ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

ލޮކްޑައުން ނިންމަން ލެވެލް ބަދަލުވާންޖެހޭ!

ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ތެރެއިން އެތައް ފިލާވަޅެއް ދަސް ވެއްޖެ އެވެ. ކަންކުރަމުން އައި އެތައް ގޮތެއް ލޮކްޑައުން އާއެކު ބަދަލު ކުރަން ވެސް ޖެހުނެވެ. މާލެއަށް ގެނައި ލޮކްޑައުން މިހާރު މި އޮތީ "ފާޑަކަށް" ލުއި ކުރަން ފަށާފަ އެވެ. ދެ ހަފުތާއަށް ލޮކްޑައުން ލުއި ކުރަން ކަނޑައަޅާފައިވާ އިރު މިއީ އާންމުންގެ އެއްބާރުލުމެއް ބޭނުން ވާނެ ވެސް ވަގުތެކެވެ. އަލުން ފުލް ލޮކްޑައުންއަކަށް ނުގެންދިއުމުގެ ބާރު އޮތީ އާންމުންގެ އަތުގަ އެވެ.

ލޮކްޑައުނަށް ދާން ބޭނުން ނުވަނީ އެއީ ހާސް ބޮޑު ދިރިއުޅުމެއް ކަމުގައި ވާތީ އެވެ. މާލޭގެ ވައި ނުވަންނަ އިރުގެ އަލިކަން ނުލިބޭ އެތައް އެޕާޓްމަންޓެއްގައި އެއްފުރާޅެއްގެ ދަށުގައި މީހުން އެބައުޅެ އެވެ. ކޮންމެ މީހަކު ވެސް އަމިއްލަ ނަފްސަށް ވަގުތު ކޮޅެއް ބޭނުން ވެއެވެ. އެ ވަގުތުކޮޅަކީ މޫދު ކައިރިން ކަނޑުގެ ލޮނު ވައި ޖައްސާލަން ނުކުންނަ ވަގުތު ނޫނީ ބޫޓަށް އަރައިގެން ހިނގާލަން ދާ ވަގުތު ކަމުގައި ވިއަސް މެއެވެ.

ބައެއް ފަހަރަށް ލޮކްޑައުންގައި ދުވަސް ދިގު ވެގެން ދެއެވެ. ކޮންމެ ދުވަހަކު ހޭލާފައި ތަކުރާރުކޮށް އެއްކަމެއް ކުރާ ކަމުގެ އިހުސާސް ކުރެވެ އެވެ. އާ ކަމެއް ނުވަތަ އާއްމުކޮށް ފެންނަ މީހުން ނޫން އެހެން މީހެއް ނުފެދި އެއް ގޮތަކަށް އޮވެގެން ދުވަސް އޮއްސެނީ އެވެ.

ތަނެއްގައި ބަންދުވެފައި ދިގު މުއްދަތަކަށް ތިބުމަކީ މީހާއަށް އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން އަސަރުތަކެއް ކުރާނެ ކަމެކެވެ. މި ލޮކްޑައުންގެ ސަބަބުން އަލަށް އެ ކަންކަން ތަހައްމަލު ކުރާނެ އެތައް ބަޔަކު ވެސް ތިބެދާނެ އެވެ.

ލޮކްޑައުން އާއެކު ގިނަ މީހުނަށް ނިދުން ވެސް އޮޅުނެވެ. އަދި 24 ގަޑި އިރު ގޭތެރޭ ތިބެން ޖެހުމުން އާއްމުކޮށް އޮންނަަ ޝެޑިއުލް ވެސް އޮޅުނެވެ. ސުކޫލަށާއި އޮފީހަށް ދިއުން ނެތިގެން ދިއުމަކީ ނިދުމުގެ ޝެޑިއުލްއަށް ކުދިންނާއި ބޮޑެތި މީހުންގެވެސް ބަދަލުތަކެއް އައި ކަމެކެވެ. ދުވާލު ގިނަ އިރު ނިދާ ރޭގަނޑަށް ހޭލާ ހުރުމުން ވެސް އަސަރުތައް ކުރި އެވެ.

