އަނބިމީހާއަަށް އަނިޔާކޮށް ދަރިންނަށް އިންޒާރުދިން ކަމަށް ބުނާ މީހާ ހައްޔަރު ކޮށްފި އެވެ.
އަންހެން މީހާއަށް އަނިޔާކޮށް ދަރިންނަށް އެ ކުދިންގެ ބައްޕަ އިންޒާރުދޭ މައްސަލަ ސޯޝަލް މީޑިއާގައި އާންމުކުރީ އެ މީހުންގެ ފިރިހެން ދަރިއެކެވެ. އެ ކުއްޖާވަނީ ބައްޕަ އޭނާގެ މަންމައަށް އަނިޔާކުރާ ކަމަށާ ދައްތައަށް އިންޒާރުވެސް ދީފައިވާ ކަމަށް ބުނެފައެވެ.
އަދި ބައްޕަގެ އައިޑީކާޑުގެ ފޮޓޯއަކާއެކު އޭނާ ހޯދާދިނުމަށް އާންމުންގެ އެހީއަށް ވަނީ އެދިފައެވެ.
ފުލުހުން ބުނީ އަނބިމީހާއަަށް އަނިޔާކޮށް ދަރިންނަށް އިންޒާރުދިން ކަމަށް ބުނާ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެ މީހާ ހައްޔަރުކޮށް އެކަން އާއިލާއާ ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ބައްޕަގެ ވާހަކަތައް ހިއްސާކުރަމުން އޭނާގެ ދަރިފުޅު ބުނީ މީގެ ކުރިންވެސް ތަކުރާރުކޮށް ބައްޕަގެ އަނިޔާ މަންމައަށް ލިބެމުންދާތީ އެ މައްސަލަ ދެ ފަހަރެއްގެ މަތިން ފުލުހުނަށް ހުށައެޅި ކަމަށެވެ. ނަމަވެސް އެ ދެ ފަހަރުވެސް މައްސަލަ ނެގީ އެކަން ތަކުރާރުނުވާނެ ކަމަށް ބައްޕަ ބުނުމުން ކަމަށެވެ.
ރޭ އެ މީހުން އުޅޭ ގެއަށް އޭނާ އައިސް މަންމައަށް އަނިޔާކޮށް ތިން މައިންނަށް މަރުގެ އިންޒާރުވެސް ދީފައިވާ ކަމަށް ވަނީ ބުނެފައެވެ.