ލައިފްސްޓައިލް

ހަފްތާ ބަންދުގައި ފަލަވޭތަ؟

Sep 18, 2015

ހަފްތާގެ ގިނަ ދުވަހު އުޅެވެނީ ކެވޭ އެއްޗަކަށް ބަލައިގެންނެވެ. ވީހާވެސް މަދުން ކެވޭތޯ ބަލާ ގިނައިން ކެވޭނަމަ ހަށިގަނޑަށް ފައިދާ ހުންނަ އެއްޗެހި ކައި ، ލިބޭ ކުޑަ ވަގުތު ކޮޅެއްގައި ޖޮގިން އަށް ގޮސް ނޫނީ އެކްސަސައިޒް ކޮށްގެންނެވެ.

އެކަމަކު ބުރާސްފަތި ރެއެއް ނޫނީ ބަންދެއް އަންނަ އިރަށް މިވަނީ ކިހިނެއް ހެއްޔެވެ؟ އެއްކަލަ "ވިލް ޕަވާ" އޭ ކިޔާ އެތި ކުޑަދޮރުން ފުއްމާލަނީ ކަމެއް އެއްލާލެވެނީ ކަމެއް ނޭނގެއެވެ. މާދަމާ ހުކުރެއް ނޫންހެއްޔެވެ؟ ނުނިދާ ގިނައިރު ހުއްޓަސް އޯކޭއެވެ. އަވަހަށް އޮލިވް ގާޑަންއަށް ގުޅާ ތަންދޫރީ ޕިއްޒާއަކަށް އޯޑާ ކުރަންވީއެވެ.

މުޅި ހަފްތާތެރޭ އެ "ކެއުމުގެ އެދުން" ތަކަށް ނުބޭނި ހަފްތާ ބަންދު އަންނައިރަށް މިހެން ވަނީ ކީއްވެކަން އެނގޭ ހެއްޔެވެ؟

މަސައްކަތަށް ނުކުންނަން ޖެހޭތީ ހަފްތާތެރޭ ޖެހޭނީ ހުރިހާ ކަމެއް ބަހާލާއިގެން އެންމެ އެކަށީގެންވާ ގޮތަކަށް ކުރެވޭތޯ ބަލާށެވެ. ނުވައެއް ޖަހާއިރަށް އޮފީހަށް ދާން ޖެހޭތީ ކޮންމެހެނެއްވިޔަސް  8 ގެ ކުރިން ތެދުވެ ސައިބޯން އެބަޖެހެއެވެ. ރަނގަޅަށް ހޭލެވިފަ ހުންނަން ބޭނުންނަމަ ފަތިހު ޖޮގިންއަށް ދާން އެބަޖެހެއެވެ. ރަނގަޅު ވިސްނުމެއްގައި މަސައްކަތް ކުރަން ބޭނުންވާތީ ކާން ތައްޔާރު ކޮށްފައި ހުންނަނީ ހަށިގަނޑަށް ފައިދާ ހުންނަ ކާއެއްޗެކެވެ. މެންދުރު ކާން އަބަދު އެއްގަޑިއެއްގައި ދެވޭތީ މިހާރު އެގަޑީގައި ކާން ހުންނަނީ އާދަވެފައެވެ. އޮފީސް ނިންމާލާފައި ގެއަށް ގޮސް ކުރަން ހުންނަ މަސައްކަތެއް ކޮށް ނިމޭއިރު މީހާ ހުންނަނީ ބުރާންތި އަރާފައެވެ. ދެން އަވަހަށް ފެންވަރަައިގެން ބަނޑުހައިނަމަ ކުޑައެއްޗެއް ކާލާ އަރަނީ ނިދަންށެވެ.

މީގެ ބަދަލުގައި ހަފްތާ ބަންދު ދުވަހެއްގައި ލިބޭ ހުސް ވަގުތު ގިނަ ކަމުން ކުރާ ކަމެއް ކުރެވެނީ އިންތިހާ އަށެވެ. ކާއެއްޗެއް ކާނަމަ ދެތަށި ފުރައެވެ. އެނދުމަތީގައި ލެޕްޓޮޕް ގައިމަތީގައި ބާއްވައިގެން އެތާ އޮވެ ނިދެންދެން އަނގަ ފުރައެވެ.

މިވިސްނުން ބަދަލު ކޮށް ގިނަ ވަގުތު ލިބޭތީ ތަންކޮޅެއް ފައިދާ ހުންނަ ގޮތަކަށް ހަފްތާ ބަންދު ހޭދަކޮށްލަން އެބަޖެހެއެވެ. މިގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކެއް އެބަހުއްޓެވެ.

