ބޮލީވުޑް

ސަލްމާންގެ "ރާދޭ" ޑިޖިޓަލް ރިލީޒްއަކަށް ހިނގައިދާނެބާ؟

ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން އިންޑިއާ ލޮކްޑައުން ވެފައިވާތާ މޭ 24 އަށް ދެ މަސް ފުރޭނެ އެވެ. ލޮކްޑައުން އަށް ދިއުމުގެ ދެ ހަފުތާ ކުރިއްސުރެ އެ ގައުމުގެ ފިލްމު އިންޑަސްޓްރީތަކުގެ މަސައްކަތް ހުއްޓާލާފައި އޮތުމުގެ ސަބަބުން ފިލްމެއްގެ މަސައްކަތެއް އެއްވެސް ބަޔަކު ނުކުރާތާ މިއަށް ވުރެ ވެސް ގިނަ ދުވަސް ވާނެ އެވެ.

އަދިވެސް އެ ގައުމުގައި ކޮރޯނާވައިރަހުގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސް ވަމުންދާތީ އަދިވެސް ފިލްމުތަކުގެ މަސައްކަތް ކުރެވޭނެ ގޮތެއް ނެތި ފިލްމު އިންޑަސްޓްރީއަކީ އިންޑިޔާގައި އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާނެ އިންޑަސްޓްރީކަން މިހާރު ވަނީ ޔަގީންވެފަ އެވެ.

އެންމެ ފުރަތަމަ ބަންދު ކުރި އިންޑަސްޓްރީ ގޮތަށް އެންމެ ފަހުން ހުޅުވާނެ އިންޑަސްޓްރީއަކީ ވެސް ފިލްމު އިންޑަސްޓްރީކަމުން ކުރިޔަށް އޮތް ދެ ތިން މަހު ވެސް ފިލްމެއްގެ އެއްވެސް މަސައްކަތެއް ފަށާނެ ކަމާ މެދު ޝައްކެވެ. އަދި ސިނަމާތަކުން ފިލްމުތައް ދައްކަން ފެށިޔަސް ކުރިން ފިލްމު ބަލަން ސިނަމާ ހޯލްތައް ފުރެންދެން މީހުން ވަން ގޮތަށް ދެން ނުވަދެދާނެކަމުގެ ކަންބޮޑުވުން ވެސް އިންޑަސްޓްރިގެ މީހުންނަށް އެބައޮތެވެ.

މި ހާލަތުގެ ބޭނުން ހިފައި އޯޓީޓީ ޕްލެޓްފޯމްތައް ހިންގާ ފަރާތްތަކުން މިހާރު ދަނީ ފިލްމު އުފައްދާ ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅައި އެ މީހުން ތައްޔާރުކުރާ ފިލްމުތައް ޑިޖިޓަލްކޮށް ރިލީޒް ކުރުމުގެ ފުރުސަތު ދިނުމަށް އެދެމުންނެވެ.

އެގޮތުން ބައެއް ފަރާތްތަކާ ދައްކަމުންދާ ވާޙަކަތަކަށް ވަރަށް ބޮޑަށް ކުރިއެރުންތައް ލިބިފައި ވެސް ވެއެވެ. ޚާއްސަކޮށް ކުދި ބަޖެޓު ފިލްމުތައް އޯޓީޓީ ޕްލެޓްފޯމްގައި ރިލީޒްކުރުމަކީ މިހާރު ޕްރޮޑިއުސަރުން ވަރަށް ސީރިއަސްކޮށް ވިސްނަމުންދާ ކަމެކެވެ. އަދި ބޮޑު ބަޖެޓް ފިލްމުތަކުގެ ތެރެއިން އަކްޝޭ ކުމާރުގެ "ލަކްޝްމީ ބޮމް" ޑިޖިޓަލް ކޮށް ރިލީޒްކުރާ ފުރަތަމަ ފިލްމަށް ވާނެ ކަމުގެ އަޑުތައް ވަރަށް ގަދަ އެވެ.

އަންނަ ފިތުރު އީދުގައި ރިލީޒްކުރުމަށް ސަލްމާން ޚާން ކުޅެމުންދިޔަ "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" ވެސް ވެބް ސްޓްރީމްކުރާ ބޮޑެތި ކުންފުނިތަކާ އެކު މަޝްވަރާ ކުރަން މިހާރު ތައްޔާރަށް އޮތް ކަމަށް ވެސް ފަހުގެ ޚަބަރުތައް ބުނެ އެވެ.

ސަލްމާންގެ މެނޭޖަރު ޖޯޑީ ޕަޓޭލް ވެސް ވަނީ މިފަދަ ހުށަހެޅުންތަކަށް ސަލްމާން ވެސް ތައްޔާރުކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކާފަ އެވެ. އޭނާ ބުނެފައިވަނީ އެ ފިލްމަށް އޯޓީޓީ ޕްލެޓްފޯމަކުން 250 ކްރޯޑު ހުށަހަޅާފައިވާ ކަމަށާއި އެ ހުށަހެޅުމާ މެދު ވިސްނަމުންދާ ކަމަށެވެ.

ނަމަވެސް އިންޑިޔާގެ އޮންލައިން ނޫހަކުން ސަލްމާންގެ މެނޭޖަރާ ގުޅުމުން އޭނާ ބުނީ ވަކި އަދަދެއް ހުށަހެޅިކަމަށް އޭނާ ނުބުނާ ކަމަށެވެ. އޭނާ ބުނީ އޯޓީޓީ ޕްލެޓްފޯމްގައި ފިލްމު ރިލީޒްކުރުމަށް އެމީހުން ތައްޔާރު ކަމަށާއި ނަމަވެސް އެފަދަ ނިންމުމެއް ނިންމާނީ ފިލްމުގެ މަސައްކަތް ނިންމާލެވޭއިރު ގައުމުގެ ހާލަތު އޮތް ގޮތަކަށް ބަލާފައި ކަމަށެވެ.

ފަހަރެއްގައި 250 ކްރޯޑަކީ ޑިޖިޓަލް ޕްލެޓްފޯމްތައް ހިންގާ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރާނަމަ ސަލްމާން މެން ހުށަހަޅާ އަގަށް ވެދާނެ އެވެ. ނަމަވެސް ސަލްމާންގެ މެނޭޖަރު ބުނީ ފިލްމުގެ ލަވަތަކާއި ބައެއް މަންޒަރުތައް އަދި ނުނިމި އޮތީމަ އަދި ފިލްމުގެ އަގު ކިޔަން މާ އަވަސް ކަމަށެވެ.

"ރާދޭ" ރިލީޒްކުރުން ކިހާ ދުވަހަކަށް މަޑުޖައްސާލުމުގެ ވިސްނުމެއް ގެންގުޅޭ ހެއްޔެވެ؟ ޖޯޑީ ބުނީ އެންމެ އަވަސްވެގެން ވެސް ސިނަމާތައް ހުޅުވޭނީ އޮގަސްޓް ނުވަތަ ސެޕްޓެމްބަރު ހިސާބުގަ އެވެ. އެހިސާބުން ދެން ބަލަން ޖެހޭނީ ފިލްމު ބެލުމުގެ ޝައުގުވެރިކަން މީހުންގެ ހުރި މިންވަރެކެވެ. ޝައުގުވެރިކަން ކުޑަކަމަށް ފެނިއްޖެނަމަ ޑިޖިޓަލް ރިލީޒްއަކަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.