މިއީ އާދައިގެ އާންމު މީހަކަށް ލޮކްޑައުންގައި އައިސްފައިވާނެ ބަދަލުތަކެވެ. މިއަށްވުރު ފުޅާކޮށްލައިފި ނަމަ ލޮކްޑައުންގެ ސަބަބުން ވަޒީފާ ގެއްްލި، ކުލި ނުދެއްކި ގޮތްހުސްވެފައިވާ މީހުން އެބަތިއްބެވެ. ލޮކްޑައުންގެ ތެރޭގައި މަގުމަތިވި މީހުނާއި ލޮކްޑައުންގެ ސަބަބުން ގެވެށި އަނިޔާ އަދި ކުޑަކުދިންނަށް ކުރާ އަނިޔާ އިތުރުވެގެންދާނެ ކަމުގެ ބިރު ވެސް އެބައޮތެވެ.

މި ލޮކްޑައުންގައި މާބަނޑު މީހުންނަށް ބޭނުންވާ ބޭސް ފަރުވާ ނުލިބި ދަރިފުޅު ބަނޑަށް މަަރުވުމުގެ ކޭސްތަކެއް ވެސް ފެނިގެން ދިޔަ އެވެ. ލޮކްޑައުނާ ހެދި ހިތާމަވެރި ކަންކަމާއި ވެސް ކުރިމަތިލާން ޖެހިފައި ވެއެވެ. މިކަހަލަ އެތައް ކަމަކާއި ހެދި ލޮކްޑައުންގައި ތިބޭވޭކަށެއް ނެތެވެ.

ކޮވިޑް-19 އިގެ ފުރަތަމަ ފޭސް ނިންމާ ދެވަނަ ފޭސް ނުވަތަ ނިއު ނޯމަލްއަކަށް މިސްރާބު ޖަހާއިރު މި ބަލިން ރައްކާތެރި ވެވެން ނުވަތަ އަލުން ފުލް ލޮކްޑައުންއަކަށް ނުގޮސް ވާން އޮތީ އަމިއްލަ ޒިންމާ އަދާ ކޮށްގެނެވެ.

އެންމެންގެ އެއްބާރުލުމާއެކު ބަލި ފެތުރޭ ވަރު، އިންފެކްޝަން ރޭޓް މި ވަނީ ދަށް ކުރެވިފަ އެވެ. އެހެންކަމުން މިއީ ހިއްވަރާއެކު ފަރުދީ ޒިންމާ އެހެން ލެވެލްއަކަށް ގެންދަންވީ ވަގުތެވެ. މިކަން ކުރެވެން އޮތީ ނިއުނޯމަލްގެ ގޮތުގައި އުޅެން ކަނޑައަޅާފައިވާ ގޮތްތަކަށް ބޯލަނބައިގެންނެވެ.

ސާފު ތާހިރު ކަމަށް ސަމާލުވެ އަތް ދޮވުމާއި، ބޭރަށް ނުކުންނަ އިރު މާސްކު އެޅުމާއި، އިޖްތިމާއީ ގައިދުރު ކުރުން ބެހެއްޓުމާއެކު ހުއްދަތަކާއެކު ނުކުތުމެވެ. މިއީ ކުރެވެންވާނެ ކަންކަމަވެ. ފަރުވާކުޑަ ނުކުރަންވީ ދަނޑިވަޅަކީ މިއީ އެވެ. އެހެން މީހަކު މިގޮތަށް އަމަލު ނުކާރާނަމަ ވެސް ވިސްނައިދޭނީ އެވެ. ލޮކްޑައުން އިން އަހަރުމެންނަށް އަރައިގަނެވެން އޮތީ އަމިއްލައަށް ރައްކާތެރިވެގެން އެކަންޏެއް ނޫނެވެ. އެއްމެން ރައްކާތެރިވެ ތިބިގެނެވެ. ނިއުނޯމަލްގައި ކޮންމެ މީހަކު އެމީހެއްގެ ޒިންމާ އަދާ ކުރޭތޯ ބަލަން ފުލުހެއް ނުބެހެއްޓޭނެ އެވެ.