1) ވަޒީފާއަށް ނިކުންނަން ޖެހޭ ދުވަސް ތަކުގައި 'ވޯކައުޓް" ކުރަން މާ ގިނަ ވަގުތެއް ނުލިބެއެވެ. ގަޑިއެއްހާއިރު ނޫނީ ބައިގަޑިއިރު ކޮށްލާ ނިންމާލަން ޖެހެއެވެ. ހަފްތާ ބަންދު ދުވަހު މިކަމުގައި ގިނަ ވަގުތު ހޭދަކޮށްލާށެވެ. ނޫނީ އެދެދުވަހު ޖިމަށް ދާށެވެ.

2) ނިދާ ގަޑި ބަދަލުނުކުރާށެވެ. އަވަހަށް ކޮންމެ ދުވަހަކު ނިދާ މީހެއްނަމަ އެއް ދުވަސް ދޫކޮށްލިއަސް ދެން އެ "ޕެޓާން" އެއްކޮށް ބަދަލުވާނެއެވެ. ލަހުން ތެދުވާ ދުވަހަކު ހެނދުނުގެ ނާސްތާއެއް ނުނެގޭނެއެވެ. ދުވަސް ފެށޭނީ މެންދުރު ކެއުމުންނެވެ. އެވާނީ ބޮޑު ބަތްގަނޑެއް ނޫނީ ތެލުލާފައި ހުންނަ ކޮންމެވެސް އެއްޗަކަށެވެ. ދަންވަރު ހޭލާ ގިނަ ވަގުތު ހުންނަނަމަ ބަނޑުހައި ވެގެން އެއްޗެއް ކައި ނިމޭ އިރަށް ނިދި އަންނާނެއެވެ. ކައިގެން ނިދުމަކީ މީހާ ފަލަވާން ވާރުތަ ކުރާ ކަމެކެވެ.

3) ކާބޯތަކެތި ގަންނަން މާރުކޭޓަށް ދާއިރު އެހަފްތާގައި ކާނެ އެއްޗެއް ނިންމައިގެން ދާށެވެ. ނިންމާއިރު ބަރުދަން އިތުރު ނުވާ ކަހަލަ ސިއްހަތަށް ފައިދާ ހުންނަ ކާބޯތަކެތީގެ ލިސްޓެއް ހަދާށެވެ. އެހަފްތާ ބޭނުންވީ ނާސްތާ އަށް އޯޓްސް، މެންދުރާއި ރޭގަނޑަށް އާޓާފުށާއި މަސްނަމަ ވާވަރަށް ބަންދު ތެރޭގައި ގަނެލާށެވެ.

4) ރަނގަޅެވެ. ބަންދު ދުވަހު ކަމެއް ކުރެވުނު ކަމަކަށް ވާނީ ރައްޓެހިންނާއި އެއްކޮށް ކޮފީތަކަށް އެރުމުންނެވެ. ދުވާލެއްގެ މައްޗަށް ދިހަ ފަހަރަށް ދެވުނު ކަމުގައިވިޔަސް ކޮންމެ ފަހަރަކު އޯޑަރު ދެވެނީ ލަވާޒާ ބްލެކަކަށެވެ. ނޫނީ ޗޮކުލެޓް މިލްކްޝޭކަކަށެވެ. މީގެ ބަދަލުގައި ތަންކޮޅެއް ސިއްހަތަށް ފައިދާ ހުންނަ ބުއިމެއް ބޯށެވެ.

5)  ގެއިން ބޭރަށް ނުކުންނާށެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ އޮފީހަށް ދާ ދުވަސްދުވަހު އޮފިސް ނިންމާލާފައި ގެއަށް އައިސް ބޭރަށް ނުކުންނަން ބޭނުންނުވާ ބަޔެކެވެ. އެހެންނަމަވެސް އެތަކެއް ދިރާސާތަކަކުން ދައްކާ ގޮތުގައި ގިނަ ވަގުތު ބޭރުގައި ހޭދަކުރުމުން މީހާ ހިތްހަމަޖައްސާ އުފާކޮށްދެއެވެ.

6) ބަރުދަން ކޮންމެ އާދީއްތަ ދުވަހަކުއާއި ބުރާސްފަތީގަ ބަލާށެވެ. ދެދުވަސް ތެރޭވެސްް ކެވޭ އެއްޗެއްގެ ސަބަބުންް ކިލޯއެއް އިތުރު ވެދާނެއެވެ. މިގޮތަަށް ކޮންމެ ހަފްތާއަކު ބެލުމުން އިތުރުވާނަމަ އިތުރުވަނީ ކޮން އެއްޗެއް ކައިގެންކަން އެނގޭނެއެވެ.

އެންމެ އެކަށީގެންވަނީ މަސައްކަތަށް ދާ ދުވަސްހެން ބަންދު ދުވަހުވެސް ހަމަ އެއާދަތަކެއް ކުރިއަށް ގެންދިޔުމެވެ. ރަނގަޅު ސިއްހަތަކީ އުފާވެރި ހަޔާތެކެވެ.