ސަލްމާން ހާން

ސަލްމާނާ ކައިވެނި ކުރުމާމެދު ޔޫލިއާގެ ހިޔާލު

ސަލްމާން ޚާންގެ ލޯބިވެރިޔާގެ ގޮތުގައި ޔޫލިއާ ވަންތޫރު އޭނާއާއެކު ދިރިއުޅޭތާ މިހާރު އެތައް އަހަރެއް ފާއިތު ވެއްޖެ އެވެ. އެހެންވެ އެމީހުން ކައިވެނި ކުރަނީ ކޮން އިރަކުންތޯ ސަލްމާންގެ ފޭނުން ވަރަށް ގިނައިން ސޯޝަލް މީޑިއާގައި ސުވާލު ކުރެ އެވެ. އިންސްޓަގްރާމް ލައިވްގައި އިންޑިޔާގެ އޮންލައިން ނޫހަކާ ވާހަކަ ދައްކަމުން ޔޫލިއާ ވަނީ މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

ކައިވެންޏަށް ވުރެ އެކަކު އަނެކަކާ މެދު އޮންނަ އިހްސާސްތަކާއި އެކުގައި ވަގުތު ހޭދަ ކުރުން އޭނާއަށް މާ މުހިއްމު ކަމަށެވެ.

"އަހަންނާ ގިނަ ބަޔަކު ތިކަމާ މެދު ވަރަށް ގިނައިން ސުވާލު ކުރޭ. އަދި އަހަރެން ޖަވާބު ނުދޭއިރު ވެސް ތަކުރާރުކޮށް ތި ސުވާލު އެބަ ކުރޭ އަހަންނާ. އަހަރެންގެ މައިންބަފައިން ވެސް އެބަ އަހާ އަހަރެން ކައިރީ ކޮން އިރަކުންހޭ ކައިވެނި ކުރަނީ. އެހެންވެ އަހަރެން މަންމަ ކައިރީގައި ބުނެފިން މަންމަ ބޭނުމީ އަހަރެން އުފަލުގައި ހުންނަން ހޭ؟ ނޫނީ ކައިވެނި ކުރަންހޭ؟ ސަބަބަކީ ކައިވެނި ކުރަން ބޭނުންނަމަ މާދަމާ ވެސް އަހަރެންނަށް އިންނާނެ މީހަކު ވެދާނެ،" ޔޫލިއާ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި މައިންބަފައިން ވެސް ވިސްނަން ޖެހޭނީ އޭނާ ހިތްހަމަޖެހޭނެ ގޮތަކަށެވެ. އެއީ ކައިވެނިކުރުންތޯ އުފަލުގައި ހުރުންތޯ ދެ ގޮތުން ކުރެ އޭނާއަށް ރަނގަޅު ގޮތަކަށެވެ. އެންމެ ފަހުން މަންމަ އެ ސުވާލު ކުރި ދުވަހު ވެސް އޭނާ ޖަވާބު ދިނީ އެގޮތަށް ކަމަށް ޔޫލިއާ ބުންޏެވެ.

ޔޫލިއާ ބުނީ ނަމެއްގައި ކައިވެންޏެއް ކުރުމަށްވުރެ އޭނާއަށް މުހިއްމީ މީހަކާއެކު އުފަލުގައި ކޮލިޓީ ވަގުތު ހޭދަ ކުރުމާއި އެ މީހަކާއެކު ރަނގަޅު ގުޅުމެއް ގާއިމް ކުރުން ކަމަށެވެ.

ސަލްމާނާއި ޔޫލިއާގެ ގުޅުމަށް މިހާރު އެތައް އަހަރެއް ފާއިތުވެއްޖެ އެވެ. ސަލްމާނަކީ ކޮން ކަހަލަ މީހެއްކަން ސިފަ ކޮށްދެމުން ޔޫލިއާ ބުނީ ސަލްމާން ކަހަލަ މީހަކާ ހަޔާތުގައި މިހާތަނަށް ބައްދަލު ނުވާ ކަމަށެވެ. އޭނާއަކީ ޚާއްސަ ޝަޚްސިއްޔަތެއްގެ ވެރިޔެއް ކަމަށެވެ.

"އަހަރެން ހިތަށް އަރާ މީހުން އޭނާ ދެކެ އެހާ ލޯބިވަނީ ކީއްވެ ބާއޭ. އެއީ އޭނާގެ ހިތް ރަނގަޅު ކަމުން. އޭނާގެ ދީލަތިކަމުން. އޭނާ އަބަދުވެސް ވިސްނާނީ އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، އެހެން މީހުންނަށް ރަނގަޅަށް ކަމެއް ކޮށްދީ އަދި އެހެން މީހުންނަށް ރަނގަޅު މަގަށް މަގު ދައްކައި ދިނުމަށް. މި ހުރިހާ ކަމެއް އޭނާ ކުރަނީ އެއްވެސް އަމިއްލަ އެދުމެއް ނެތި،" ޔޫލިއާ ބުންޏެވެ.

ޔޫލިއާ އެއްބަސްވީ ގޮތުގައި އޭނާވެސް ސަލްމާން ދެކެ ލޯބިވަނީ އޭނާގެ ހުރި މި ސިފަތަކުގެ ސަބަބުންނެވެ.

ޔޫލިއާ އަކީ ރޫމޭނިޔާގެ މޮޑެލް އެކެވެ. އޭނާއަށް އިންޑިޔާގައި މަޝްހޫރުކަން ލިބުނީ ސަލްމާން ޚާންގެ ލޯބިވެރިޔާގެ ގޮތުގައި އޭނާއާއެކު ދިރިއުޅެން ފެށުމުންނެވެ. ޔޫލިއާ ވަނީ ދާދި ފަހުން މަނީޝް ޕޯލް އާއެކު "ހަރްޖާއީ" ނަމަކަށް ކިޔާ މިއުޒިކް ވީޑިއޯއެއްގައި ބައިވެރިވެފަ އެވެ. މި ވީޑިއޯގައި އިވިގެންދާ ލަވަ ވެސް ކިޔާފައިވަނީ ޔޫލިއާ އާއި މަނީޝް އެވެ.