ކަރަން ޖޯހަރް

ބައްޕަގެ ރޯލުތަކަށް ކަރަން ޖޯހަރް ތައްޔާރު

ލޮކްޑައުންގެ ސަބަބުން ބޯ ކަޅު ނުކުރެވިގެން ކަރަން މިހާރު ފެންނަނީ ބޮލުގައި ހުރި ނުރަތައް އެންމެންނަށް ދައްކާލުމުގެ މޫޑެއްގައި ހުރި ތަނެވެ. އޭނާ ދާދި ފަހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ފިލްމުތަކުގައި ބައްޕަގެ ރޯލު ކުޅެން ވެސް ތައްޔާރު ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"އަހަންނަށް އެނގޭ އަހަރެންގެ މިހާރުގެ އެކްޓިން ނުރައްކާތެރި ވައިރަސްއަށް ވުރެ ވެސް ބިރުވެރިކަން. ނަމަވެސް ދެ ވަނަ ފުރުސަތަކަށް އުންމީދު ކުރުމަކީ ވެސް ގެއްލުމެއް އޮތް ކަމެއް ނޫން. އެހެންވީމަ ހުރިހާ ކާސްޓިން ޑައިރެކްޓަރުންނާއި ފިލްމު އުފައްދާ މީހުން އަދި ފާޑުކިޔާ މީހުންނަށް އަހަރެން މި އިއުލާން ކުރަނީ ބައްޕަގެ ރޯލުތަކަށް އަހަރެން ތައްޔާރޭ،" ކަރަންގެ ޕޯސްޓްގައި ބުނެފައި ވެއެވެ.

ކަރަންގެ މިގޮތަށް އިއުލާން ކުރުމުން ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ބައެއް މީހުން ވަނީ ވަގުތުން އޭނާއަށް ބައެއް ރޯލުތައް ހުށަހަޅާފަ އެވެ. އަނެއްބަޔަކު ވަނީ ކަރަން އާ ދިމާ ކޮށްލައި ވަރަށް މަޖާ ތަފާތު ވާހަކަތައް ދައްކާފަ އެވެ.
ކަރަންގެ ޕޯސްޓަށް ޖަވާބު ދެމުން އެކްތާ ކަޕޫރު ވަނީ ވަގުތުން އޭނާއަށް ޓީވީ ސިލްސިލާއަކުން ރޯލެއް ދޭން އެއްބަސްވެ އެވެ. ރީޝަބް ބަޖާޖްގެ ވެސް ހުންނަނީ ނުރަ އިސްތަށިގަނޑެއް ކަމަށާއި އެއާއެކު ވެސް އޭނާ ވަރަށް ހޮޓް ކަމަށާއި އެ ރޯލު އޭނާއަށް ލިބިދާނެ ކަމަށް އެކްތާ ބުނެފައި ވެއެވެ.

އަނިލް ކަޕޫރުގެ ކޮމެންޓްގައި އޭނާ ފަދަ އެކްޓަރުންގެ ބަނޑުގައި ކޮޅުފައިން ޖަހަން ކަރަން އުޅޭ ކަމަށް ބުނެ ކަރަން އާ ދިމާކޮށްލާފައި ވެއެވެ.

ފިލްމު ޑައިރެކްޓަރު ފަރާ ޚާން ކުރި ކޮމެންޓްގައި ބަތަލާއަށް ވުރެ ވެސް ކަރަންގެ މެއިންޓެނެންސް ޚަރަދު ބޮޑުވާނެ އެވެ.
މިއުޒިކް ޑައިރެކްޓަރު ވިޝާލް ދަދްލާނީ ބުނީ ކަރަންގެ އަމިއްލަ ފިލްމު ކުންފުނީގެ ފިލްމެއްގައި އޭނާއަށް ބައިވެރި ވެވިދާނެ ކަމަށެވެ.

ގިނަ ބަޔަކު ކަރަން އާ ދިމާކޮށްލާފައިވާއިރު އަނެއް ބަޔަކު ވަނީ އެކްޓަރެއްގެ ގޮތުން އަލުން ކަރަން ފިލްމު ކުޅެން ފެށުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ އެކަމާ އުފާކުރާ ކަމަށް ބުނެފަ އެވެ.