހާ ތައްޔާރީއެއް ކޮށްގެންނެވެ. އަދި ސަޕޯޓް ސްޓާފުން ވީހާވެސް މަދުން ގެނައުމަށް ވެސް މި ގައިޑްލައިން ބާރު އަޅަ އެވެ. މިސާލަކަށް ގެއިން މޭކަޕްކޮށް އިސްތަށިގަނޑު ވެސް ސްޓައިލް ކޮށްގެން އައުމުން ދެން އެންމެ މީހަކު ހުރެގެން ވެސް މޭކަޕާއި އިސްތަށިގަނޑު ރަނގަޅުކުރުމުގެ ކަންތައް ކުރިޔަށް ގެންދެވޭ ކަހަލަ ގޮތަކަށް ރާވައިގެންނެވެ.

އާ ގަވާއިދު ބުނާ ގޮތުން ފިލްމުގެ ސެޓަށް ގެންނަން ޖެހޭނީ ވީހާ ވެސް މަދު ބައެކެވެ. ޓެކްނީޝަނުންނާއި އާޓިސްޓުންގެ ތެރެއިން ވެސް ކޮންމެހެން ބޭނުންވާ މީހުން ފިޔަވައި އިތުރު މީހުން ނުގެނައުމަށް މި ގައިޑްލައިން ބާރު އަޅަ އެވެ.